އުފަންވީއްސުރެ މައިބަދައާއި ގޮހޮރުގެ ބޮޑެތި އުނިކަންތައްތަކެއް ހުންނަ "ކޯޑަލް ރިގްރެޝަން ސިންޑްރޯމް" ތަހައްމަލުކުރަމުންދާ އުމުރުން 12 އަހަރުގެ ލުހްޔާގެ ބަލިހާލަތު އިތުރަށް ގޯސްވެ، އިތުރު ފަރުވާ ހޯދުމަށް އާއިލާއިން އާންމުންގެ އެހީތެރިކަމަށް އެދި އިލްތިމާސްކޮށްފިއެވެ. މި ބައްޔަކީ މައިބަދައިގެ ތިރީބަޔާއި، އުނަގަނޑާއި، ގޮހޮރު އަދި ކުޑަކަމުދާ ނިޒާމު ފުރިހަމައަށް ނުއުފެދޭ، ވަރަށް މަދުން ނޫނީ ނުފެންނަ ނުރައްކާތެރި ބައްޔެއް ކަމަށްވާއިރު، ލުހްޔާގެ މުޅި ދިރިއުޅުން މިހާތަނަށް ވޭތުކޮށްފައިވަނީ ހޮސްޕިޓަލުގެ އެކި އޮޕަރޭޝަން ތިއޭޓަރުތަކުގައާއި ބޭސްފަރުވާގެ ތެރޭގައެވެ. މިހާރު ލުހްޔާގެ ހާލަތު ހުރިގޮތުން ކާތަކެތި ކެއުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާތީ، އަންނަ ހަފުތާގެ ތެރޭގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ހޮޅިން ކާންދޭން ފެށުމަށް ޑޮކްޓަރުން ވަނީ ނިންމާފައެވެ.
ލުހްޔާގެ ބަލިހާލަތާއި ތަކުރާރުވަމުންދާ ސިއްހީ ގޮންޖެހުންތައް
ލުހްޔާގެ ބަލީގެ ތަފްސީލުތައް ކިޔައިދެމުން އޭނާގެ މަންމަ، މަރިޔަމް އަވްލީން ހާމަކުރި ގޮތުގައި، ލުހްޔާއަކީ އުފަންވީއްސުރެ ނަޖިސް ބޭރުކުރާނެ ގުދުރަތީ ދޮރެއް ހަށިގަނޑުގައި ހުރި ކުއްޖެއް ނޫނެވެ. މީގެ ސަބަބުން އޭނާގެ އުމުރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައިވެސް ބޮޑެތި އޮޕަރޭޝަންތަކެއް ކޮށް، ބަނޑުގެ އެކި ދިމާލުން ލޯވަޅުތަކެއް ނުވަތަ "ސްޓޯމާ" ހަދައިގެން ނަޖިސް ބޭރުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. ނަމަވެސް މި ލޯވަޅުތަކަކީ ދާއިމީ ހައްލަކަށް ނުވާއިރު، ތަކުރާރުކޮށް މި ތަންތަން ބެދުމާއި، ފާރުވުމާއި، އަދި އިންފެކްޝަން އަށަގަތުމުގެ މައްސަލަތައް ކުރިމަތިވެއެވެ. އަވްލީން ބުނި ގޮތުގައި، މިހާރު ލުހްޔާގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ބޮޑުކަމުދާ ތަކެތި ބޭރުކުރުމަށް ގޮހޮރާ ދިމާލުން ތޮރުފާފައި ހުރި ތަން ވަރަށް ބޮޑަށް ފާރުވެ، އެތަނުން ލޭ އައުމެވެ. މިކަމުގެ ސަބަބުން ކުއްޖާއަށް ކެއުމާއި ބުއިމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް އާއިލާއިން ބުނެއެވެ.
ލުހްޔާގެ ކުޑަކަމުދާ ނިޒާމަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އޭނާގެ ވާތު ކިޑްނީ ދުޅަވެފައި ހުރުމުގެ ސަބަބުން، ކިޑްނީގެ މަސައްކަތް ހުރި ނެތްގޮތް ބެލުމަށްޓަކައި ގަވާއިދުން ޑީއެމްއޭ (DMSA) ސްކޭންތައް ހަދަން ޖެހެއެވެ. ކުރިން އަހަރަކު އެއްފަހަރު ހަދަމުން އައި މި ސްކޭން، މިހާރު ކިޑްނީގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ ކުރިއަށްވުރެ އަވަސްއަވަހަށް ހަދަން ޖެހިފައިވާ ކަމަށް އޭނާގެ މަންމަ މަރިޔަމް އަވްލީން ކަންބޮޑުވުމާއެކު ފާހަގަކުރިއެވެ. ކިޑްނީގެ މައްސަލަތަކުގެ ސަބަބުން މީގެ ކުރިން ވެސް އޮޕަރޭޝަނެއް ކޮށްފައިވީ ނަމަވެސް، އަދިވެސް އެކަށީގެންވާ ހައްލެއް ލިބިފައެއް ނުވެއެވެ.
ލުހްޔާގެ ހާލަތު މި ފަހަކަށް އައިސް އެންމެ ބޮޑަށް ގޯސްވެފައިވަނީ ކެއިންބުއިމުގެ ނިޒާމަށް ދިމާވެފައިވާ މައްސަލަތަކުގެ ސަބަބުންނެވެ. ކާތަކެތި ހަޖަމުކޮށް ބޭރުކުރުމުގައި ހުރި އުނިކަންތައްތަކުގެ ސަބަބުން، އަނގައިން ނަޖިސް ބޭރުވާ ފަދަ ހިތްދަތި ހާލަތު ދަނީ ތަކުރާރުކޮށް ދަނީ ކުރިމަތިވަމުންނެވެ. މިކަމުގެ ސަބަބުން ކުއްޖާގެ ކެއުން މުޅިން ހުއްޓި، ހަށިގަނޑު ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ. އަދި ނޭފަތުގައި މަސްކޮޅެއް އުފެދި ދޮސްލުމުގެ ސަބަބުން "ސިވިއާ އެޑިނޮއިޑް ހައިޕަޓްރޯފީ" ޖެހި، ނޭވާލުމަށް އުނދަގޫވުމުން ޓްރީޓޮޕް ހޮސްޕިޓަލުގައި ދާދިފަހުން ވަނީ ސާޖަރީއެއް ވެސް ކޮށްފައެވެ.
"އެއްވެސް އެއްޗެއް ނުކެވޭ، އެހެންވެ އަންނަ ހަފުތާގަައި ޑޮކްޓަރުން އިރުޝާދު ދެއްވަނީ ހޮޅިން ކާން ދިނުމަށް ހޮސްޕިޓަލުގަ ބޭއްވުން،" ލުހްޔާގެ މަންމަ ބުންޏެވެ..
މި ހުރިހާ ތަކުލީފުތަކަކާއެކު ވެސް ލުހްޔާއަކީ ތައުލީމަށް ލޯބިކުރާ، ހިތްވަރުގަދަ ކުއްޖެކެވެ. މީގެ ކުރިން ވީލްޗެއާގައި ސްކޫލަށް ގޮސް ކިޔަވަމުން އައި ނަމަވެސް، މައިބަދައާއި ކަރުގެ ބަދަތަކަށް ލިބިފައިވާ ސީރިއަސް ގެއްލުންތަކުގެ ސަބަބުން ގިނަވަގުތު އިށީނދެ އިނުން ޑޮކްޓަރުން ވަނީ މަނާކޮށްފައެވެ. އެހެންކަމުން، މިހާރު ލުހްޔާގެ ކިޔެވުން ކުރިއަށް ގެންދަން ޖެހިފައިވަނީ ގޭގައި ބާއްވައިގެންނެވެ. އުމުރުން އެންމެ 12 އަހަރުގެ މި ކުއްޖާގެ މުޅި ހަޔާތް ވޭނާއި ކެކުޅުމުގައި ހޭދަވަމުންދާއިރު، އާއިލާގެ ހަމައެކަނި އުންމީދަކީ ދަރިފުޅަށް ތަހައްމަލު ކުރަންޖެހޭ މި ވޭންތަކުން ކުޑަވެސް ލުޔެއް ލިބިގެންދިއުމެވެ.
އާއިލާގެ މާލީ ދަތިތަކާއި އާންމުންގެ އެހީތެރިކަމަށް އެދި ކުރާ އިލްތިމާސް
ލުހްޔާގެ ބައްޕަ މުހައްމަދު އިޝާންއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ބެގޭޖް ސާވިސްގައި ވަޒީފާ އަދާކުރަމުންދާ މީހެކެވެ. އޭނާއަށް ލިބޭ މަދު އާމްދަނީން ދަރިފުޅުގެ ބޭސްފަރުވާއަށާއި، ކޮންމެ ދުވަހަކު ބޭނުންވާ ނެޕީއާއި އެހެނިހެން މެޑިކަލް ސާމާނު ހޯދުމަކީ އެ އާއިލާއަށް އުފުލޭވަރަށް ވުރެ މާ ބޮޑު މާލީ ބުރައެކެވެ. ލުހްޔާ އަބަދުވެސް ނެޕީ ޖަހާފައި ބާއްވަން ޖެހޭއިރު، އޭނާގެ ހަށިގަނޑުން ބޭރުވާ ނަޖިސްތައް ސާފުކުރުމަށާއި ފާރުވެފައިވާ ތަންތަނަށް ބޭނުންވާ ބޭސްތަކަށް މަހެއްގެ މައްޗަށް ބޮޑު ހަރަދެއް ހިނގާ ކަމަށް އާއިލާއިން ބުނެއެވެ.
ރާއްޖެއިން ކުރެވެން ހުރި ފަރުވާތައް ކުރަމުންދިޔަ ނަމަވެސް، ޑޮކްޓަރުން މިހާރު ލަފާދީފައިވަނީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށް ދައްކައިގެން އިތުރު ބޮޑެތި ސާޖަރީތަކެއް ކުރުމަށެވެ. މިއީ ލުހްޔާގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށާއި، މިހާރު ކުރިމަތިވެފައިވާ ނުރައްކާތެރި ސިއްހީ މައްސަލަތަކުން ސަލާމަތްވުމަށް އޮތް ހަމައެކަނި މަގެވެ. ނަމަވެސް، އިންޑިއާއަށް ގޮސް އެތައް މަހެއް ވަންދެން މަޑުކޮށްގެން ފަރުވާ ހޯދުމަށް ބޭނުންވާ ފައިސާ މިވަގުތު އާއިލާގެ އަތުގައި ނެތުމުން، އެ މީހުން ތިބީ ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގައެވެ. އާސަންދައިގެ އެހީ ލިބުނު ކަމުގައި ވިޔަސް، އެތަނުގައި ތިބުމާއި އެހެނިހެން ހަރަދުތަކަކީ އާދައިގެ އާމްދަނީއެއް ލިބޭ އާއިލާއަކަށް އަތްފޯރާ ފަށުގައި ހުރި ކަންކަމެއް ނޫނެވެ.
ލުހްޔާގެ މަންމަ މަރިޔަމް އަވްލީން ބުނީ، ދަރިފުޅުގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާތީ ކޮންމެ ސިކުންތަކީ ވެސް އެމީހުންނަށް ވަރަށް އަގުބޮޑު ވަގުތުކޮޅެއް ކަމަށެވެ. "އަޅުގަނޑުމެންގެ އެދުމަކީ ދީލަތި އެހީތެރިކަމެއް ލިބި، ދަރިފުޅަށް ބޭނުންވާ މި ފަރުވާތައް ވީހާވެސް އަވަހަކަށް ފެށޭނެ މަގު ތަނަވަސްވުން. ކޮންމެ ބޭފުޅަކު ވެސް ވެދެއްވާ ކުޑަކުޑަ އެހީއަކީ ވެސް ލުހްޔާގެ ވޭނަށް ލިބޭނެ ވަރަށް ބޮޑު ތަސައްލީއެއް،" އަވްލީން އުންމީދާއެކު ބުންޏެވެ. މިހާރުވެސް ލުހްޔާގެ ގޮހޮރު ކައިރިން ތަންތަންކޮޅު ކަނޑައިގެން ގޮސް ލޭ އަންނާތީ، ކުއްޖާ އިންނަނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ.
ލުހްޔާގެ ފަރުވާއަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް މަރިޔަމް އަވްލީންގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓްތަކަށް ފައިސާ ޖަމާކުރެވޭނެއެވެ.
ވެ. 12 އަހަރުގެ އެ ކުޑަ ފުރާނަ މިއަދު އާދޭސްކުރަމުން އެދަނީ އަޅުގަނޑުމެންގެ އެހީތެރިކަމަށެވެ. އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް ތިރީގައިވާ އެކައުންޓް ނަންބަރުތަކަށް ފައިސާ ފޮނުވޭނެއެވެ.
އެހީތެރިކަން ފޯރުކޮށްދިނުމަށް:
- މަރިޔަމް އަވްލީން (Maryam Avleen)
- ބީއެމްއެލް ދިވެހި ރުފިޔާ އެކައުންޓް: 7715505470101
- ބީއެމްއެލް ޔޫއެސް ޑޮލަރު އެކައުންޓް: 7730000739534
އިތުރު މައުލޫމާތު ހޯދުމަށް؛
- 7788226 ބައްޕަ އިޝާން، 7878226 މަންމަ އަވްލީން
މިއީ މުޅި މުޖުތަމައު ގުޅިގެން، ވޭނުގައި އުޅެމުންދާ މި ކުޑަކުއްޖާއަށް އާ އުންމީދެއް ހޯދައިދިނުމަށް މަސައްކަތް ކުރަންވީ ވަގުތެވެ. އާއިލާގެ އިލްތިމާސަކީ ކޮންމެ މީހަކުވެސް ފޯރުކޮށްދެވުނު މިންވަރަކުން އެހީތެރިކަން ފޯރުކޮށްދީ، ލުހްޔާގެ ހަޔާތުން މި އަނދިރި ދުވަސްތައް ފިލުވައިދިނުމަށް އެހީތެރިވެދިނުމެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.