ރާއްޖޭގައި ދިވެހިންނަށް ހާއްސަކޮށްފައިވާ ދާއިރާތަކުގައި މަސައްކަތްކުރަމުންދަނީ ދިވެހިންކަން ކަށަވަރުކުރުމަށް މިއަހަރުތެރޭ ހާއްސަ އިސްކަމެއްދީގެން މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދިން ހާއްސަ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރިސޯޓުތަކުގައި ހިމެނޭ ވަރަށް ގިނަ ވަޒީފާތަކަކީ ދިވެހިންނަށް ހާއްސަ ދާއިރާތަކެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާ ކަމަށެވެ. އަދި މިކަން މޮނިޓަރކޮށް ބެލެހެއްޓުމުގެ މަސައްކަތް ވަރުގަދަކުރާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
“މިއަހަރު ވަރަށް ބޮޑު ފޯކަސްއެއް ކުރާނަން ދިވެހިންނަށް ހާއްސަ ދާއިރާތަކުގައި މަސައްކަތްކުރަމުންދަނީ ދިވެހިންކަން ކަށަވަރުކުރުމާއި އަދި ބިދޭސީންނަށް ވަޒީފާދޭއިރު، މަސައްކަތް ދެވިގެންދާ ހާލަތުގައި އެމީހުން ތިބީ ގާނޫނީ އިމުގެތެރޭގައިތޯ ޔަޤީންކުރާނެ،” ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން ވަޒީރު ވިދާޅުވީ، ބިދޭސީ މަސައްކަތްތެރިންނަށް ހާއްސަ އެކަމޮޑޭޝަން ފެސިލިޓީތައް ރާއްޖޭގައި ޤާއިމްކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އެއީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ ހައްޤުތައް ކަށަވަރުކުރުމަށް މުހިއްމު ކަމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ މިދިޔަ އަހަރުން ފެށިގެން ބިދޭސީން ޤާނޫނާއި ޤަވާއިދުގެ ތެރެއަށް ގެނައުމަށް ކުރެވުނީ ހިތްހަމަޖެހޭ ފަދަ މަސައްކަތްތަކެއް ކަމަށެވެ. އަދި އަމާޒަކީ 3 އަހަރުދުވަހުގެ ތެރޭގައި ބިދޭސީންގެ މައްސަލަ ހައްލުކުރުން ކަމަށާއި، ކުރިއަށް އޮތީވެސް ވަރަށް ބުރަ ދުވަސްތަކެއްކަން ފާހަގަކުރައްވައި، ރާއްޖޭގައި ގިނަ އަދަދެއްގެ މަސައްކަތްތެރިން ގެންގުޅޭ ފަރާތްތަކަށް އަމާޒުކޮށްގެން ޤަވާއިދުން ރެއިޑް އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ކަމަށެވެ.