މަސްތުވާތަކެއްޗާއެކު ރާއްޖޭގެ ކުރީގެ މަޝްހޫރު ވޮލީބޯޅަ ކުޅުންތެރިޔާ އަޙްމަދު ފާޒިލް ހައްޔަރުކޮށް، އޭނާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ޖަހައިފިއެވެ.
ފުލުހުން ވިދާޅުވީ، ފާޒިލް ހައްޔަރުކޮށްފައިވަނީ ވ. ކެޔޮދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށެވެ. މި މައްސަލައިގެ ތަހުގީގަށް އޭނާއާ ގުޅުން ހުރި ދެ ގެއެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 256.01 ގްރާމްގެ ތަކެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވައެވެ.
މީގެ ކުރިން ރާއްޖޭގެ ޤައުމީ ވޮލީ ޓީމުންވެސް ފެނިގެންދިޔަ ފާޒިލަކީ ޤައުމީ ވޮލީބޯޅަ ޓީމުގެ މިހާރުގެ ކެޕްޓަން އަޙްމަދު ފައިރޫޒްގެ އެއްމާބަނޑު ބޭބެއެވެ. ޤައުމީ ޓީމުގެ އިތުރުން ރާއްޖޭގެ ޓޮޕް ޑިވިޝަންގެ މުބާރާތްތަކުގައި ފާހަގަކޮށްލެވުނު ފާޒިލް ވަނީ ގިނަ މުބާރާތްތަކެއްގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނިފައެވެ.
މިދިޔަ މަހުގެ ތެރޭގައި ވެސް ފާޒިލް ވަނީ މާރާމާރީގެ މައްސަލައެއްގައި ހައްޔަރުކޮށްފައެވެ. އެ ފަހަރު ވެސް އޭނާގެ ބަންދަށް 10 ދުވަސް ޖެހިއިރު، އެއީ އެ ރަށުގައި ކުރިއަށްދިޔަ ވޮލީބޯޅަ މުބާރާތެއްގެ ތެރެއިން ހިނގައިދިޔަ މާރާމާރީއެކެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.