މިހާތަނަށް 26،000 އަށްވުރެ ގިނަ ވޭޕްގެ އާލާތްތައް ހިފަހައްޓާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވިގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަށް “ޖެނެރޭޝަނަލް ބޭން” އެއް ގެނައުމަށް ނިންމެވީ ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ކަމަށާއި މީގެ ތެރެއިން 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ކުރުމަށް އެމަނިކުފާނު ވަނީ ނިންމަވާފައެވެ.
މިހާރު ތަންފީޒުކުރަމުންދާ ޤާނޫނުގެ ދަށުން މިހާތަނަށް 14.5 މިލިޔަން ސިނގިރޭޓު އަތުލައިގަނެފައިވާކަމަށާއި ޖެނެރޭޝަނަލް ބޭންގެ އައު ޤާނޫނު ތަންފީޒުކުރަން ފެށުމާއެކު ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންކުރާ ސިނގިރޭޓު އަދި ވޭޕްފަދަ އާލާތްތައް އަތުލުން އިތުރަށް ހަރުދަނާވެގެންދާނެކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ޖެނެރޭޝަނަލް ބޭން ދަށުން 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިއުމާލުކުރުމަކީ މަނާކަމެކެެވެ. އެ އުމުރުގެ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމަކީވެސް މަނާކަމެކެވެ.
މީގެ އިތުރުން މި އިސްލާހުގެ ދަށުން އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްގެ ބާވަތްތައް ގެންގުޅެނިކޮށް ނުވަތަ ބޭނުންކުރަނިކޮށް ފެނިއްޖެނަމަ އެ އަތުލުމުގެ ބާރު ފުލުހުންނަށް ވަނީ ދީފައެވެ. އަދި ރާއްޖެއަށް އެތެރެކުރާ އެފަދަ ތަކެތި އަތުލުމުގެ ބާރު ކަސްޓަމްސް އާއި ފުލުހުންނަށްވެސް މިހާރު ލިބިގެންވެއެވެ.