ވެހިކަލްތަކަށް އަރާފައިވާ ޖޫރިމަނާއާއި އަހަރީ ފީ ވަކި މުއްދަތަކަށް ބަހާލައިގެން ދެއްކުމުގެ ފުރުސަތު ސަރުކާރުން 60 މީހަކަށް ދީފިއެވެ. މި މަޢުލޫމާތު ހާމަކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީނެވެ.
ވަޒީރު އަމީން ވިދާޅުވި ގޮތުގައި، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ލުއިފަސޭހަކޮށްދިނުމަށްޓަކައި ސަރުކާރުން ދަނީ އުސޫލުތަކާއި ގަވާއިދުތައް އިޞްލާޙުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، ބޮޑެތި އަދަދުތަކުން ޖޫރިމަނާ އަރާފައިވާ ގިނަ ފަރާތްތަކަކަށް ބަހާލައިގެން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“އެ ފުރުސަތަށް އެދުނު މީހުންގެ ތެރެއިން ގިނަ މީހުންނާއެކު އެގްރިމަންޓް ހަދައި ބަހާލައިގެން ފައިސާ ދެއްކޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައި. މިދިޔަ މަހު ޑިސެމްބަރުގައި ފުރުސަތު ހުޅުވާލުމުން 125 ފަރާތެއް ހުށަހެޅި. އޭގެ ތެރެއިން 60 މީހުންނާއެކު އެއްބަސްވުން ހަދައިގެން ފައިސާ ދެއްކުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައި.” ވަޒީރު ވިދާޅުވިއެވެ.
އިތުރަށް ވަޒީރު ވިދާޅުވީ، މިހާތަނަށް 60 މީހުންނަށް މި ފުރުސަތު ދެވިފައިވީ ނަމަވެސް،ވެސް، ބާކީ ތިބި ފަރާތްތަކާއެކުވެސް ވަރަށް އަވަހަށް އެއްބަސްވުން އެކުލަވާލާނެ ކަމަށެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ 5000 ރުފިޔާއަށްވުރެ މަތިން ފައިސާ ދައްކަން ޖެހޭ ފަރާތްތަކަށް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބަދަލަކީ ރައްޔިތުންނަށް އެހީވުމަށް ގެނެވުނު މުހިންމު ބަދަލެއްކަމަށް ވަޒީރު އަމީން ސިފަކުރެއްވިއެވެ. މިކަމުގެ ސަބަބުން، ބޮޑެތި އަދަދުތަކުން ޖޫރިމަނާ އަރާފައިވާ ފަރާތްތަކަށް ލުއިފަސޭހަކަމާއެކު އެ ފައިސާ ދެއްކުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

