ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންއިން ދަތުރުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، "ޖާރނީ ޕްލަސް" (Journey+) އާއެކު ދަތުރުވެރިންނަށް ފަހިކޮށްދީފައި މިވަނީ ފަސޭހަކޮށްދޭނެ އައު ފުރުސަތުތަކެކެވެ. މި ޚިދުމަތްތަކަކީ ދަތުރުވެރިންގެ ފަރާތުން ލިބެމުންދިޔަ ޚިޔާލުތަކާއި އެދުމުގެ މައްޗަށް ބިނާކޮށް، ދަތުރުގެ އެކި މަރުޙަލާތަކުގައި އިތުރު ލުއިފަސޭހަކަމާއި އިޚުތިޔާރުތައް ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ތަޢާރަފުކުރި ޚިދުމަތްތަކެއް ކަމަށް އެ އެއަރލައިނުން މަޢުލޫމާތުދެއެވެ. 16 އޮގަސްޓު 2026 ގައި ރަސްމީކޮށް އިފުތިތާޙުކުރި މި ޕްރޮގްރާމުގެ ދަށުން ފަސިންޖަރުންނަށް މިހާރު ވަނީ އެމީހެއްގެ ދަތުރުގެ ތަޖުރިބާ އަމިއްލައަށް ކަސްޓަމައިޒް ކުރުމުގެ ފުރުޞަތު ހުޅުވާލާފައެވެ.. Kinda Chic ގެ ނަމުގައި ކުރިއަށްގެންދާ ޚާއްޞަ ކެމްޕޭނެއްގެ ދަށުން މި ޚިދުމަތްތަކުގެ މައުލޫމާތު ދީފައިވާއިރު، މިއީ ކޮންމެ ދަތުރުވެރިއަކަށްވެސް އެމީހެއްގެ ބޭނުންތަކާއި އެއްގޮތަށް ދަތުރުގެ ކަންކަން ބައްޓަންކުރުމުގެ ފުރުސަތު ފަހިކޮށްދޭ، އިތުރު ފަސޭހަތަކެއް އެކުލެވޭ ޕެކޭޖުތަކެކެވެ. މޯލްޑިވިއަންއިން ހާމަކުރި ގޮތުގައި، މި އައު ޚިދުމަތްތަކުގެ މައިގަނޑު މަގްސަދަކީ އެއާލައިންގެ ކަސްޓަމަރުންނަށް ހަމައެކަނި ދަތުރެއް ކޮށްލުމުގެ ބަދަލުގައި، ފެށުނީއްސުރެ ނިމެންދެން ހިތްހަމަޖެހޭ އަދި ޒަމާނީ ތަޖުރިބާއެއް ފޯރުކޮށްދިނުމެވެ.
ޖާރނީ ޕްލަސްގެ ތަފާތު ޚިދުމަތްތަކާއި ދަތުރުވެރިންނަށް ލިބޭނެ ލުއިފަސޭހަކަން
މޯލްޑިވިއަންގެ ޖާރނީ ޕްލަސް ތައާރަފުކޮށްފައިވަނީ ދަތުރުވެރިންގެ ތަފާތު ބޭނުންތަކަށް ރިއާޔަތްކޮށް، ވަކިވަކި ބައިތަކަކަށް ބަހާލައިގެންނެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ޚިދުމަތަކީ "ޖާރނީ ޕްލަސް ޕްރީމިއާ" އެވެ. މި ޚިދުމަތް އިޚްތިޔާރުކުރާ ފަރާތްތަކަށް އެއާޕޯޓުގައި ކިއޫގައި މަޑުކުރަންޖެހޭ ވަގުތު ކުޑަކުރުމަށްޓަކައި ޕްރިއޮރިޓީ ޗެކް-އިން އަދި ދަތުރު ނިންމާލުމަށްފަހު ފޮށިތައް އެންމެ އަވަހަށް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މިއީ ޚާއްޞަކޮށް ވިޔަފާރި ދަތުރުވެރިންނާއި ވަގުތަށް ސަމާލުކަންދޭ ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ. މީގެ އިތުރުން، ގިނަ އަދަދެއްގެ މުދާ ނުވަތަ ފޮށިތަކާއެކު ދަތުރުކުރާ ފަރާތްތަކަށް "ޖާރނީ ޕްލަސް ބޭގްސް" މެދުވެރިކޮށް، ދަތުރުގެ ކުރިން އިތުރު ބަރުދަން ބައްލަވައިގަތުމުގެ ފުރުސަތު އޮންނާނެއެވެ. މިކަމުގެ ސަބަބުން އެއާޕޯޓަށް ގޮސް އިތުރު ފީ ދެއްކުމުގެ ތަކުލީފުން ސަލާމަތްވެ، ދުރާލައި ދަތުރުގެ ބަޖެޓު ރޭވުމަށް ފަސޭހަވެގެންދެއެވެ.

"ޖާރނީ ޕްލަސް" ގެ ހިދުމަތްތަކުން---ފޮޓޯ: މޯލްޑިވިއަން
ދަތުރުގެ މާހައުލު އިތުރަށް ހިތްގައިމުކޮށްލަން ބޭނުންވާ ފަރާތްތަކަށް "ޖާރނީ ޕްލަސް ރީލެކްސް" ގެ ދަށުން މޯލްޑިވިއަންގެ ކަނޑައެޅިފައިވާ ލައުންޖުތަކުގެ ޚިދުމަތް ލިބިގެންދާނެއެވެ. މި ޚިދުމަތަކީ ދަތުރުގެ ކުރިން ހަމަޖެހިލައިގެން މަޑުކޮށްލުމަށް ބޭނުންވާ ދަތުރުވެރިންނަށް ވަރަށް މުހިންމު ޚިދުމަތެކެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތައް ކުރާ ފަރާތްތަކަށް "ޖާރނީ ޕްލަސް އަޕްގްރޭޑް" މެދުވެރިކޮށް، ޖާގަ އޮތް މިންވަރަކުން ބިޒްނަސް ކްލާހަށް ބަދަލުވުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލެވިފައެވެ. އެތެރޭގެ އުދުހުންތަކަށް ޚާއްޞަކޮށްގެން ތައާރަފުކުރި "ޖާރނީ ޕްލަސް ބައިޓްސް" އަކީ ދަތުރުވެރިން ބޭނުންވާ ލުއިކާނާއާއި ބުއިންތައް ދުރާލައި އޯޑަރުކުރުމަށް ފުރުސަތުދޭ ޚިދުމަތެކެވެ. މި ހުރިހާ ޚިދުމަތްތަކަކީވެސް މޯލްޑިވިއަންގެ ވެބްސައިޓް ނުވަތަ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ވަރަށް ފަސޭހައިން ބައްލަވައިގަނެވޭނެ ޚިދުމަތްތަކެކެވެ.
މޯލްޑިވިއަންއިން ބުނާ ގޮތުގައި، މިފަދަ ޚިދުމަތްތަކެއް ތައާރަފުކުރުމުގެ މައިގަނޑު ބޭނުމަކީ ކޮންމެ ކަސްޓަމަރަކީވެސް ތަފާތު މީހަކަށް ވާއިރު، އެމީހެއްގެ ދަތުރުގެ ތަޖުރިބާވެސް އެމީހަކު ބޭނުންވާ ގޮތަށް ބައްޓަންކުރުމުގެ އިޚްތިޔާރު ދިނުމެވެ. މިސާލަކަށް، އާއިލާއަކާއެކު ދަތުރުކުރާ މީހަކަށް ބޭނުންވާނީ އިތުރު ފޮށި ގެންދެވޭނެ ގޮތެއް ކަމަށް ވާއިރު، އެކަނި ދަތުރުކުރާ ވިޔަފާރިވެރިއަކަށް ބޭނުންވާނީ އެއާޕޯޓުން އަވަހަށް ނިކުމެވޭނެ ގޮތެކެވެ. "ޖާރނީ ޕްލަސް" އަކީ މި ހުރިހާ ބޭނުންތަކަކަށް އެއް ފުރާޅެއްގެ ދަށުން ހައްލު ހޯދައިދޭ ނިޒާމެކެވެ. މިއީ ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ އެއާލައިނުން ދެކެއެވެ. މި ޚިދުމަތްތައް ފަރުމާކޮށްފައިވަނީ ދަތުރުވެރިންގެ ފަރާތުން ލިބެމުންދާ ފާހަގަކުރުންތަކާއި ޚިޔާލުތަކަށް ބިނާކޮށްގެން ކަމަށްވެސް މޯލްޑިވިއަންއިން ފާހަގަކުރެއެވެ.
ޒަމާނީ ދަތުރުވެރިން މިހާރު ބޭނުންވަނީ ހަމައެކަނި މަންޒިލަށް ދިއުމެއް ނޫނެވެ. އެމީހުން ބޭނުންވަނީ މުޅި ދަތުރުގެ ތެރޭގައިވެސް ލުއިފަސޭހަކަމާއި، ފެންވަރު ރަނގަޅު ޚިދުމަތްތަކެކެވެ. މޯލްޑިވިއަންގެ މި އައު ކެމްޕޭނަކީ އެއާލައިންގެ ބްރޭންޑް އިމޭޖު އިތުރަށް ވަރުގަދަކޮށް، ވާދަވެރި މާކެޓެއްގައި ކަސްޓަމަރުންގެ އިތުބާރު ދެމެހެއްޓުމަށް ކުރެވޭ މަސައްކަތެކެވެ. "ކައިންޑާ ޝިކް" މި ޝިއާރުގެ ދަށުން ދައްކުވައިދެނީ ދަތުރުފަތުރު ކުރުމަކީވެސް ސްޓައިލިޝް އަދި އުފާވެރި ކަމަކަށް ހެދިދާނެ ކަމެވެ. މި ޚިދުމަތްތަކާއެކު، މޯލްޑިވިއަންއިން ދަތުރުކުރާ ފަރާތްތަކަށް އެމީހުންގެ ދަތުރުގެ ކޮންމެ މަރުހަލާއެއްގައިވެސް އިތުރު ހިތްހަމަޖެހުމެއް ލިބިގެންދާނެއެވެ. އަދި މިއީ ކުރިއަށް އޮތް ތަނުގައި އެއާލައިނުން ތައާރަފުކުރަން ނިންމާފައިވާ ގިނަ އައު ކަންތައްތަކެއްގެ ފެށުން ކަމަށްވެސް އެއާލައިނުން ވަނީ ހާމަކޮށްފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.