1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ރިޕޯޓް

އާއިލާއާއި ދަރިންނަށްޓަކައި ޒިންމާދާރު ހެޔޮލަފާ ޒުވާނެއް، ދެކިޑްނީ އެކީ ފެއިލްވެ ބަލިހާލުގައި، އެކަށީގެންވާ ފަރުވާއާ ހަމައަށް ދިއުމަށް އެހީއަށް އެދި!

ހަސަންފަރީދު، ޑައަލިސިސްގައި---ފޮޓޯ: އާއިލާ
ޝަފްޢަތު
6,775ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިންސާނާގެ ޙަޔާތަކީ އިމްތިޙާނުތަކުން ފުރިގެންވާ ދަތުރެކެވެ. ބައެއް ފަހަރު މި އިމްތިޙާނުތައް ކުރިމަތިވަނީ ބަލިމަޑުކަމުގެ ސިފައިގައެވެ. އަދި އަނެއްބައި ފަހަރު މާލީ ދަތިކަމާއި ނިކަމެތިކަމުގެ ސިފައިގައެވެ. އަޅުގަނޑު، ބުޝްރާ، މިއެދެނީ އަޅުގަނޑުގެ ލޯބިވާ ފިރިމީހާ، އައްޑޫސިޓީ ހިތަދޫ، ދޮަނަކުޅިގެ، ހަސަން ފަރީދުގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ކުރަންޖެހިފައިވާ އުނދަގޫ އަދި އެހާމެ ބުރަ މަސައްކަތުގައި ތިޔަލޮބުވެތި އަޚުންނާއި އުޚުުތުންގެ އެހީތެރިކަމަށެވެ. މިއީ ހަމައެކަނި އެހީއަކަށް އެދި ގޮވާލާ ގޮވާލުމެއް ނޫނެވެ. މިއީ ހާލުގައި ޖެހިފައިވާ އާއިލާއެއްގެ ހިތުގެ އާދޭހެކެވެ.

ހަސަން ފަރީދަކީ ކިޑްނީގެ ބަލީގައި ދިގު މުއްދަތަކަށް ވޭން ތަހައްމަލު ކުރަމުންދާ ފަރާތެކެވެ. ޑޮކްޓަރުންގެ ރިޕޯޓްތަކުން ދައްކާ ގޮތުގައި އޭނާގެ ދެ ކިޑްނީ މިހާރު ވަނީ އެންމެ ފަހު މަރުހަލާގައި ފެއިލްވެފައެވެ. މިވަގުތު އޭނާގެ ކިޑްނީ މަސައްކަތް ކުރަނީ އެންމެ 30 އިންސައްތައެވެ. މިއީ އިންސާނަކު އާދައިގެ ދިރިއުޅުމެއް އުޅުމަށް ބޭނުންވާ މިންވަރަށްވުރެ މާ ދަށް މިންވަރެކެވެ. މިކަމުގެ ސަބަބުން ހަސަންގެ ހަށިގަނޑުން ވިހަ މާއްދާތައް ބޭރުކުރުމުގެ ގާބިލުކަން ވަނީ ގެއްލިފައެވެ.

މި ނުރައްކާތެރި ހާލަތުން ސަލާމަތްވުމަށްޓަކައި އޭނާ މިހާރު ދަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ހަފްތާއަކު ތިން ދުވަހު ޑަޔަލަސިސް ހަދަމުންނެވެ. ޑަޔަލަސިސްއަކީ ހަށިގަނޑަށް ނުހަނު ބުރަ، އަދި ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން މީހާ ބަލިކަށިކޮށްލާ ފަރުވާއެކެވެ. ކޮންމެ ފަހަރަކު ޑަޔަލަސިސް ހަދައިގެން ނުކުންނައިރު ހަސަންގެ ހަށިގަނޑުގައި ހަކަތައެއް ނުހުރެއެވެ. މިފަހަކަށް އައިސް އޭނާ ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. އަމިއްލައަށް ހިނގާބިނގާވެ އުޅުމަކީވެސް މިހާރު އޭނާއަށް ބޮޑު ތަކުލީފެކެވެ. ކުރިން އަމިއްލަ މަސައްކަތުން އާމްދަނީ ހޯދަމުން ދިޔަ ހަސަން މިއަދު މިވަނީ އެނދުމަތިވެ، އަޅާލުމަށް ބޭނުންވާ ހާލަތަކަށް ގޮސްފައެވެ.

300 × 250

ޑަޔަލަސިސްގެ ފަރުވާ މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި މިވަގުތު އެންމެ މުހިންމުވެފައިވަނީ އޭނާގެ ކަރުގައި ކެތެޓާ (Catheter) އެއް ލެއްވުމާއި، އަތުގައި ދާއިމީ ފިސްޓިއުލާ (Fistula) އެއް ލެއްވުމެވެ. މިއީ ޑަޔަލަސިސް ހެދުމަށްޓަކައި ލޭހޮޅިތަކާ ގުޅާލުމަށް ކުރަންޖެހޭ ކޮންމެހެން މުހިންމު އޮޕަރޭޝަންތަކެކެވެ. ނަމަވެސް، އައްޑޫސިޓީން މި ޚިދުމަތް ލިބެން ނެތުމުގެ ސަބަބުން، އަޅުގަނޑުމެން މިވަނީ އަވަސް މުއްދަތެއްގެ ތެރޭގައި މާލެ ދާން ޖެހިފައެވެ.

ޑޮކްޓަރުން ލަފާދެއްވަނީ ވީހާވެސް އަވަހަކަށް މާލެ ގޮސް މި ކަންކަން ފުރިހަމަކުރުމަށެވެ. އެހެން ނޫންނަމަ، ޑަޔަލަސިސް ހެދުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އެބައޮތެވެ. ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަކީ ދާއިމީ ހައްލު ކަމުގައި ވިޔަސް، އެކަމަށް ބޭނުންވާ ޑޯނަރެއް ހޯދުމާއި، އާސަންދަ އަދި އެހެނިހެން އިދާރާތަކުން ހަމަޖައްސަންޖެހޭ އިދާރީ ކަންކަން އަދި އޮތީ މަރުހަލާގެ ކުރީކޮޅުގައެވެ. އެހެންކަމުން މިވަގުތު ކުރަންޖެހޭ އެންމެ ބޮޑު މަސައްކަތަކީ ޑަޔަލަސިސްގެ ފަރުވާގެ ކަންކަން ހަމަޖެއްސުމަށް މާލެ ދިއުމެވެ.

މި ބައްޔާ ކުރިމަތިލުމުގައި އަޅުގަނޑުމެންގެ އާއިލާ މިހާރު މިވަނީ މާލީ ގޮތުން މުޅިން އިނދަޖެހިފައެވެ. މީގެ ކުރިންވެސް ބޭސްފަރުވާއަށް މާލެ ގޮސް މަހަކަށްވުރެ ގިނަ ދުވަހު މަޑުކުރަން ޖެހުނެވެ. އެ ދަތުރުގައި ހަސަން ފަރީދުގެ އޮފީހުންނާއި ބައެއް ހެޔޮ އެދޭ ފަރާތްތަކުން ދެއްވި އެހީތެރިކަމާއި، އެޑްވާންސްގެ ގޮތުގައި ލިބުނު ފައިސާކޮޅު މިހާރު ވަނީ މުޅިން ހުސްވެފައެވެ. މާލޭގައި ތިބުމުގެ ޚަރަދާއި، ކެއިންބުއިމުގެ ޚަރަދާއި، ހޮސްޕިޓަލަށް ދިއުމަށް ކުރަންޖެހޭ ދަތުރު ޚަރަދުތަކަކީ އާދައިގެ އާއިލާއަކަށް އުފުލޭވަރަށްވުރެ މާ ބޮޑު ތަކުލީފެކެވެ.

އަނތްބެއްގެ ހައިސިއްޔަތުން އަޅުގަނޑު މިދަނީ އަޅުގަނޑަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރަމުންނެވެ. ދަރިފުޅު ގޮވައިގެން އުޅެމުން، ލިބޭ ހުސްވަގުތުތަކުގައި ކުދިކުދި މަސައްކަތް ކޮށްގެން އާމްދަނީއެއް ހޯދަން މަސައްކަތް ކުރަމެވެ. ނަމަވެސް، އެ މަސައްކަތުން ލިބޭ މިންވަރަކީ ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދުމަށްވެސް ނުފުދޭ މިންވަރެކެވެ. މާލޭގައި ކުއްޔަށް ތަންތަން ހިފައިގެން ބޭސްފަރުވާ ކުރުމަކީ އަޅުގަނޑުމެންނަށް މިހާރު އަތްނުފޯރާ ފަށުގައިވާ ކަމެކެވެ. މިހާރު އަޅުގަނޑުމެން މިވަނީ ބޮޑެތި ދަރަނިތަކުގެ ތެރެއަށް ގެނބިފައެވެ. ބޭސްފަރުވާގެ މުހިންމު ކަންކަން ފުރިހަމަ ނުކުރެވި، ދެން ހަދާނެ ގޮތެއް ނޭނގި ހަދާނެ ގޮތް ހުސްވެފައިވާ ހާލަތެއްގައެވެ.

އެންމެ ހިތާމަވެރި ކަމަކީ، އާސަންދަ، އެންސްޕާ، ނުވަތަ ޒަކާތު ފަންޑު ފަދަ ސަރުކާރުގެ އެހީދޭ އިދާރާތަކުންވެސް މިހާތަނަށް އެދެވޭ އެހީތެރިކަމެއް ލިބޭ ގޮތް ނުވުމެވެ. ގިނަ ފަހަރަށް އިދާރީ މަރުހަލާތައް ދިގުލައިގެން ދިއުމާއި، ހަރުކަށި އުސޫލުތަކުގެ ސަބަބުން އަވަސް ފަރުވާއަށް ބޭނުންވާ ފައިސާ ހޯދުމަކީ ނުހަނު އުނދަގޫ ކަމަކަށް ވަނީ ވެފައެވެ.

300 × 250

ހަސަން ފަރީދުގެ މެޑިކަލް ލިޔުން

ލޯބިވާ ދިވެހި އަޚުންނާއި އުޚުތުންނޭވެ! އަޅުގަނޑުމެން މި އެދެނީ ބޮޑު މިންވަރަކަށް ނޫނެވެ. ކޮންމެ ބޭފުޅަކުވެސް ތިޔަބޭފުޅުންގެ ތަނަވަސްކަން ހުރި މިންވަރަކުން، ލިބޭ އާމްދަނީން ކުޑަ މިންވަރެއް ނަމަވެސް ހަސަން ފަރީދުގެ ބޭސްފަރުވާއަށް ހަދިޔާކޮށްދެއްވުމަކީ އަޅުގަނޑުމެންނަށް ލިބޭނެ ނުހަނު ބޮޑު ހިތްވަރެކެވެ. ތިޔަބޭފުޅުން ދެއްވާ ކޮންމެ ލާރިއަކީ ހަސަންގެ ފުރާނަ ސަލާމަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ހަސަންފަރީދުގެ ދަރިންނަށް އެކުދިންގެ ބައްޕަގެ ލޯތްބާއި އަޅާލުން ބޭނުންވެއެވެ. އަޅުގަނޑަށް އަޅުގަނޑުގެ ފިރިމީހާގެ އެހީތެރިކަން ބޭނުންވެއެވެ. ހަސަން ފަރީދަކީ އާއިލާއަށްޓަކައި ބުރަ މަސައްކަތް ކުރި، ހިތްހެޔޮ މީހެކެވެ. މިއަދު އޭނާ އެހީތެރިކަމަށް ބޭނުންވެފައިވާ މި ދަނޑިވަޅުގައި، އޭނާ ގިނިކަންޏާ ދޫކޮށް ނުލެއްވުން އެދި އާދޭހާއެކު ދަންނަވަމެވެ.

ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ: "މުސްލިމް އަޚެއްގެ ދަތިކަމެއް މި ދުނިޔޭގައި ފިލުވައިދީފި މީހަކަށް، ގިޔާމަތް ދުވަހުން ކުރިމަތިވާނެ ބޮޑެތި ބިރުވެރިކަމާއި ދަތިތަކުގެ ތެރެއިން ދަތިކަމެއް މާތްﷲ ފިލުވައިދެއްވާނެއެވެ." މިއީ އެކަކު އަނެކަކަށް އެހީތެރިވުމަށް ލިބޭ ރަން ފުރުސަތެކެވެ.

ތިޔަބޭފުޅުން ފޮނުއްވާ އެހީތެރިކަމުގެ ފައިސާ ތިރީގައިވާ ބޭންކް އެކައުންޓަށް ޖަމާކޮށްދެއްވުން އެދެމެވެ.

ބޭންކް އެކައުންޓް ނަންބަރު: 7711434145101 ހަސަން ފަރީދު (ބޭންކް އޮފް މޯލްޑިވްސް)

300 × 250

އިތުރު މަޢުލޫމާތު ހޯއްދެވުމަށް: 9911443 ބުޝްރާ،ހަސަންގެ އަނބިމީހާ

މި ނަންބަރަށް ގުޅުއްވައިގެން ބަލިމީހާގެ ހާލަތާއި، ބޭނުންވާ އެހީތެރިކަމުގެ އިތުރު ތަފްސީލު ސާފުކުރެއްވޭނެއެވެ. އަޅުގަނޑުމެންނަށް ވެވޭ ކޮންމެ އެހީއަކީވެސް، އެއީ ކިތަންމެ ކުޑަ މިންވަރެއް ކަމުގައި ވިޔަސް، އަޅުގަނޑުމެން ޝުކުރުވެރިކަމާއެކު ބަލައިގަންނާނެ އެއްޗެކެވެ.

އަދި މި ލިޔުން ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދީ، މި މަތިވެރި މަސައްކަތުގައި ބައިވެރިވެވަޑައިގަތުމެވެ. މާތްﷲ ތިޔަބޭފުޅުންގެ ހެޔޮ މަސައްކަތުގައި ބަރަކާތް ލައްވައި، ތިޔަބޭފުޅުންނާއި ތިޔަބޭފުޅުންގެ އާއިލާތަކަށް ދުޅަހެޔޮކަމާއި އުފާވެރިކަން މިންވަރުކުރައްވާށިއެވެ. އަދި ހަސަން ފަރީދަށް އަވަސް ޝިފާއެއް މިންވަރުކުރައްވައި، އަޅުގަނޑުމެންގެ މި އުނދަގޫ ހާލަތުން ސަލާމަތްކޮށްދެއްވާށިއެވެ. އާމީން.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި