މަޖީދިއްޔާ ސްކޫލަކީ މި ޤައުމުގެ އެންމެ ޝަރަފުވެރި “އިލްމީ ބަގީޗާ” ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ޑރ މުއިއްޒު މިކަން ފާހަގަ ކުރެއްވީ މަޖީދިއްޔާ ސްކޫލުގެ އަހަރީ ދުވަހާ ގުޅިގެން ރައީސް އެކްސްގައި ޕޯސްޓެއްގައެވެ.
ރައީސް ޑރ މުޢިއްޒުގެ މެސެޖުގައި ވިދާޅުވެފައިވަނީ މަޖީދިއްޔާގެ ފަޚުރުވެރި ހިޔަލުން މި ޤައުމަށް ގެނުވި ކުރިއެރުމާއި މަޖީދިއްޔާގެ ނޫރުން މި ޤައުމަށް ދިން އިލްމީ އަލިކަމުގެ ހަނދާންތަކަށް ނިމުމެއް ނެތް ކަމަށާއި އަދި މަޖީދިއްޔާގެ ހަނދާންތައް ދިވެހި ތާރީޚުގައި ބިންވަޅު ނެގިފައިވަނީ ފަނޑުވުމެއް ނެތް ޒިކުރާތަކާއެކު ކަމަށެވެ.
“ދިވެހިރާއްޖޭގެ ތަޢުލީމުގެ އެންމެ ނަންހުރި ބިނާއަށް 98 އަހަރު ފުރޭ މި ތާރީޚީ މުނާސަބާގެ ހެޔޮއެދުންތައް ސްކޫލުގެ އެހާރާ މިހާރުގެ ދަރިވަރުންނަށް، ބެލެނިވެރީންނަށް، މުދައްރިސުންނަށް، ހިންގުންތެރީންނަށް، ޚިދުމަތްތެރީންނަށް އަރިސްކުރަނީ ހިތުގެ ފުންމިނުގެ ލޯތްބާއި، ހެޔޮ ދުޢާތަކާ އެކު،” ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ޚުދު ރައީސް ޑރ މުޢިއްޒަކީވެސް މަޖީދިއްޔާ ސްކޫލުގެ ކުރީގެ ދަރިވަރެކެވެ. އެމަނިކުފާނަކީ މަދަރުސީ ދައުރުގައި ރަން ވަނަތަކެއް އެ ސްކޫލުގައި ހާސިލުކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނުގެ މެސެޖުގައި ސްކޫލުގެ ލަވައިގެ ބައެއް ބައިތައްވެސް ހިމަނުއްވާފައިވެއެވެ.
މަޖީދިއްޔާ ސްކޫލަކީ ދިވެހިރާއްޖޭގެ ނިޒާމީ ތަޢުލީމުގެ “އުނގު” ކަމަށް ރައީސް ސިފަކުރައްވާފައިވާއިރު، މިއަހަރަކީ މި އުނގަށް 98 އަހަރު ފުރޭ އަހަރެވެ. މި މުނާސަބަތުގައި ސްކޫލުގެ އެންމެހާ ދަރިވަރުންނަށާއި، މުދައްރިސުންނަށާއި، ހިންގުންތެރިންނަށް ރައީސް ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.