ދިވެހިރާއްޖޭގެ ރިސޯޓްތަކަކީ ގޮލްފް ކުޅެން ވަރަށް ފުރިހަމަ އެކަށީގެންވާ ތަނެއްކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު މިހެން ވިދާޅުވީ މޯލްޑިވްސް ގޮލްފް އެސޯސިއޭޝަނުން ބޭއްވި ފުރަތަމަ ގޮލްފް މުބާރާތްކަމަށްވާ މޯލްޑިވްސް އޯޕަންގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މޯލްޑިވްސް އޯޕަން 2025 ކުރިއަށްދިޔައީ ސްރީލަންކާގެ ކެންޑީގައި ހުންނަ ވިކްޓޯރިއާ ގޮލްފް ކުލަބުގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ވަނީ ގޮލްފް ކުރިއެރުވުމަށް ގޮލްފް އެސޯސިއޭޝަނުން ކުރައްވާ މަސައްކަތް ފާހަގަކުރައްވާފައެވެ. އަދި ފުރަތަމަ ފަހަރަށް ބޭއްވި ގޮލްފް މުބާރާތް ކާމިޔާބުކަމާއިއެކު ބޭއްވުމުން އެކަމަށް މަރުހަބާ ދެންނެވިއެވެ.
ވަޒީރު ވިދާޅުވީ ގޮލްފްއަކީ ސްޕޯޓްސް ޓުއަރިޒަމްގެ ތެރެއިން ރާއްޖޭގައި ކުރިއެރުވޭނެ ކުޅިވަރެއްކަމަށާއި، ރާއްޖޭގެ ރިސޯޓްތަކަކީ މިކަމަށް އެންމެ އެކަށީގެންވާ ހިތްފަސޭހަ މާހައުލެއްކަމަށެވެ.
އޭނާ ވިދާޅުވީ ގިނަ ބަޔަކު މި ކުޅިވަރަށް ޝައުގުވެރިވެ، މި ކުޅިވަރަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.