ޅ،އޮޅުވެލިފުށި ބަނދަރުގެ ތޮށިލުމަށް ބޭނުންވާ އިތުރު ޝިޕްމަންޓެއް އެ ރަށަށް ގެންގޮސްފިއެވެ.
މަޥްރޫއު ކުރިއަށް ގެންދާ ކުންފުނިކަމުގައިވާ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އެކްސްގައި ކުރެއްވި އަދާހަމަ ޕޯސްޓުގައި ވިދާޅުވެފައިވަނީ، އޮޅުވެލިފުށި ބަނދަރުގެ ތޮށިލުމަށް ބޭނުންވާ ބްލޮކްތަކުގެ އިތުރު ޝިޕްމަންޓެއް އެރަށަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ. މިއީ މި މަސައްކަތަށް ގެންދެވުނު ހަތަރު ވަނަ ޝިޕްމަންޓެވެ.
އޮޅުވެލިފުށީ ބަނދަރުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާއިރު، މި މަޝްރޫޢުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ. އެގޮތުން 7,534 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރީގެ ފަޅު އަލުން ފުންކުރުމާއި، 49,857 ކިއުބިކް މީޓަރުގެ އައު ހާބަރ ބޭސިން ފުންކުރުމުގެ އިތުރުން 14,160 ކިއުބިކް މީޓަރުގެ ނެރު ފުންކުރުން ހިމެނެއެވެ.
މީގެއިތުރުން، 164 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 172 މީޓަރުގެ ބޭރުތޮށި ލުމާއި، އެތެރެވަރިއާއި ބޭރުތެރެއަށް ވާގޮތަށް 156 މީޓަރުގެ ދެ ވެލިތޮށި ޖެހުމުގެ އިތުރުން 246 މީޓަރުގެ އެއްގަމުތޮށްޓެއް ލުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ ތެރޭގައި ހިމެނޭ އިތުރު މަސައްކަތްތަކަށް ބަލާއިރު، 11 މީޓަރުގެ ރޭމްޕަކާއި، 27 މީޓަރުގެ އާރްސީ ބްރިޖެއްގެ އިތުރުން 132 މީޓަރުގެ އާރްސީ ޖެޓީއެއް ހެދުން ހިމެނެއެވެ. އަދި 1,149 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތިއާއި ނެރު ބައްތި ހަރުކުރުމުގެ އިތުރުން ފެރީ ބަނދަރު ކުރަން ބޭނުންވާ އެކްސަސް ޕްލެޓްފޯމެއް ވެސް ގާއިމުކުރެވޭނެއެވެ.
މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 66.40 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން، 450 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢު ނިމުމާއެކު އޮޅުވެލިފުށީގެ ރައްޔިތުންނަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.