ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓުގެ ސީއީއޯ, ސުލްތާން އަބްދުއްރަހްމާން އަލް މުރްޝިދްއަށް ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު އަރުއްވައިފިއެވެ.
ރައީސް އޮފީހުގައި މިކަމަށް ޓަކައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް އެރުއްވުމަށް ރައީސް ނެރުއްވި ޤަރާރުގައި ރާއްޖޭގެ ތަރައްޤީއަށާއި އާންމު ހާލަތު ކުރިއެރުވުމަށް ސައުދީ ފަންޑުން ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމުގެ އަގުވަޒަންކުރައްވާފައިވެއެވެ.
މިއީ ރާއްޖޭގައި ދައުލަތުން ދޭ ތިން ވަނައަށް އެންމެ ޝަރަފުވެރި އިއްޒަތް ކަން ފާހަގަކޮށްލެވޭއިރު، މި އިއްޒަތް ނިސްބަތްވަނީ އައްސުލްތާން މުހައްމަދު ޝަމްސުއްދީނަށެވެ.
ސައުދީ ފަންޑުގެ އެހީގައި މިހާރު ވެސް ރާއްޖޭގައި އެކި މަޝްރޫއުތައް ހިންގަމުންދާއިރު، މިހާރު ކުރިއަށްދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް އެޅުމުގެ މަސައްކަތަކީވެސް ސައުދީ ފަންޑުގެ އެހީތެރިކަމާއި އެކު ކުރިއަށް ގެންދާ މަޝްރޫއުއެކެެވެ.