ހާއްސަ އެހީއަށް ބޭނުންވާ ކުޑަކުދިންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ 18 އަހަރުން ދަށުގެ ކުދިންގެ އަދަދު 5،000 އާ ގާތްކުރާ އަދަދަކަށް އަރާ ކަމަށް ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެންސްޕާއިން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި ދަފްތަރުގައި ޖުމްލަ 4،790 ކުދިން ރަޖިސްޓްރީ ވެފައިވެއެވެ. މީގެ ތެރެއިން އެންމެ ގިނަ އަދަދެއް ހިއްސާކުރަނީ “މަލްޓިޕަލް ޑިސެބިލިޓީ” ހުންނަ ކުދިންނެވެ. އެއީ 1،873 ކުދިންނެވެ.
ދެވަނައަށް އެންމެ ގިނައީ ނަފްސާނީ އެހީތެރިކަން ބޭނުންވާ ކުދިންނެވެ. މި ގިންތީގައި 1،021 ކުދިން ހިމެނެއެވެ. އަދި ތިންވަނައަށް އެންމެ ގިނައީ ވިސްނުމުގެ ނުވަތަ ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނެވެ. މި ގިންތީގައި 460 ކުދިން ހިމެނެއެވެ.
އުމުރުފުރާގެ ގޮތުން ބަލާއިރު، ހާއްސަ އެހީއަށް ބޭނުންވާ ކުދިން އެންމެ ގިނައީ 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާގައެވެ. މި އުމުރުފުރާގައި 1،745 ކުދިން ހިމެނެއެވެ. އަދި ދެވަނައަށް އެންމެ ގިނައީ 5 އަހަރާއި 9 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންނެވެ. މި އުމުރުފުރާގައި 1،631 ކުދިން ހިމެނެއެވެ.
މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ އަދަދު އިތުރުވަމުން އަންނަ ކަމާއި، މި ކުދިންނަށް ބޭނުންވާ ޚާއްސަ އެހީތެރިކަމާއި ފަރުވާގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އިތުރު ސަމާލުކަމެއް ދޭންޖެހޭ ކަން ފާހަގަކުރެވެއެވެ.