ވާނުވާ ބަންދުގައި ތިބޭ މީހުންގެ އަދަދު އެންމެ މަދު ޤައުމަކަށް ރާއްޖެ ހަދަން ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގައި ސަރުކާރުގެ އެކި މަސައްކަތްތަކާއި ޤައުމުގައި ހުރި އިޖުތިމާޢީ އެކި ކަންކަމާ ގުޅޭގޮތުން މުހިންމު ނިންމެވުންތަކެއް ވަނީ ނިންމަވާފައެވެ. މީގެ ތެރެއިން އެކި މައްސަލަތަކުގައި ތަޙުޤީޤަށް ހައްޔަރުކޮށް، ހުކުމެއް ކުރުމެއް ނެތި ބަންދުގައި ތިބޭ މީހުންގެ އަދަދު އެންމެ މަދު ޤައުމަކަށް ރާއްޖެ ހެދުމަށް މަސައްކަތް ކުރުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމަވާފައިވާއިރު ޝަރީޢަތުގެ މަރުހަލާ ނިމެންދެން ބަންދުގައި ތިބޭ މީހުން ނުވަތަ "ވާނުވާ ބަންދު" ގައި ތިބޭ މީހުންގެ އަދަދު އިތުރުވުމަކީ އެކި ޤައުމުތަކުގައި އޮތް ބޮޑު ކަންބޮޑުވުމެކެވެ.

ޝަރީޢަތުގެ މަރުހަލާ ނިމެންދެން ބަންދުގައި ތިބެންޖެހޭ މީހުން ގިނަ ވުމަކީ އެތައް ބައެއްގެ ކަންބޮޑުވުންތަކެއް އޮތް ކަމެކެވެ. މިކަމަށް ހައްލު ހޯދައިދެއްވުމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ވާނުވާ ބަންދުގައި ތިބި މީހުންގެ މައްސަލައަށް ހައްލު ހޯދައިދެއްވުމަށް ގިނަ ބަދަލުތަކެއް ގެންނަވާފައެވެ. ޝަރުޢީ ދާއިރާއަށް ސަރުކާރުތަކުން މިހާތަނަށް ނުފޫޒު ފޯރުވަމުން އައި އައުން ހުއްޓުމަކަށް ގެނެސްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. މިކަން އެމަނިކުފާނު ކުރެއްވީ ޝަރުޢީ ދާއިރާއަށް ވަކި ބަޖެޓެއް ކަނޑައަޅުއްވައިގެންނެވެ.