ސްޓޫޑެންޓް ލޯނަށް 1300 އަށްވުރެ ގިނަ އެޕްލިކޭޝަން ލިބިއްޖެއެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރި ގޮތުގައި، ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ދޭ ލޯނަށް އެދި 1338 ފަރާތަކުން ހުށަހަޅާފައިވެއެވެ.
މިދިޔަ މާރޗު މަހު ހުޅުވާލި މި ފުރުސަތުގައި 500 ދަރިވަރުންނަށް ލޯނު ދިނުމަށް ހަމަޖެހިފައިވާއިރު، އޭޕްރީލް 30 ގައި މުއްދަތު ހަމަވި އިރު ލިބުނު އެޕްލިކޭޝަންތަކުގެ ތެރޭގައި އަލަށް ހުށަހެޅި 913 އެޕްލިކޭޝަނާއި، މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ޓޮޕް-އަޕްގެ ގޮތުގައި ހުށަހެޅި 259 އެޕްލިކޭޝަން ހިމެނޭއިރު، މިހާތަނަށް 646 އެޕްލިކޭޝަން ވަނީ ރިވިއުކޮށް ނިމިފައެވެ.
މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވި ގޮތުގައި މި އަހަރުގެ ލޯނު ސްކީމުގެ ދެބައިކުޅަ އެއްބައި ޚާއްޞަކޮށްފައިވަނީ ހައިލީ ޓެކްނިކަލް ދާއިރާތަކަށެވެ. އަދި މި ދާއިރާތަކުން ކިޔެވުމަށް ހުށަހަޅާ ފަރާތްތަކަށް އިތުރު 10 ޕޮއިންޓް ލިބޭނެއެވެ.
މި އަހަރުގެ ލޯނު ސްކީމްގައި ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ޚާއްޞަ އިސްކަމެއް ދީފައިވާއިރު، މިހާރު ކިޔަވަމުންދާ ދަރިވަރުންނަށާއި ހިލޭ ޑިގްރީގައި ކިޔަވާ ދަރިވަރުންނަށްވެސް އިތުރު ޚަރަދުތަކަށް ލޯނަށް އެދުމުގެ ފުރުޞަތު ދީފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމަކާ ގުޅިގެން، މި ލޯނުތަކަކީ “ޝަރީޢާ ކޮމްޕްލަޔަންޓް” ލޯނުތަކަކަށް ހަދާފައިވާއިރު، އިންޓްރެސްޓާއި އެޑްމިނިސްޓްރޭޓިވް ފީއެއް ނުނަގާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިދިޔަ އަހަރުގެ ނިޔަލަށް 805 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވާއިރު، މި އަހަރުގެ ފެބްރުއަރީގެ ނިޔަލަށް 71 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.

