ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރީންގެ އަހަރީ ބައްދަލުވުން މިއަދު އިސްލާމީ މަރުކަޒުގައި ފެށި، އެ ޖަމިއްޔާގެ ދުޢާތުންގެ މަޖިލިސް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއެވެ.
މިއަދުގެ ރަސްމިއްޔާތުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ 63 ޢިލްމުވެރީން ހިމެނޭ ދުޢާތުންގެ މަޖިލިސް އިފްތިތާޙުކުރުމެވެ. މި މަޖިލީހުގެ މައިގަނޑު މަޤްޞަދުތަކާއި މަސްއޫލިއްޔަތުތަކާއި، މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޢިލްމުވެރީންވަނީ ރަސްމިއްޔާތުގައި ތަޢާރަފުކޮށްދެއްވާފައެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ޝަފީޢު ވިދާޅުވީ، “ދީނީ މަޢުލޫމާތު ފަތުރައި، ދީނީ ގޮތުން ރަނގަޅު މުޖުތަމަޢަކަށް ދިވެހި މުޖުތަމަޢު ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް ބޮޑު ތަޞައްވުރެއް” ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ހުވާކުރެއްވުމަށްފަހު ދެއްވި ފުރަތަމަ ޚިޠާބުގައިވެސް މިކަން ފާހަގަކުރައްވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
“ސަލަފުގެ އިލްމުވެރިންގެ އަހަރީ ބައްދަލުވުން 1446-2025” ގެ ނަމުގައި ކުރިއަށްދާ މި ބައްދަލުވުމުގައި ދަރުސްދިނުމުގެ ތަފާތު ހުނަރުތަކާއި، ދިވެހިބަހުގެ ގަވާއިދާއި، ތަޤްރީރުކުރުމުގެ ހުނަރުތަކާއި، އިމޯޝަނަލް އިންޓެލިޖެންސް ފަދަ ދާއިރާތަކުން ޚާއްޞަ ސެޝަންތައް ކުރިއަށްދާނެއެވެ.
މީގެއިތުރުން، ތަފާތު ޢިލްމުވެރީންގެ ދަރުސްދެއްވުމުގެ ތަޖުރިބާތަކާއި، ދިވެހިރާއްޖޭގެ ދީނީ ހޭލުންތެރިކަމުގެ ތާރީޚާ ބެހޭ ޕެނަލް މަޝްވަރާއަކާއި، ދަޢުވަތުގެ މައިދާނުގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭ މަޝްވަރާތައްވެސް މި ދެދުވަހުގެ ބައްދަލުވުމުގައި ކުރިއަށްދާނެކަމަށް ވަނީ ހަމަޖެހިފައެވެ.