ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ބޭއްވި ސިއްރު ބައްދަލުވުމެއްގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރު މަޤާމުން ވަކިކުރުމަށް ފާސްކޮށްފިއެވެ.
މި ނިންމުން ނިންމާފައިވަނީ، އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފްގެ މައްސަލައިގައި ކްރިމިނަލް ކޯޓަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މި މައްސަލަ ތަޙުޤީޤުކޮށް، ދެ ފަނޑިޔާރުން ވަކިކުރުމަށް ހުށަހަޅާފައިވާ ރިޕޯޓު ޖުޑީޝަރީ ކޮމިޓީން ވަނީ ރަނގަޅު ކަމަށް ނިންމާފައެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި މެންބަރު ޝާހިދު ވިދާޅުވެފައިވަނީ ޖޭއެސްސީން ފަނޑިޔާރުން ވަކިކުރަން ނިންމީ އިޖުރާއަތުތައް ރަނގަޅަށް ފުރިހަމަކޮށްގެން ކަމަށެވެ. އަދި ކޮމިޓީން މި މައްސަލަ ނިންމުމާއެކު، ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ވެސް ވަނީ ފާސްކޮށްފައެވެ.
އިއްޔެގެ ބައްދަލުވުމުގައި ފަނޑިޔާރުންނާއި ޖޭއެސްސީ ކޮމިޓީއަށް ހާޒިރުކުރުމަށް މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވި ނަމަވެސް، އެ ހުށަހެޅުމަށް ތާއީދު ލިބިފައިވަނީ މެންބަރު ނާޒިލްގެ ފަރާތުން އެކަނި ކަމަށްވުމާއެކު އެ ހުށަހެޅުން ވަނީ ބޭރުވެފައެވެ.
މި މައްސަލައާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ދަނީ ތަޙުޤީޤެއް ކުރިއަށް ގެންދަމުންނެވެ. އޭސީސީގެ ތަޙުޤީޤާ ގުޅިގެން، ދެ ފަނޑިޔާރުން ވަނީ ކުރިން ސަސްޕެންޑް ކުރެވިފައެވެ.

