އަދާހަމަ: "ފުރަން ހަމަޖެހިފައިވާ ދުވަސް ދަނީ ގާތްވަމުން، ހެޔޮއެދޭ އަޚުންނާއި އުޚުތުން ދެއްވި، ދެއްވާ އެހީތެރިކަމަށް ހިތުގެ އަޑިން ފަށްފަށުން ޝުކުރު އަދާކުރަން، އަދިވެސް ޖުމްލަ އަދަދު ހަމަނުވާތީ އެހީއަށް އެދެން މަޖުބޫރުވަނީ، ފަރުވާއަށް ބޭނުންވާ މިންވަރު ހަމަވުމާއެކު މިޕޯސްޓުތައް ނަގާލެވޭނެ، އަދި އެވާހަކަ ހާމަކޮށްދެވޭނެ، ބޭނުންވަނީ ފުރާނަ ސަލާމަތްކުރުމަށް ވެވެން އޮތް ހިތްވަރެއް ކުރަން، ތިޔަ އަޚުންނާއި އުޚުތުންގެ ކިބައިން އެދެނީ މި ފަރުވާގެ ދަތުރުގައި އެހީތެރިކަމާއި ހެޔޮދުޢާއަށް،" ޝަމާ
އެންޑޯމެޓްރިއޯސިސް (Endometriosis) އަކީ އިހުސާސް ކުރަން ފަސޭހަ ބައްޔެއް ނޫނެވެ، އެބަލި ތަހައްމަލުކުރި ނުވަތަ ކުރާ އެއްވެސް އަންހެނެއްގެ މޫނުން އެވާހަކަ ކިޔައިދޭއިރު ވޭނުގެ އިހުސާސް ނުފެނި ނުދާނެއެވެ. ފަރުވާ ލިބުން އެހާ ދަތިވުމަކީ އެބަލީގެ ދެވަނަ ބުރައެވެ. ހަށިގަނޑުގައި އަޅާ ވޭނުގެ އިތުރަށް އަތުގައި ނެތް ފައިސާއަކުން ހޯދަން ޖެހޭ ފަރުވާއަކަށް ޑައިގްނޯސްވުމުން ހިިތްދަތިނުވާނެ މީހަކު ހުންނާނެހެއްޔެވެ.
މި ވޭންދެނިވި ނުރައްކާތެރި ބަލީގެ އެންމެ ފަހު ސްޓޭޖް ނުވަތަ ސްޓޭޖް 4 ގައި ވޭނާއި ކެކުޅުން ތަހައްމަލު ކުރަމުންދާ. އާމިނަތު ޝަމާ، އޭނާގެ މި ބަލި ހާލަތާ ހަނގުރާމަކުރާތާ މިހާރު 11 އަހަރު ވެއްޖެއެވެ. މިހާތަނަށް ވަނީ ޖުމްލަ 5 ބޮޑު އޮޕަރޭޝަނެއް ކޮށްފައެވެ. ނަމަވެސް، ބަލީގެ ނުރައްކާތެރިކަން ބޮޑުވެ، ހަށިގަނޑުގެ މުހިންމު ގުނަވަންތަކަށް ބަލި ފެތުރިފައިވުމުގެ ސަބަބުން، މިހާރު އޭނާގެ ހާލަތު ވަނީ ނާޒުކު ފައްތަރެއްގައެވެ. ރާއްޖެއާއި އަވަށްޓެރި އިންޑިއާ އަދި ލަންކާ ފަދަ ގައުމުތަކުން މިފަދަ ނުރައްކާތެރި ހާލަތްތަކަށް އެންމެ އެކަށީގެންވާ ފަރުވާ ލިބެން ނެތުމުގެ ސަބަބުން، ޝަމާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި މިސްރަށް ދިއުމަށް އޭނާ ވަނީ މަޖުބޫރުވެފައެވެ.
އާސަންދަ ހަމަޖެހިފައިވާ ހޮސްޕިޓަލަކުން މިބައްޔަށް ފަރުވާލިބުމެއްނެތެވެ، އެންސްޕާގެ އެހީއެއް ލިބުނު ނަމަވެސް މިވަރުގެ ބޮޑު އޮޕަރޭޝަނެއް، ފަރުވާއެއް، ކުރުމަށް އެއީ ވަރަށްވެސް ކުޑަ އަދަދެކެވެ. އެހެނީ ފަރުވާ ނިމެންދެން މަޑު ކުރަން ޖެހެނީ ކިހާ ދުވަހަކަށް ކަން ނޭނގޭ އިރު އެހީތެރިޔާގެ ހަރަދާއި ދަތުރުފަތުރުގެ ހަރަދާއި ހުރުމާއި ކެއިންބުއިން އަދި ބޭހުގެ ހަރަދު ވެސް މިކަމުގައި ހިމެނޭތީއެވެ.
ރާއްޖެއާ ކައިރިން ދެވެން އޮތް ގައުމުތަކުން ފަރުވާ ހޯދުމުގެ ތަޖުރިބާ ޝަަމާ ވަނީ ކޮށްފައެވެ. ކަމަށް އެކަށީގެންވާ ފަރުވާ ނުލިބޭ ހާލު، ދިން ފަރުވާގެ ވާހަކަ ހުވަދޫމީޑިއާއާ ހިއްްސާކޮށްފައެވެ. އެއީ އަޑުއަހަން ފަސޭހަ ނޫން ވާހަކަތަކެކެވެ. ފަރުވާގެ ބައެއްކަންކަން ކުރިއަށްދިޔައިރު އަމިއްލައަށް ތަހައްމަލުކުރަން ޖެހުނު ވޭނާއި ތަކުލީފުތަކަކީ އުމުރު ދުވަހަށް އެހަނދާންތައް އުނދަގޫކުރާފަދަ ކަންކަމެވެ.
ހަމައެހެންމެ ބަލިމީހާއަށް އޯގާތެރިވުމަކީވެސް އެބަލި ބޮޑުވަރުނުވެ ފަރުވާ އަވަސްވާ ކަމަކަށް ވާއިރު ގޮހޮރުފަދަ ސާޖަރީތައް ކޮށްފައި ހުރުމުން ބައެއް ޑޮކްޓަރުންނަށް އެބަލިމީހާގެ ގައިގައި އަތްލުން ނަޖިހެއްގައި އަތްލުމާ އެއްފަދަ ވެ ، ކޮންމެ ފަރުވާއެއް ހޯދަން ޖެހުނަސް ގޮހޮރުގެ ބައްޔާބެހޭ ޑޮކްޓަރުންނަށް ދައްކަން މަޖުބޫރުވުން މިއީވެސް ޝަމާ ތަހައްމަލުުކުރަމުންދާ ހިތްދަތި ހަގީގަތެކެވެ. ބައެއް ވާހަކަތަކަކީ އެވާހަކަތައް ދެއްކުންވެސް ވޭނަކަށްވުމުން ދުލުން ހާމަކުރުން ފަސޭހަ ނޫން ވާހަކަތަކެކެވެ. އަންހެނަކަށް މިއީ އަމިއްލަ ނަފުސަށް ލަދުވެތިކަން އިހުސާސްވެ ހިތަށާއި ނަފުސަށް ބަލިކަށިކަމާއި ނިކަމެތިކަން އިހުސާސްކޮށްދޭ ވަރުގެ ކަންކަމެވެ.
ޝަމާއަށް މި ހިތްދަތި ހަބަރު ލިބުނީ މީގެ 11 އަހަރު ކުރިންނެވެ. އޭނާއަށް މި ބަލި ހުރިކަން ރަސްމީކޮށް އެނގުނީ 2017 ވަނަ އަހަރު ނަމަވެސް، އޭގެ ކުރިންވެސް ބަލީގެ އަލާމާތްތަކާ އޭނާ އައީ ހަނގުރާމަކުރަމުންނެވެ. 2016 ވަނަ އަހަރު އެޕެންޑިކްސް މައްސަލައެއް ދިމާވެގެން ކުއްލި ގޮތަކަށް ކުރެވުނު އޮޕަރޭޝަނެއްގެ ތެރެއިން، އޭނާގެ ކަނާތް ފަރާތު އޯވަރީ ކައިރީގައި 2 ސެންޓިމީޓަރުގެ ސިސްޓެއް އިންކަން ފާހަގަކުރެވުނެވެ. މިއީ އޭނާގެ ހަށިގަނޑުގައި އެންޑޯމެޓްރިއޯސިސް ފެތުރެން ފެށިކަމުގެ ފުރަތަމަ ނިޝާނެވެ. އޭގެ އެއް އަހަރު ފަހުން، 2017 ވަނަ އަހަރު އޭނާގެ ހަށިގަނޑުގައި 8 ސެންޓިމީޓަރުގެ “ޗޮކްލެޓް ސިސްޓް” އެއް އުފެދި، އޭގެ ސަބަބުން ކަނާތް ފަރާތު އޯވަރީއާއި ޓިއުބު އެއްކޮށް ނަގަން ޖެހުނެވެ. މިއީ ޒުވާން އަންހެނަކަށް ކުރިމަތިވާނެ އެންމެ ބޮޑު އެއް ނަފްސާނީ އަދި ޖިސްމާނީ ހިތްދަތިކަމެވެ.
 (2).webp)
ޝަމާގެ ފިރިމީހާ އާއި ދެކުދިން----ފޮޓޯ: ޝަމA
ގުނަވަންތައް ބުރިކޮށްލަންޖެހުން: ހަށިގަނޑަށް ލިބިފައިވާ ބޮޑެތި ގެއްލުންތައް
ބަލީގެ ނުރައްކާ އެވަރުންވެސް ކުޑައެއް ނުވިއެވެ. 2018 ވަނަ އަހަރު ވާތް ފަރާތު އޯވަރީގައިވެސް ސިސްޓް އުފެދި، އަނެއްކާވެސް އޮޕަރޭޝަނެއް ކުރަން މަޖުބޫރުވިއެވެ. އެ ފަހަރުގެ އޮޕަރޭޝަނުގައި ޝަމާގެ ގޮހޮރުގެ ބައެއް ތަންތަން ބަލީގެ ސަބަބުން ތަތްވެފައި ހުރިކަން ޑޮކްޓަރުންނަށް ފާހަގަކުރެވުނެވެ. އެފަހަރު ބަނޑުތެރެ ސާފުކޮށް، ތަތްވެފައި ހުރި ތަންތަން ނައްޓާލެވުނު ނަމަވެސް، އެންޑޯމެޓްރިއޯސިސްއަކީ ހަށިގަނޑުގެ އެކި ތަންތަނަށް ފެތުރޭ ކެންސަރު ފަދަ ނުރައްކާތެރި ސިފަތަކެއް އެކުލެވޭ ބައްޔަކަށް ވުމުން، އޭގެ އަސަރު މުޅި ހަށިގަނޑުން ފިލައިގެން ނުދެއެވެ. 2021 އަދި 2022 ވަނަ އަހަރު ސީ-ސެކްޝަން ހަދައިގެން ދެ ދަރިން ލިބުނު ނަމަވެސް، ބަލީގެ ސަބަބުން އޭނާގެ ދިރިއުޅުން އޮތީ ނުރައްކަލެއްގެ ތެރޭގައެވެ. ކޮންމެ ދުވަހަކީވެސް ވޭނާއި ކެކުޅުމުގައި ހޭދަކުރަންޖެހޭ ދުވަހަކަށް ވެފައިވާއިރު، އޭނާގެ ހިތްވަރަކީ އޭނާގެ ފިރިމީހާއާއި ކުޑަކުޑަ ދެ ދަރިންނެވެ. އޭނާގެ ސަޕޯޓް ސިސްޓަމަކީ އާއިލާއެވެ.
އެންޑޯމެޓްރިއޯސިސް ސްޓޭޖް 4 އަކީ ބަލީގެ އެންމެ ނުރައްކާތެރި މަރުހަލާއެވެ. މި މަރުހަލާގައި ރަހިމުގެ ފަށަލައިގައި ހުންނަންޖެހޭ ސެލްތައް ރަހިމުން ބޭރުގައި، ހަށިގަނޑުގެ އެހެނިހެން ގުނަވަންތަކުގައި ހެދެން ފަށައެވެ. ޝަމާގެ ހާލަތުގައި މި ސެލްތައް ވަނީ އޭނާގެ ގޮހޮރާއި، މަސާނާއާއި، އަދި ހަށިގަނޑުގެ އެހެން މުހިންމު ނިޒާމުތަކަށް ފެތުރިފައެވެ. މީގެ ސަބަބުން ގުނަވަންތައް އެކި ތަންތަނުގައި ތަތްވެ، ގުނަވަންތަކުގެ އަސްލު މަސައްކަތް ހުއްޓުމަކަށް އާދެއެވެ. ޝަމާގެ ހާލަތު މިހާރު ހުރި ގޮތުން، އޭނާގެ ހަށިގަނޑުގެ އެތެރޭގައި ހިނގަމުންދާ މި ނުރައްކާތެރި “ހަނގުރާމަ” ހުއްޓުވޭނީ އެންޑޯމެޓްރިއޯސިސްއަށް ހާއްސަވެފައިވާ ތަޖުރިބާކާރު ސާޖަނުންނަށް އެކަންޏެވެ. ރާއްޖެއިން މިފަދަ ފަރުވާ ހޯދުމަކީ މިހާރު ކުރެވެން އޮތް ކަމެއް ނޫން ކަމަށް ޑޮކްޓަރުންވެސް ވަނީ ލަފާދީފައެވެ.
މި ބަލީގެ ސަބަބުން ޝަމާ އުފުލަމުންދާ ވޭނަކީ އާދައިގެ އިންސާނަކަށް ތަހައްމަލު ކުރަން ދަތި ވޭނެކެވެ. ކޮންމެ މަހަކު ކުރިމަތިވާ ޕީރިއަޑްގެ ދުވަސްވަރުގެ ވޭނުގެ އިތުރުން، އާދައިގެ ދުވަސްތަކުގައިވެސް ބަނޑުގައި ރިއްސުމާއި، ހަށިގަނޑު ވަރުބަލިވުމާއި، އަދި ނަފްސާނީ ގޮތުން ކުރިމަތިވާ ބިރުވެރިކަމަކީ ބަޔާންކުރަން ދަތި ކަންތައްތަކެވެ. ޝަމާ ބުނާ ގޮތުގައި، އޭނާގެ އެންމެ ބޮޑު ހިތްދަތިކަމަކީ ބަލީގެ ސަބަބުން އޭނާގެ ދަރިންނަށް ދޭންޖެހޭ ސަމާލުކަމާއި ލޯބި ފުރިހަމައަށް ނުދެވުމެވެ. ބައެއް ދުވަސްދުވަހު ވޭނުގެ ސަބަބުން އެނދުން ނުތެދުވެވި އޮންނަން ޖެހުމަކީ މަންމައެއްގެ ހައިސިއްޔަތުން އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްދަތިކަމެވެ. މިއީ ހަމައެކަނި ޖިސްމާނީ ބައްޔެއް ނޫނެވެ؛ މިއީ މުޅި އާއިލާއެއްގެ އުފާވެރިކަމަށް އެޅިފައިވާ އަނދިރިކަމެކެވެ.
2023 ވަނަ އަހަރަކީ ޝަމާގެ ހަޔާތުގައި ކުރިމަތިވި އެންމެ ނުރައްކާތެރި އެއް އަހަރެވެ. އެ އަހަރު ހެދި ޓެސްޓްތަކުން އެނގުނު ގޮތުގައި، އޭނާގެ ހަށިގަނޑުގެ ހަތަރު މުހިންމު ގުނަވަނެއް ވަނީ ބަލީގެ ސަބަބުން އެކި ތަންތަނުގައި ތަތްވެފައެވެ. މަސާނާ (Bladder)، ގޮހޮރު (Bowel)، ރަހިމު (Uterus) އަދި އޯވަރީތައް ވަނީ އެކަތި އަނެކައްޗާ ތަތްވެ، ގުނަވަންތަކުގެ މަސައްކަތަށް ބޮޑެތި ހުރަސްތަކެއް އެޅިފައެވެ. މި ނުރައްކާތެރި ހާލަތުން ސަލާމަތްވުމަށްޓަކައި، ޑޮކްޓަރުން ނިންމީ އޭނާގެ ރަހިމާއި އޯވަރީތައް އެއްކޮށް ނަގާށެވެ. މި އޮޕަރޭޝަނަށް ކިޔަނީ “ފުލް ހިސްޓްރެކްޓޮމީ” (Full Hysterectomy) އެވެ. ނަމަވެސް، ރަހިމު ނެގުމުންވެސް ބަލީގެ ނުރައްކަލުން ސަލާމަތެއް ނުވެވުނެވެ. 2024 ވަނަ އަހަރު ކުރިމަތިވި އިތުރު އުނދަގޫތަކަކާ ގުޅިގެން ހެދި ޓެސްޓްތަކުން އެނގުނީ، އެންޑޯމެޓްރިއޯސިސްގެ އަސަރު އޭނާގެ ގޮހޮރަށް ވަރަށް ބޮޑަށް ފެތުރިފައިވާ ކަމެވެ. ގޮހޮރުގެ 50 އިންސައްތަ ވަނީ އެއްކޮށް ހަލާކުވެފައެވެ. އަދި ބާކީ ހުރި 50 އިންސައްތަވެސް ދަނީ ބަލީގެ ސަބަބުން ހަލާކުވަމުންނެވެ. މިއީ ފުރާނައަށް ނުރައްކާވާ ފަދަ ސީރިއަސް ހާލަތަކަށް ވުމުން، އެންޑޯމެޓްރިއޯސިސް ސްޕެޝަލިސްޓެއްގެ އެހީތެރިކަމަށް ޝަމާ އެދުނެވެ. އެގޮތުން ކުރެވުނު އޮޕަރޭޝަނެއްގައި، އޭނާގެ ގޮހޮރުން 12 ސެންޓިމީޓަރުގެ ބައެއް ބުރިކޮށްލަން ޖެހުނެވެ. ގޮހޮރު ބުރިކޮށްލުމަށްފަހު އަލުން ގުޅުވައިގެން ކުރި މި އޮޕަރޭޝަނަކީ ވަރަށް ނާޒުކު އަދި ނުރައްކާތެރި އޮޕަރޭޝަނެކެވެ.
ގޮހޮރުގެ ބޮޑު ބައެއް ބުރިކޮށްލުމަކީ އިންސާނެއްގެ ކެއިންބުއިމާއި، ހަޖަމުކުރުމުގެ ނިޒާމަށް އަންނާނެ އެންމެ ބޮޑު ބަދަލެވެ. ޝަމާ މިހާރު ތަހައްމަލު ކުރަމުންދާ ވޭނަކީ ހަމައެކަނި ބަލީގެ ވޭނެއް ނޫނެވެ؛ އެއީ ކުރެވުނު ގިނަގުނަ އޮޕަރޭޝަންތަކުގެ ސަބަބުން ހަށިގަނޑަށް ލިބިފައިވާ ޒަޚަމްތަކުގެ ވޭންވެސް މެއެވެ. ގޮހޮރުގެ މަސައްކަތް ފުރިހަމައަށް ނުކުރެވުމުގެ ސަބަބުން، އޭނާގެ ހަށިގަނޑަށް ބޭނުންވާ މުހިންމު ނިއުޓްރިއެންޓްސް ލިބުމުގައި ދަތިތަކެއް ކުރިމަތިވެ، ހަށިގަނޑު ދަނީ ދުވަހުން ދުވަހަށް ބަލިކަށިވަމުންނެވެ. މިހާރު އޭނާގެ ހާލަތު ހުރި ގޮތުން، ކޮންމެ ކުޑަ ކަމެއްވެސް ވެގެންދަނީ އޭނާގެ ފުރާނައަށް އޮތް ނުރައްކަލަކަށެވެ.
މި ހުރިހާ އޮޕަރޭޝަންތަކެއް ކޮށްފައިވާއިރުވެސް، ބަލި ކޮންޓްރޯލް ނުވެ، އިތުރަށް ފެތުރެމުން ދިއުމަކީ މި ބަލީގެ ހުރި ނުރައްކާތެރިކަން ހާމަކޮށްދޭ ކަމެކެވެ. އެންޑޯމެޓްރިއޯސިސްއަކީ “ސައިލެންޓް ކިލަރ” އެއްގެ ގޮތުގައި ބައެއް ޑޮކްޓަރުން ސިފަކުރެއެވެ. ސަބަބަކީ ބޭރުފުށުން ބަލިމީހާ ފެންނަނީ ގަދަވެ ހުރި މީހެއްގެ ގޮތުގައި ކަމަށް ވިޔަސް، ހަށިގަނޑުގެ އެތެރޭގެ ގުނަވަންތައް ދަނީ ބަލީގެ ސަބަބުން ކާލަމުންނެވެ. ޝަމާގެ ހާލަތު މިހާރު ހުރި ގޮތުން، އޭނާއަށް ބޭނުންވަނީ ހަމައެކަނި އޮޕަރޭޝަނެއް ނޫނެވެ. އޭނާއަށް ބޭނުންވަނީ މި ބައްޔަށް ދުނިޔޭގެ ފެންވަރުގައި ހުރި އެންމެ މޮޅު ފަރުވާއާއި، ދިގު މުއްދަތުގެ ރިހެބިލިޓޭޝަން އެހީތެރިކަމެވެ. މިސްރަކީ މި ބަލީގެ ފަރުވާއަށް ދުނިޔޭގައި ފާހަގަކޮށްލެވޭ މޮޅު ޑޮކްޓަރުން ތިބި ގައުމަކަށް ވާތީ، ޝަމާގެ އުންމީދުތައް މިހާރު ގުޅިފައިވަނީ އެ ގައުމާ އެވެ.
ކޮޅެއް ނެތް އާދޭސް: ފުރާނަ ސަލާމަތްކުރުމަށް އެހީއަށް އެދި
މިހާރު ޝަމާގެ ހާލަތު ވަނީ އިތުރަށް ގޯސްވެފައެވެ. ކުރިން ގޮހޮރު ބުރިކޮށްލާފައި ގުޅުވި ތަނުން ދަނީ ހިމަވަމުންނެވެ. މީގެ ސަބަބުން ބަނޑު ފުއްޕުމާއި، ބޮޑުކަމު ދިއުމަށް އިންތިހާއަށް ދަތިވުމާއި، އަދި ބޮޑުކަމުދާ ތަކެތި ބޭރުނުވެ ބަނޑުތެރޭގައި ތަޅުލެވުން ފަދަ ނުރައްކާތެރި ކަންތައްތައް ދަނީ ދިމާވަމުންނެވެ. މީގެ އިތުރުން، ބޮޑުކަމުދާއިރު ލޭ އައުމާއި، އިންތިހާއަށް ހޮޑުލެވުން ފަދަ ކަންތައްތައް މެދުވެރިވަނީ ގޮހޮރުގެ މަސައްކަތް ހުއްޓުމަކަށް އަންނާތީއެވެ. ޝަމާ ބުނާ ގޮތުގައި، ބޮޑުކަމު ދިއުމަށްޓަކައި އެތައް ގަޑިއިރެއް ވަންދެން ފާޚާނާގައި އިންނަން ޖެހުމަކީ އޭނާގެ ހަށިގަނޑަށް ކެތްކުރަން ދަތި ވޭނެކެވެ. މި ހާލަތުން ސަލާމަތްވުމަށްޓަކައި މިހާރު ވަނީ އަވަސް އޮޕަރޭޝަނެއް ކުރަން ޖެހިފައެވެ.
ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން އާސަންދައިގެ އެހީތެރިކަން ލިބެނީ ވަކި ގައުމުތަކަކަށް ކަމަށްވާތީ، މިސްރަށް ފަރުވާއަށް ދިއުމަށް ޝަމާއަށް އާސަންދަ ލިބޭކަށް ނެތެވެ. އެންސްޕާގެ އެހީތެރިކަމުން މިންވަރެއް ލިބުނު ނަމަވެސް މިވަރުގެ ބޮޑު އޮޕަރޭޝަނެއް ކުރުމަށް އެއީ ވަރަށްވެސް ކުޑަ އަދަދެކެވެ. އަދި ކޮންމެ ކޮންމެ އާއިލާއަކީ އާއިލާގެ އެންމެނަށް ބޮޑެތި ހަރަދުތަކަށް ފެންފަދައިން ފައިސާ ހޭދަކުރުމުގެ ތަނަވަސްކަމެއް ތިބި ބައެއް ނޫންކަން އެއީ އެންމެންވެސް ގަބޫލުކުރާނެ ހަގީގަތެކެވެ.
ފަރުވާއަށް ބޭނުންވާ ފައިސާއާއެެކު، ފަރުވާ ނިމެންދެން މަޑު ކުރަން ޖެހެނީ ކިހާ ދުވަހަކަށް ކަން ނޭނގޭ އިރު، އެހީތެރިޔާގެ ހަރަދާއި ދަތުރުފަތުރުގެ ހަރަދާއި ހުރުމާއި ކެއިންބުއިން އަދި ބޭހުގެ ހަރަދު ވެސް އެއީ އަމިއްލައަށް ހަމަޖައްސައި ބަލަން ޖެހޭ ކަންތައްތަކެވެ. ޝަމާގެ އާދޭހަކީ އޭނާގެ މި ހާލަތަށް ރަހުމްކޮށް، ދިވެހި ރައްޔިތުންގެ ދީލަތި އެހީތެރިކަން ފޯރުކޮށްދިނުމެވެ. "އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުގެ ދަރިން ބޮޑުވާތަން ދެކެން. އަޅުގަނޑުގެ މި ވޭނަށް ނިމުމެއް އަންނާނެ ދުވަހެއްގެ އިންތިޒާރުގައި މިހުންނަނީ. ތިޔަ އަޚުންނާއި އުޚުތުންގެ ކުޑަކުޑަ އެހީއަކީވެސް އަޅުގަނޑުގެ ފުރާނަ ސަލާމަތްކުރުމަށް އެޅޭ ބޮޑު ބާރަކަށް ވާނެ،" ޝަމާ ބުންޏެވެ.
ޝަމާގެ ފަރުވާއަށް ބޭނުންވާ ފައިސާގެ ބޮޑުބައެއް މިހާރު ވަނީ ހެޔޮއެދޭ ފަރާތްތަކުގެ އެހީގައި ހަމަވެފައެވެ. ނަމަވެސް އަދިވެސް ފުރައިގެން ދެވޭވަރަށް ފައިސާ ހަމަނުވާތީ، އޭނާގެ އާއިލާއިން ވަނީ އިތުރު އެހީތެރިކަމަށް އެދިފައެވެ.
ޝަމާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން، އެހީވުމަށް، ތިރީގައިވާ އެކައުންޓް ނަންބަރުތައް،
ދިވެހި ރުފިޔާ އެކައުންޓް (BML):
7730000445180 (AMINATH SHAMA)
ޑޮލަރު އެކައުންޓް (BML):
7730000611573 (ISMAIL NASEEM)
އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ: 9555122 ނުވަތަ 9902621 އަށެވެ.
މިއީ ތިމާގެ ދަރިންގެ ކުރިމަގު ދެކެން ބޭނުންވާ، އަދި އެކުދިންނާއެކު އުފާވެރި ދިރިއުޅުމެއް އާރާސްތުކުރަން ބޭނުންވާ މަންމައެއްގެ އާދޭހެވެ. މިއީ އެހިތްވަރުގަދަ މަންމަގެ ފަރުވާއަށް އެހީވުމަށް އެދި އެކުދިންގެ ބައްޕަ ކުރާ ވަރަށް ބޮޑު އިލްތިމާސެކެވެ. ތިޔައަޚުންނާއި އުޚުތުންނަށް ވެދެވެން އޮތް ކިތަންމެ ކުޑަ އެހީތެރިކަމަކީ ވެސް ޝަމާގެ އުންމީދުތައް އާލާވެ، އޭނާގެ ހަޔާތަށް އަލިކަން ގެނެސްދޭނެ ކަމެކެވެ.
އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތްކޮށްފިނަމަ، ޝަމާއަށް އަލުން އަނބުރާ އޭނާގެ އާއިލާއާއެކު ދުޅަހެޔޮ އަދި އުފާވެރި ދިރިއުޅުމަކަށް ރުޖޫއަވުމުގެ މަގު ފަހިވެގެންދާނެއެވެ. ދުއާއަކީ މާތްﷲ ޝަމާއަށް އަވަސް ޝިފާއެއް ދެއްވުމެވެ. އާމީން.
ޝަމާގެ މެޑިކަލް ލިޔުންތައް ތިރީގައި...
.webp)
.webp)


.webp)
.webp)
.webp)
.webp)
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.