ކ. ހިންމަފުށީގައި އައު ކަރެކްޝަނަލް ފެސިލިޓީއެއް ގާއިމުކުރުމަށް ސަރުކާރުން ބަޖެޓް ހަމަޖައްސަވައިދެއްވާފައިވާ ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ 55 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭ ޖަލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރުގެ ވާހަކަފުޅުގައި މާލެ ސަރަހައްދުގައި އަދި ހިންމަފުށީގައި އައު ކަރެކްޝަނަލް ފެސިލިޓީއެއް ގާއިމުކުރުމަށް ސަރުކާރުން ބަޖެޓް ހަމަޖައްސަވާފައިވާކަން ވަނީ ހާމަކުރައްވާފައެވެ.

މީގެއިތުރުން، ކަރެކްޝަންސްގެ އޮފިސަރުންނާއި މުވައްޒަފުންގެ ވެލްފެއާ ކަންކަމަށް އަލިއަޅުއްވާލައްވަމުން، މުވައްޒަފުންގެ ހެލްތް އިންޝުއަރަންސް ސްކީމް ރަނގަޅުކޮށްދެއްވާނެ ކަމަށާއި، އޮފިސަރުންނާއި މުވައްޒަފުންނަށް ލިބެންޖެހޭ މަގާމުގެ ކުރިއެރުންތައް ހަމަޖައްސަވައި ދެއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ސަރުކާރުގެ ބޯހިޔާވެހިކަމުގެ ސްކީމްތަކުން ކަރެކްޝަންސްގެ މުވައްޒަފުންނަށް ފުރުސަތު ހޯދައިދެއްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒަރީރު، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު ޞަބާޙް، އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ރައީސް އަލްއުސްތާޛް ޝުއައިބު އަބްދުއްރަހްމާން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.