މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ބޭންކުތަކަށް ސާފު ފައިދާގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި، ބޭންކުތަކަށް ލިބުނު އާމްދަނީން 721.6 މިލިއަން ރުފިޔާ އާމްދަނީގެ ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ހިސާބުތަކުން ދައްކައިފިއެވެ.
މަރުކަޒީ ބޭންކުން އާންމުކޮށްފައިވާ މާލީ ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް އިންޓަރެސްޓުގެ އާމްދަނީގެ ގޮތުގައި ބޭންކުތަކަށް 3.6 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ނިމުނު އަހަރުގެ އެ މުއްދަތުގައި އިންޓަރެސްޓުގެ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 3.1 ބިލިއަން ރުފިޔާއެވެ. އެހެންކަމުން، އިންޓަރެސްޓުން ލިބުނު އާމްދަނީ މި އަހަރު ވަނީ 499.9 މިލިއަން ރުފިޔާ އިތުރުވެފައެވެ.
އިންޓަރެސްޓާ ގުޅުންހުރި ހަރަދުތަކަށް ބަލާއިރު، މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 809.6 މިލިއަން ރުފިޔާ ހޭދަވެފައިވެއެވެ. މިއީ ނިމުނު އަހަރުގެ އެ މުއްދަތުގައި ހަރަދުވި 722.2 މިލިއަން ރުފިޔާއާ އަޅާބަލާއިރު އިތުރުވުމެކެވެ.
އިންޓަރެސްޓު ފިޔަވައި އެހެނިހެން ގޮތްގޮތުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ބޭންކުތަކަށް 1.7 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، ވޭތުވެދިޔަ އަހަރުގެ އެ މުއްދަތުގައި މި އަދަދު އުޅުނީ 1.4 ބިލިއަން ރުފިޔާގައެވެ. މިއާއެކު، އިންޓަރެސްޓާއި އިންޓަރެސްޓު ނޫން ގޮތްގޮތުން ބޭންކުތަކަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ 4.6 ބިލިއަން ރުފިޔާއަށް އަރައި، މިދިޔަ އަހަރުގެ 3.8 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 726.2 މިލިއަން ރުފިޔާގެ ކުރިއެރުމެއް ހޯދާފައެވެ.
ޖުމްލަ އާމްދަނީން ބޭންކުތަކުގެ ހަރަދުތައް އުނިކުރުމަށްފަހު ފައިދާގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މީގެ ތެރެއިން އާމްދަނީގެ ޓެކުހުގެ ގޮތުގައި ދައުލަތަށް 721.6 މިލިއަން ރުފިޔާ ދައްކަންޖެހެއެވެ. ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ބޭންކުތަކަށް ލިބިފައިވަނީ 2.1 ބިލިއަން ރުފިޔާއެވެ.
ބޭންކުތަކުގެ މާލީ ހާލަތު ރަނގަޅުވުމަކީ އިގުތިސާދުގެ ދުޅަހެޔޮކަން ރަމްޒުކޮށްދޭ ކަމެއް ކަމަށްވާއިރު، މިކަމުގެ ސަބަބުން އަމިއްލަ ވިޔަފާރިތަކަށް ލޯނު ދިނުމުގެ ގާބިލުކަން އިތުރުވެ، އިގުތިސާދީ ހަރަކާތްތައް ފުޅާކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.