ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް, އެމްއެންޔޫއެސްޔޫގެ ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފްއީއެސްއޭ) އާއި އެމްއެންޔޫއެސްޔޫ އާއި ތަރަހަ އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން “މަދަދުވެރި ހިތަކުން” ގެ ނަމުގައި މާލޭގައި ބޮޑު ހަރަކާތެއް ފަށައިފިއެވެ.
އެފްއީއެސްއޭގެ ރައީސާ އައިޝަތު މައީޝާ ހާތިމް ވިދާޅުވި ގޮތުގައި މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ ހާލުގައި ޖެހިފައިވާ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
“އަސްލު މި ބަރަކާތްތެރި ރޯދަ މަހުގައި އެ ހަރަކާތް އަޅުގަނޑުމެން ހިންގަނީ ހާއްސަކޮށް މި މާތް މައްސަރުގައި ކުރިއަށް ގެންދިއުމަށް ވަރަށް ރަނގަޅު ކަމަކަށްވާތީ،” މައީޝާ
މި ހަރަކާތް ކުރިއަށް ގެންދާނީ ރޯދަ މަހުގެ ބާކީ އޮތް ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ނަމާދަށް ފަހު
- އިސްލާމިކް މަރުކަޒާއި،
- ސަލްމާން މިސްކިތާއި،
- މާވެޔޮ މިސްކިތުގައި
- މި ތިން މިސްކިތުގައި ހުކުރު ވަގުތުގަޔާއި ހުކުރަށް ފަހު ޣައްޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ފަންޑު ފޮށި ބެހެއްޓިފައި ހުންނާނެ
އޭގެ އިތުރުން، އީދު ދުވަހުގައި ބޮޑު ޖަމާއަތްތަކުގައި ނަމާދުކުރާ ސަރަހައްދުތަކުގައި ވެސް ފަންޑު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ. މި ހަރަކާތުން ޖަމާކުރެވޭ ފައިސާ ހަވާލުކުރާނީ އިސްލާމިކް މިނިސްޓްރީއަށް ކަމަށާއި، އެ މިނިސްޓްރީ މެދުވެރިކޮށް ފަލަސްތީނުގެ ރައްޔިތުންނަށް އެ ފައިސާ ފޯރުކޮށްދެވޭނެއެވެ.
މި ހަރަކާތުގެ ކާމިޔާބީއަށްޓަކައި، ވީހާވެސް ގިނަ ރައްޔިތުން މި ހަރަކާތުގައި ބައިވެރިވުމަށް މައީޝާ ވަނީ ގޮވާލައްވާފައެވެ. މި ހަރަކާތަކީ ރަމަޟާން މަހުގެ ހެޔޮ އަމަލުތަކުގެ ތެރެއިން އެއް އަމަލު ކަމަށާއި، ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަކީ އިސްލާމީ އުއްމަތުގެ ޒިންމާއެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

