އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކްލަބް، ލިވަޕޫލްގެ “އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރު”ގެ ގޮތުގައި ދިވެހިރާއްޖެ ޕްރޮމޯޓްކުރުމުގެ ކެމްޕޭން މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވައިފިއެވެ.
ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ބޭއްވުނު މި ރަސްމިއްޔާތުގައި ރައީސް މުއިއްޒުގެ އިތުރުން ޓުއަރިޒަމް މިނިސްޓަރ ތޯރިގް އިބްރާހިމް އާއި ކުޅިވަރު މިނިސްޓަރ އަބްދުﷲ ރާފިއު އަދި އެމް.އެމް.ޕީ.އާރް.ސީގެ އެމްޑީ ޝިއުރީވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ކެމްޕޭނަކީ ތިން އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކެމްޕޭނެކެވެ.
މި ކެމްޕޭންގެ ދަށުން ލިވަޕޫލްގެ ހޯމް މެޗުތަކުގައި އެލްއީޑީ ނިޝާންތަކާއި ސްޓޭޑިއަމްގެ އެކި ސަރަހައްދުތަކުގައި ރާއްޖޭގެ ޓޫރިޒަމް ބްރޭންޑިން ފެންނަން ހުންނާނެއެވެ. މީގެ އިތުރުން ކްލަބްގެ ރަސްމީ ޕަބްލިކޭޝަންތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައިވެސް ރާއްޖެ ޕްރޮމޯޓްކުރެވޭނެއެވެ. އަދި ޔޫރަޕްގެ މުހިއްމު މާކެޓުތަކުގައި ބިލްބޯޑުތައް މެދުވެރިކޮށްވެސް ރާއްޖެ ޕްރޮމޯޓްކުރެވޭނެއެވެ.
އެމްއެމްޕީއާރުސީން ހާމަކުރި ގޮތުގައި، 2.5 މިލިއަން ޑޮލަރު އިންވެސްޓްކުރާ މި ކެމްޕޭނުން 200 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެކަމަށް ލަފާކުރެވެއެވެ. އަދި މި ކެމްޕޭންގެ ސަބަބުން ރާއްޖެއަށް އަލަށް 100،000 އަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރާނެކަމަށް ލަފާކުރެވެއެވެ.
މި ކެމްޕޭންގެ ދަށުން ރާއްޖޭގައި ލިވަޕޫލްގެ އެކަޑަމީއެއް ގާއިމުކުރުމާއި، ސްޕޯޓްސް ޓޫރިޒަމް ހަރުދަނާކުރުމުގެ އިތުރުން ޑެސްޓިނޭޝަން ބްރޭންޑިން އިތުރުކުރުމުގެ ހަރަކާތްތައްވެސް ހިންގުމަށް ވަނީ ރޭވިފައެވެ. ލިވަޕޫލް އެފްސީގެ ގްލޯބަލް އޯޑިއަންސްގައި 205 މިލިއަން ފޮލޯވަރުންނާއި، ކޮންމެ ސީޒަނަކަށް 211 މިލިއަނަށްވުރެ ގިނަ ޓީވީ މަޝްހޫރުންނާއި، 53 މިލިއަން ސޯޝަލް އަދި ޑިޖިޓަލް ފޮލޯވަރުން ހިމެނެއެވެ.

