ނައިފަރަކީ ދިވެހި އަދަބިއްޔާތުގައި ދެވަނައެއް ނެތް ފަދަ ފަޚްރުވެރި ތާރީޚެއް އޮތް ރަށެއް ކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް، ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ދިވެހިބަހުގެ ދުވަސް ފާހަގަ ކުރުމަށް ޓަކައި ނައިފަރު ކައުންސިލުން އިސްނަންގަވައިގެން އެ ރަށު މުއްސަސާތަކަށް އަމާޒުކޮށް ބޭއްވެވި “ނައިބޮލި އަދަބީ ޢީދު 2025” މުބާރަތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ނައިފަރުގެ އަދަބީ ތާރީިޚުގެ މައްޗަށް ވަޒީރު ވަރަށް ތަފުސީލީ ގޮތެއްގައި ބައްލަވައިލެއްވިއެވެ.
އެ ގޮތުން ދިވެހި އަދައްބިއްޔާތަށް ވަރަށް ގިނަ ޚިދުމަތެއްކޮށްދެއްވާފައިވާ، ނައިފަރު ފަޟީލަތުއްޝައިޚް އަލްމަރްޙޫމް ޢަބްދު الله ޖަލާލުއްދީނުގެ އަދަބިއްޔާތަކީ ނައިފަރުގެ އެތައް ޖީލުތަކެއް ހެޔޮ ގޮތުގައި ތަރުބިއްޔަތުވި ފިލާވަޅުތަކެއްކަމަށާއި އަދި ނަފަރުގެ ދަރީންގެ އަދަބީ ސިކުނޑި ރައްކާތެރިކޮށް އޭގެ ޤާބިލުކަމާއެކު ދެމެހެއްޓުމަކީ ޖީލުންޖީލަށް އަދާކުރަންޖެހޭ އަމާނާތެއްކަން ފާހަގަކުރެއްވިއެވެ.
އިސްލާމްދީނާ ދިވަހީންގެ އަދަބިއްޔާތާއި ގުޅުވައި ވަޒީރު ފާހަގަކުރެއްވި ގޮތުގައި އިސްލާމީ ޙަޟާރަތެއްގައި އަދަބިއްޔާތުގެ އިޖުތިމާޢީ ދައުރަކީ މީހުންނަށް ހެޔޮ މަގުދެއްކަމެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިފްތިތާޙުކުރައްވާފައިވާ ދިވަހި ޤައުމިއްޔަތު އިއާދަކުރުމުގެ މަޝްރޫޢުގައި އަދަބިއްޔާތަށް ދިރުންދޭނީ އެ ގޮތަށްކަމުގައި ވަޒީރު ވިދާޅުވިއެވެ.
ދިވެހި ބަހުގެ ދުވަހުގެ މުނާސަބަތުގައި ނައިފަރު ކައުންސިލުން އިންތިޒާމުކުރެއްވި މިހަރަކާތްތަކަށް މުޅި ރަށުގެ ތަރުޙީބު ލިބުމަކީ އަދަބީ ކަންކަމަށް ނައިފަރުގައި އޮތް ރޫޙާއި އެއްބައިވަންތަން ރަމްޒުކޮށްދޭ ކަމެއްކަން ވެސް ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ދިވެހިބަހުގެ ދުވަސް ފާހަގަ ކުރުމަށްޓަކައި އެރަށު ގެ މުއްސަސާތަކަށް އަމާޒުކޮށް ބޭއްވެވި “ނައިބޮލި އަދަބީ ޢީދު 2025” މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި ކުއްލި މައުޟޫޢަށް ވާހަކަދެއްކުން، ބައިތު ބަޒީ، އިޝާރާތުން ބަސް ހޯދުން، ލަވަ ބާޒީ މީގެ އިތުރަށް ޖާފަތުން އެކި ވަނަވަނައަށް ދިޔަ ފަރާތްތަކާއި ޓީމުތަކަށް ވަނީ އިނާމު ދެއްވާފައެވެ.