އިންޑިއާގައި ކުރިއަށްދާ ބައިނަލްއަޤުވާމީ މިޔުޒިކް ބޭންޑުތަކުގެ މުބާރާތް، ބެޓަލް އޮފް ދަ ބޭންޑް އިންޓަރނޭޝަނަލްގެ ސެމީ ފައިނަލަށް ރާއްޖެ ތަމްސީލުކުރާ “ޓޫ އޮފް އަސް” ބޭންޑު ވަނީ ކޮލިފައިވެއްޖެއެވެ. މިއީ ޔަގީނުންވެސް ރާއްޖެއަށް ހަމަ ފިސާރި ބޮޑު އަދި ފަހުރުވެރި ކާމިޔާބީއެކެވެ.
މި މުބާރާތުގައި ވާދަކުރި 12 ބޭންޑުގެ ތެރެއިން ސެމީ ފައިނަލަށް ކޮލިފައިވެފައިވަނީ 6 ބޭންޑެވެ. މުބާރާތުގައި މިހާތަނަށް “ޓޫ އޮފް އަސް” އިން ދައްކާފައިވާ ހުރިހާ ހުށަހެޅުމަކަށްވެސް ޖަޖުންނާއި ބެލުންތެރިންގެ، ޚާއްސަކޮށް ދިވެހިންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.
“މިއީ ހަމައެކަނި އަޅުގަނޑުމެންގެ ކާމިޔާބެއް ނޫން. މިއީ ދިވެހި އެންމެހާ ރައްޔިތުން ޝާމިލުވާ ކާމިޔާބެއް،” މިހެން ބުނެ “ޓޫ އޮފް އަސް” އިން ވަނީ ސެމީ ފައިނަލަށް ކޮލިފައިވުމާ ގުޅިގެން އުފާ ފާޅުކޮށްފައެވެ.

ރާއްޖޭގެ ‘ޓޫ އޮފް އަސް’، އިންޑިޔާގެ ބެޓްލް އޮފްދަ ބޭންޑްސް ޝޯވގެ ސެމީއަށް
އިންޑަސްޓްރީގެ ބޮޑެތި ނަންނަމުގެ ތައުރީފު؛ އިންޑިއާގެ މިޔުޒިކް އިންޑަސްޓްރީގެ ފަހުގެ ތާރީޚުގައި އެންމެ މަޝްހޫރު އެއް މިޔުޒިކް ކޮމްޕޯސަރު ކަމަށްވާ އަނޫ މަލިކް ވަނީ “ޓޫ އޮފް އަސް” އަކީ މިފަހުން އޭނާއަށް ފެނުނު އެންމެ ހުނަރުވެރި ބޭންޑު ކަމަށް ބުނެފައެވެ. މި ބޭންޑުން މުބާރާތުގައި ދިވެހި އަދި ހިންދީ ލަވަތައް ހުށަހަޅަމުންދާއިރު، ބޭންޑުގެ މެންބަރުންގެ ހުނަރުވެރިކަން ވަނީ ހުރިހާ ޖަޖުންގެވެސް ސަމާލުކަން ހޯދާފައެވެ.
މުބާރާތުގެ ސެމީ ފައިނަލުން އެއް ބޭންޑު ކަޓާލުމަށްފަހު، މެއި 2 ވަނަ ދުވަހު އޮންނަ ފައިނަލުގައި 5 ބޭންޑު ވާދަކުރާނެއެވެ. ފައިނަލުން އެންމެ މޮޅު ތިން ބޭންޑު ހޮވާނެއެވެ. “ޓޫ އޮފް އަސް” އިން ބުނެފައިވަނީ އަހަރުތަކެއްގެ ބުރަ މަސައްކަތުން ރާއްޖެއަށް ތާރީޚީ ކާމިޔާބީއެއް ހޯދައިދިނުމަކީ އެ ބޭންޑުގެ އަމާޒު ކަމަށެވެ.