އިންޑިއާ އާއި ޕާކިސްތާނުން “ވަގުތުން ހަނގުރާމަ ހުއްޓާލަން” އެއްބަސްވުމުން ދިވެހިރާއްޖެއިން މަރުޚަބާ ކިޔައިފިއެވެ. މިކަން ފާހަގަކުރައްވަމުން ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޚަލީލް ވަނީ ދެ ގައުމުގެ ލީޑަރޝިޕަށް ތައުރީފު ކުރައްވާފައެވެ.
ޚާރިޖީ ވަޒީރު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ “ސުލްހައާއި މަޝްވަރާގެ މަގެއް އިޚްތިޔާރުކޮށް، ސަރަޙައްދީ ހަމަޖެހުމަށް ޓަކައި” ދެ ގައުމުން އަޅުއްވާފައިވާ ފިޔަވަޅުތަކަށް މަރުޙަބާ ކިޔާ ކަމަށެވެ.
މި އެއްބަސްވުމުގެ ޚަބަރު ފުރަތަމަ ހާމަކުރެއްވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވިދާޅުވެފައިވަނީ ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އޭނާ އާއި ނައިބު ރައީސް ޖޭޑީ ވެންސް ވަނީ އިންޑިއާ އާއި ޕާކިސްތާނުގެ އިސް ވެރިންނާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.
މި އެއްބަސްވުމާ ހަމައަށް އާދެވުނީ އިންޑިއާއިން ކޮންޓްރޯލް ކުރާ ކަޝްމީރުގެ ސަރަހައްދުގައި މިދިޔަ މަހުގެ 22 ވަނަ ދުވަހު ފަތުރުވެރިންތަކެއް މަރާލުމާ ގުޅިގެން އިންޑިއާއިން ޕާކިސްތާނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެއް ފެށުމަށްފަހުގައެވެ.
ކަޝްމީރަކީ އިންޑިއާ އާއި ޕާކިސްތާނުން ކޮންމެ ގައުމަކުން ވެސް ބައެއް ސަރަހައްދުތައް ކޮންޓްރޯލްކުރާ، އަދި މީގެ ކުރިން ތިން ހަނގުރާމައެއް ހިނގާފައިވާ ސަރަހައްދެކެވެ. މިއީ މުޅި ދުނިޔޭގައި ވެސް އެންމެ އަސްކަރީ ގޮތުން ހަރަކާތްތެރިވާ އެއް ސަރަހައްދު ކަމުގައި ފާހަގަކުރެވެއެވެ.

