ފަލަސްޠީނުގެ މުސްލިމުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް އިސްރާއީލުން ދެމުންގެންދާ ޙަމަލާތަކާ ގުޅިގެން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) ގައި ދިވެހިރާއްޖެއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އައިސީޖޭގައި ރާއްޖެ ތަމްސީލުކުރައްވަމުން ދައުލަތުގެ ބަންޑާރަނައިބު އަޙްމަދު ޢުޝާމް ވިދާޅުވި ގޮތުގައި، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ރާއްޖެއިން ކެނޑިނޭޅި ވަކާލާތުކުރާނެއެވެ. އަދި “އިސްރާއީލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްޠީނުގެ ބިންތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭކަން ކަށަވަރުކުރުން މުހިންމު” ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބަންޑާރަނައިބު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީ ފޯރުކޮށްދޭ އދ.ގެ ޖަމިއްޔާ (އަންރުވާ) ގެ ބާރު ކަނޑުވާލުމަށް އިސްރާއީލުން މަސައްކަތްކުރަމުންދާކަމީ ކަންބޮޑުވާންޖެހޭ ކަމެކެވެ. އަދި އިންސާނީ އެހީދޭ ފަރާތްތަކަށް އަމާޒުކޮށް އިސްރާއީލުން ޙަމަލާ ދެމުންދާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އައިސީޖޭގައި ކުރިއަށްދިޔަ އަޑުއެހުމުގައި ރާއްޖެ ތަމްސީލުކުރެއްވި ވަކީލުން ވަނީ، ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ ދަށުން އިސްރާއީލުގެ ޒިންމާތަކުން ރެކުމަށް، ޤައުމީ ސަލާމަތާއި ހަނގުރާމަވެރި ބޭނުންތެރިކަން ސަބަބެއްގެ ގޮތުގައި ދެއްކުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ކަމެއްކަން ފާހަގަކުރައްވާފައެވެ.
ޣައްޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޙަރަކާތްތެރިވާ ފަރާތްތަކަށް އިސްރާއީލުން ދެމުންގެންދާ ލާއިންސާނީ ޙަމަލާތައް ހުއްޓުވުމަށާއި، ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާނީ ޙައްޤުތައް ހޯދައިދިނުމުގެ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ދެމިހުންނާނެކަން ބަންޑާރަނައިބު ވަނީ ޔަޤީންކޮށްދެއްވާފައެވެ.

