ގއ. ކުޑަލަފަރީގެ އިރުއުތުރުން 4.1 ނޯޓިކަލް މޭލު ބޭރުން "ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލައި ހުވަދޫ ކަނޑަށް އަޑިއަށް ދިޔަ ހާދިސާއާ ގުޅިގެން ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތުގައި، ކަނޑުމަގުންނާއި ވައިގެމަގުން އެ ސަރަހައްދު އެއްކޮށް ބަލާފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި، މި މަހުގެ 5 ވަނަ ދުވަހުގެ ރޭ ހިނގި މި ހާދިސާގައި ގެއްލުނު މީހުން ހޯދުމަށްޓަކައި ވައިގެ މަގުން މިހާތަނަށް 17,220 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ. އަދި ކަނޑުމަގުން 2,790.10 އަކަ ނޯޓިކަލް މޭލު ބަލާފައިވާއިރު، އެ ސަރަހައްދުގެ ގޮނޑުދޮށްތަކާއި ފަރުތައް ހިމެނޭހެން 288 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވެސް ވަނީ ފާސްކޮށްފައެވެ. މި އޮޕަރޭޝަންގައި ދިވެހި އަސްކަރިއްޔާގެ ޓީބީ 2 ޑްރޯންތަކުގެ އިތުރުން މޯލްޑިވިއަންގެ އެއާކްރާފްޓްތައް ބޭނުންކޮށްފައިވެއެވެ.
މި ހާދިސާގައި ގެއްލިފައިވަނީ ދޯނީގެ ކެޕްޓަން ތ. މަޑިފުށި، މުހައްމަދު ހަމްދޫން (35އ) އާއި، ފުލުހުންގެ ސާޖަންޓް އަލީ ނާފިއު (33އ) އަދި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަހުމަދު (39އ) އެވެ. މި ތިން މީހުންނަކީ ދޯނި ބަންޑުން ޖަހާލި ވަގުތު އޭގެ ތެރެއަށް ފެން ވަންނާތީ، ފެން ހިއްކުމުގެ މަސައްކަތުގައި އުޅުނު ތިން މީހުންނެވެ. ދޯނީގައި ތިބި އަނެއް ފަސް މީހުން ވަނީ ހާދިސާ ހިނގި ވަގުތު ކައިރީގައި އޮތް އުޅަނދުފަހަރުގެ އެހީތެރިކަމާއެކު ސަލާމަތްކުރެވިފައެވެ.
ގެއްލުނު މީހުން ހޯދުމަށް ދިވެހި ސަރުކާރުގެ އެދުމުގެ މަތިން އެމެރިކާ ނޭވީގެ "ޕީ-8އޭ ޕޮސެއިޑޮން" މަތިންދާބޯޓެއް ވެސް ވަނީ މި އޮޕަރޭޝަންގައި ބައިވެރިވެފައެވެ. މި ބޯޓަކީ ކަނޑުމަތީގެ ސާޗް އެންޑް ރެސްކިއު މަސައްކަތްތަކަށް ހާއްސަ ޒަމާނީ ވަސީލަތްތައް ހުރި ބޯޓެކެވެ. ނަމަވެސް އެމެރިކާގެ އަސްކަރިއްޔާއާއި ދިވެހި ސިފައިން ގުޅިގެން ކުރި މަސައްކަތުން ވެސް މިހާތަނަށް ގެއްލުނު މީހުންގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެއެވެ.
އެމްއެންޑީއެފުން ފާހަގަކުރި ގޮތުގައި، ދޯނި އަޑިއަށް ގޮސްފައިވަނީ 1,600 މީޓަރަށް ވުރެ ފުން ސަރަހައްދަކަށެވެ. މިއީ އާދައިގެ ޑައިވިންގެ އިތުރުން، ހަނގުރާމަވެރި ނިއުކްލިއަރ ސަބްމެރިންތަކަށް ވެސް އޮޕަރޭޓް ކުރެވޭ ވަރަށް ވުރެ މާ ފުން ސަރަހައްދެއް ކަމަށް އަސްކަރިއްޔާއިން ބުނެއެވެ. މި ހާދިސާ ހިނގިތާ 11 ދުވަސް ވެފައިވާއިރު، ގެއްލުނު މީހުން ކަނޑުމަތިން ފެނުމުގެ ފުރުސަތު މިހާރު ވަރަށް ކުޑަ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.



.webp)



ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.