އަނބުމޫސުމުގައި ތައްޔާރު ކޮށްލަން ހަމަ އެއްވަނަ، ދޮންއަނބު މޯޗީ
ބޭނުންވާ ތަކެތި
- 110 ގްރާމް ގްލޫޓިނަސް ހަނޑޫ ފުށް (ސްޓިކީ ރައިސް ފުށް/ ސްވީޓް ރައިސް ފުށް ވެސް ކިޔާއުޅޭ)
- 30 ގްރާމް ކޯންސްޓާޗް
- 10 ގްރާމް ޕަމްޕްކިން ޕައުޑަރ (ބަރަބޯ ފުށް)(މި ނޭޅިއަސް އެންމެ ރަނގަޅުވާނެ)
- 30 ގްރާމް ގްރެނިއުލޭޓެޑް ހަކުރު(ވައިޓް ޝުގަރ)
- 170 އެމްއެލް ރޯ ކިރު
- 20 ގްރާމް އަންސޯލްޓެޑް ބަޓަރު
- ރީނދޫ ކުލަ ކޮޅެއް، (ދެ އިނގިލިން ނެގޭވަރުގެ ކުޑަކުޑައެތިކޮޅެއް)
ފިލިންގްސް އަށް
- ވިޕްޑް ކްރީމް
- 260 ގްރާމް ހެވީ ކްރީމް
- 50 ގްރާމް ކްރީމް ޗީޒް
- 30 ގްރާމް ގްރެނިއުލޭޓެޑް ހަކުރު (ވައިޓް ޝުގާރ)
- ދޮންއަނބު ސޯސް (ތާޒާ ދޮންއަނބު ގާނާ ޗަސްކޮށްފައި ފުރޭންޏަކުން ފުރޭނުމަށްފަހު އެބައި ސޯސްގެ ގޮތުގައި ބޭނުން ކުރުމުން، ރަހަ މާ މީރުވާނެ)
- 300 ގްރާމް ތާޒާ ދޮންއަނބު އަނބު ކޮށާފައި (ދިވެހި އަނބުގެ ރަހަމީރުވާނެތީ އަޅުގަނޑުމެން ހިޔާރުކުރީ ދިވެހި ދޮންއަނބު)
- 50 ގްރާމް ހަކުރު

ދޮން އަނބު މޯޗީ، ރަހަ ހިތަށްއަރާމު ދޭހާ މީރު / ރެސިޕީ، ފޮޓޯ: ޝަފާ – ހުވަދޫމީޑިއާ
ގްރާމް ގްލޫޓިނަސް ހަނޑޫ ފުށް، ކޯންސްޓާޗް، ހަކުރު، ރޯ ކިރު، ތަށްޓަކަށް އަޅާށެވެ. ރީނދޫ ކުލަކޮޅު އަޅައި ރަނގަޅަށް ގިރައި އެއްކޮށްލާށެވެ. ރަނގަޅަށް އެއްވުމުން ތަވައަކަށް އަޅައި މަޑުމަޑު ގިނީގައި މަޑުމަޑުން ދޭފަތަކުން ހަލުވައި އެއްކުރަމުންދާށެވެ. ރަނގަޅަށް އޮލަވާން ފެށުމުން ބަޓަރކޮޅު އަޅާށެވެ. އަދި އެއްކުރަމުން ގޮސް ފުށްގަނޑެއް މޮޑެވޭހެން ވުމުން ނަގައި މޭޒުމަތީގައި ނޫނީ ޓްރޭގައި ރަނގަޅަށް ހެޔޮވަރުވަރަކަށް މޮޑެވެންދެން ފުށްގަނޑެއްމޮޑޭ ގޮތަށް މޮޑެލާށެވެ. އަދި ދެން ދިގަށް ވާގޮތަށް ފޯއްޔެއް ގޮތަށް ފުށްގަނޑު ދަމާލުމަށްފަހު އެއްވަރު އެއްވަރުކޮށް ގުޅަގުޅައަށް ކަފާލާށެވެ. އަދި ގުޅަ އޮމާންކޮށްލައި ރޮށިދަމާހެން އެކަމަކު ވަރަށް ކުޑަކުޑަކޮށް ދަމާލާށެވެ.
ރަނގަޅަށް މަޑުކޮށްފައިވާ ކްރީމް ޗީޒް އާއި ހަކުރު ތަށްޓަކަށް އަޅައި އެއްކޮށްލުމަށްފަހު، ހެވީ ކްރީމް އެޅުމަށްފަހު ހޭންޑް މިކްސަރެއް ބޭނުންކޮށްގެން އެއްކޮށްލާށެވެ. ޕައިޕިން ކޮތަޅަކަށް އަޅާލާށެވެ.

ދޮން އަނބު މޯޗީ، ރަހަ ހިތަށްއަރާމު ދޭހާ މީރު / ރެސިޕީ، ފޮޓޯ: ޝަފާ – ހުވަދޫމީޑިއާ
މޯޗީ ބޯލްސް ކުޑަކޮށް ރޮށިދަމާހެން ދަމާލުމަށްފަހު،ކަޕްކޭކުތަށި، ވަށް ތަށްޓެއް ނޫނީ މޯލްޑެއް މަތީ ބާއްވާށެވެ. އަދި ވިޕްޑް ކްރީމްގައި ޕައިޕުން ކްރީމް ފިލް ކުރުމަށްފަހު އޭގެ މެދުގައި ދޮންއަނބުސޯސް އަދި އަނބު ކިއުބްސް އަޅާށެެވެ. އަދި އަނެއްކާވެސް އިތުރު ވިޕްޑް ކްރީމު ލޭޔަރަކުން ކަވަރުކޮށް، ހަތަރުފަރާތުން މޯޗީ ފުށްގަނޑު ގެނެސް ގުޅައެއްހެން ތަތްކޮށްލާށެވެ.
މޯޗީ ތައް ޓްރޭއެއްގައި އަތުރާލުމަށްފަހު މައްޗަށް އަނބު އައިސިންޝުގަރ ވިއްސާލާށެވެ.
މިހާރު ތިހިރީ ދޮންއަނބު މޯޗީ ތައްޔާރުކުރެވިފައެވެ. އަޅެ މީރެއް ނޫންހެއްޔެވެ؟

