ތިލަމާލެ ބުރިޖު މަޝްރޫއުގެ ދަށުން މާލެއާއި ވިލިމާލެ ގުޅުވައިދޭ އެންމެ ފަހު ސެގްމަންޓު މިއަދު ގުޅާލުމަށް ތައްޔާރުވެއްޖެއެވެ. މިއީ މާލޭ ސަރަހައްދުގައި މިވަގުތު ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއެވެ.
މި މަސައްކަތް ކުރިއަށްގެންދާ އިންޑިއާގެ އެފްކޮންސް ކުންފުނިން މައުލޫމާތު ދޭ ގޮތުގައި، ވިލިމާލެއާއި މާލެ ގުޅުވާލަދޭ ފަހު ސެގްމަންޓު ގުޅާލުމާއެކު ބްރިޖުގެ މައި އޮނިގަނޑުގެ މަސައްކަތް މުޅިން ފުރިހަމަވެގެންދާނެއެވެ. މި މުހިންމު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު 11:00 ގައި ހާއްސަ ހަރަކާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަރުހަލާއަށްފަހު ދެން ކުރިއަށްދާނީ ފިނިޝިންގެ މަސައްކަތްތަކެވެ.
ޖުމްލަ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ގެ މި ބިޔަ މަޝްރޫއަކީ އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫއެކެވެ. މީގެ ތެރޭގައި ހިމެނެނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި، އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މި މަޝްރޫއު އެފްކޮންސް ކުންފުންޏާ ހަވާލުކުރީ 2021 ސެޕްޓެމްބަރ 16 ގައެވެ. ނަމަވެސް އެ ވެރިކަން ނިމުނުއިރު ފެންނަން ހުރީ ބްރިޖުގެ އެންމެ ތަނބެކެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަޝްރޫއުގެ ނިމިފައިވަނީ 29 އިންސައްތައެވެ. އަދި ވޭތުވެދިޔަ ސަރުކާރު ނިމުމުގެ އެއްދުވަސް ކުރިން ވަނީ ބްރިޖުގެ އެއްބަސްވުން އިތުރު ތިން އަހަރަށް ދަންމާލަން އެފްކޮންސްއަށް ފުރުސަތު ދީފައެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެފައިވާ ގޮތުގައި، ތިލަމާލެ ބްރިޖު މަޝްރޫއު އެއްކޮށް ނިންމާލެވޭނީ އަންނަ އަހަރުގައެވެ. މިގޮތުން މާލެއިން ގުޅީފަޅަށް އަޅާ ބްރިޖުގެ މަސައްކަތް 31 މާޗް 2026 އަށް ނިންމުމަށް ތާވަލުކޮށްފައިވާއިރު، ގުޅީފަޅުން ތިލަފުއްޓަށް ގުޅާލުމުގެ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވެނީ 30 ސެޕްޓެމްބަރ 2026 އަށެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.