މާލެ ޓެކްސީ ލައިން އެޕްލިކޭޝަން ހެކް ނުކުރޭ، މައުލޫމާތު ލީކުކުރީ މުވައްޒަފަކު: އެމްޓީސީސީ
މާލެ ޓެކްސީ ލައިން ޚިދުމަތުގައި ބޭނުންކުރާ އެޕްލިކޭޝަން ބޭރުން ބަޔަކު ހެކް ކޮށްފައިނުވާ ކަމަށާއި، ސިސްޓަމުގައި ހުރި މައުލޫމާތުތައް ލީކްކޮށްފައިވަނީ ކުންފުނީގެ މުވައްޒަފަކު ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.
އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، މާލެ ޓެކްސީ ލައިން ޚިދުމަތުގައި ބޭނުންކުރާ އެޕްލިކޭޝަން ހެކްކުރި ކަމަށް ބުނެ ދައުރުކުރަމުންދާ ޚަބަރަކީ ދޮގެއް ކަމަށެވެ. އަދި ޓެކްސީ އެޕްލިކޭޝަންގެ ބެކްއެންޑް ޑޭޓާބޭސް ސިސްޓަމުގައި ހުރި މަޢުލޫމާތުތަކަށް ބަދަލު ގެނެސް، ސިސްޓަމްގައި ހުރި މައުލޫމާތުތަކުގެ ސްކްރީންޝޮޓް ނަގައި ލީކުކޮށްފައިވަނީ އެ ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފަކުކަން އެތެރޭގެ ތަހުގީގުން ކަށަވަރުވެފައިވާ ކަމަށްވެސް އެމްޓީސީސީން ބަޔާންކުރިއެވެ. އެ މުވައްޒަފު މިކަން ކޮށްފައިވަނީ އެއްވެސް ހުއްދައަކާ ނުލައި، އަމިއްލަ ޒާތީ އަދި ސިޔާސީ މަގުސަދެއް ހާސިލުކުރުމުގެ ނިޔަތުގައި ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
ބެކްއެންޑް ޑޭޓާބޭސް ސިސްޓަމަށް ބަދަލުގެނައިކަން އައިސީޓީ ނެޓްވޯކް ސެކިޔުރިޓީ ޓީމަށް ފާހަގަވުމާއެކު ވަގުތުން ސިސްޓަމް ޝަޓްޑައުންކޮށް ސެކިޔުރިޓީ ލޮކްޑައުންއަކަށް ގެންދިޔަ ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި ކުންފުނީގެ ސާވަރާއި މާލެ ޓެކްސީ ލައިންގެ ބެކްއެންޑް ސިސްޓަމް ރޭގެ 11:30 ގައި ރައްކާތެރިކަމާއެކު އަލުން ރީސްޓޯރކޮށް އާންމު ހާލަތަށް ގެނެސްފައިވާ ކަމަށާއި، ކަސްޓަމަރުންނަށް ޚިދުމަތް ހޯދުމުގައި އެއްވެސް ދަތިކަމެއް މެދުވެރިނުވާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ.
މިއީ އެޕްލިކޭޝަންގެ ފަޔަވޯލްއަށް ބޭރުން ހަމަލާއެއް ދީގެން ހިނގާފައިވާ ކަމެއް ނޫންކަން ފާހަގަކުރަމުން އެމްޓީސީސީން ވިދާޅުވީ، އެ ނޭދެވޭ އަމަލު ހިންގި މުވައްޒަފު މިހާރު ވަޒީފާގެ ޒިންމާތަކުން އެކަހެރިކޮށްފައިވާ ކަމަށެވެ. އަދި ކުންފުނީގެ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން އަޅަންޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އެ މުވައްޒަފާ މެދު އަޅާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެމްޓީސީސީން އިތުރަށް ބުނެފައިވަނީ، މިފަދަ އަމަލުތަކުގެ މަގުސަދަކީ ކުންފުނިން އެތައް އަހަރެއްގެ ބުރަ މަސައްކަތުން ހޯދާފައިވާ ރައްޔިތުންގެ ލޯތްބާއި އިތުބާރު އަދި ރީތި ނަން ކިލަނބުކުރުން ކަމަށެވެ. އަދި ކަސްޓަމަރުންނާއި ހިއްސާދާރުންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމުގައި އެ ކުންފުނި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވަނީ އަރުވާފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.