އަންހެނަކަށް މަހެއް ބޭނޭނެތަ، މިއީ ވަރަށް އާންމު ބަހެކެވެ. މި ބަސް ބޭނުންކޮށް އުޅެނީ ފިރިހެނަކު ކަމެއް ކުރުމަށް އުޅޭއިރު އޭނާއައަށް އެކަން ނުކުރެވޭނެކަން ޔަގީން ކޮށްދީ ނުވަތަ ދެރަ ކޮށްލުމުގެ ގޮތުން ބުނެއުޅޭ ބަހެއްގެ ގޮތުގައެވެ. މިއީ ދިވެހިންގެ ތެރޭގައި މީހުން ބުނެ އުޅޭ ބޯދާ, މިސާލު ބަހެކެވެ. އެކަމަކު މިހާރު އަންހެނަކު ކަމަކަށް ނުކުމެއްޖެއްޔާ ނުކުރެވޭ ކަމެއް ނޯވެއެވެ. އެހެންވީމަ މި މިސާލުބަހާއި މެދު ސުވާލު އުފައްދާނެ ޖާގައެއް ނުދީ 'ކޮޔޮޅުންގެ ލޮބީ'ގެ ރައީސް ދެއްކި ތަފާތު ހުނަރެކެވެ.
ޝަފްގާ މިފަހަރު ތަފާތު ދެއްކީ މުޅިން ތަފާތު ކޮށެވެ. 'އަންހެނަކަށް ވެސް މަސް ބޭނިދާނެކަން އޭނާ ވަނީ ޔަގީން ކޮށްދީފަވެ. މަސްވެރިކަން ކުރިއަރުވަން މަސައްކަތް ކުރާ ދިވެހި ޖަމިއްޔާއެއް ކަމަށްވާ 'ކޮޔޮޅުންގެ ލޮބީ'ގެ ރައީސް ޝަފްގާ ޝަފީޤް ( ކެޔޮޅާގެ ދިޔަ) ވަނީ މި ކަން ޔަގީން ކޮށްދީފައެވެ. މަސްވެރިކަމުގެ ދަތުރެއްގަ ބައިވެރިވެ ރާއްޖޭގެ މާކަނޑަށް ނުކުމެ، ފިރިހެނުންނެކޭ އެއްފަދައިން, ދޮށީގައި ހިފާ ކަޅުބިލަމަސް އޭނާ ވަނީ ދިގު ދޮށީގައި ބާނާފައެވެ. ޒުވާން ޝަފްގާ، ސ މަރަދޫ ކެރަނގާ ދޯނިން މަހަށް ނުކުތީ އޭނާގެ ބައްޕަ ( ޝަފީގް) އާއި އެކު މީގެ 2 ދުވަސް ކުރިންނެވެ. މާލެ ސަރަހައްދު/ ޝައިނީ ބޮއި ކައިރިއަށް ގޮސް އޭނާގެ ޓީމުގައި ބާކީ ތިބި ހުރިހާ ފިރިހެނުންއެކީ އެންވަތުން އެންނަގާ މަސް ދަހި ކުރަން ކަނޑަށް އެން އުކި ހިސާބުން ފެށިގެން ހުރިހާ ކަމެއްގަ ބައިވެރިވެ ފިރިހެނަކަށް ދޫނުކުރެއެވެ. ދޮށީގަ ހިފާ މަސްބޭނީ ނިކަން ފޯރިއާއި ޖޯޝާއި އެކުގައެވެ. އެދޯނި 2 ޓަނު މަސް ބޭނި އިރު ކެޔޮޅާގެ ދިޔަ 200 މަސް ބޭނިއެވެ. ގަދަ އެވެ. ކަންކަން ވާނީ ކެރިގެން ކުރީމައެވެ. މި މަސް ދަތުރަށް ފަހު ކެޔޮޅާގެ ދިޔަ "ހުވަދޫ " މީޑިއާ އަށް ދަތުރުގެ މަޢުލޫމާތު ހިއްސާކުރަމުން ވިދާޅުވީ މި ދަތުރަކީ އާންމު މަސްވެރިންގެ މަސައްކަތުގެ މާޙައުލު ދެނެގަނެ، އެމީހުންގެ ކަންކަން ގާތުން އަޑުއަހައި ތަކުލީފުތަކާއި އިހުސާސްތައް ދެނެގަނެ، އެމީހުންނާއެކު މަސްވެރިކަމުގެ ތަޖުރިބާކޮށްލުމުގެ މަގުސަދުގައި ކުރި ދަތުރެއް ކަމަށެވެ. މީ ފެށުމެއްް ކަމަށާއި، މުސްތަގުބަލުގައި ރާއްޖޭގެ ހުރިހައި ސަރަހައްދެއްގައި ވެސް މިފަދަ ދަތުރުތައް ،ވަގުތު ހުސްވިވަރަކުން ކުރުމަށް ވަނީ ރާވާފައި ކަމަށެވެ. "އަޅުގަނޑާއެކު މަސް ދަތުރުގައި ބައިވެރިވާން ބޭނުންވާ 18-35 އަހަރުގެ އަންހެން/ އަދި ފިރިހެން ބޭފުޅުންނަށް މި ފުރުސަތު ވަނީ ހުޅުވާލާފަ. މަސްވެރި އާއިލާގެ މެންބަރެއްގެ ހައިސިއްޔަތުން އަޅުގަނޑު މިހާރު އެންމެ ހިތްދަތިވާ އެއްކަމަކީ ޒުވާނުން މިދާއިރާއިން ދުރަށްދާ ދިއުން. އަދި ކުރިން މަސްވެރިކަމުގައި ހަރަކާތްތެރިވި ގިނަ އަދަދެއްގެ ޒުވާނުން އޮޑި ފަހަރުން ފޭބުން. މިދަތުރުގެ މައިގަނޑު އެއް އަމާޒަކީ ޒުވާނުން މަސްވެރިކަމަށް ޝައުގުވެރިވާނެ ގޮތްތައް ހޯދާ ބެލުން. އަދި މި ދަތުރުގައި އެމީހުންގެ އަޑު އަހައި،، ޒުވާނުން މިކަމަށް ޝައުގުވެރިވާނެ ގޮތްތައް ކަންކަން މަގުފަހިކުރުމަށް މަސައްކަތް ކުރުން.“ ޝަފްގާ ވިދާޅުވިއެވެ. ފާހަގަ ކޮށްލެވޭ ގޮތުގަ މިއީ ދޮށީގެ މަސްވެރިކަމުގަ އަންހެނަކު މަސްވެރިކަން ކުރިއެރުވުމަށް މިގޮތަށް ނުކުތް ފުރަތަމަ ފަހަރެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.