ސާޖަރީތަކާއި ތަފާތު އޮޕަރޭޝަންތަކަށް ހޭނެއްތުމުގެ ފަރުވާއާ ގުޅޭ ނަރުހުންނާއި ޓެކްނީޝަނުން ތަމްރީނުވުމުގެ ފުރުޞަތު ރާއްޖޭގައި ތިބެގެން ލިބޭނެ މަގު ފަހިކުރުމަށް ސާކްގެ ޤައުމުތަކުގެ އެސޯސިއޭޝަންތަކާއެކު ސިއްޙީ ވުޒާރާއިން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ސިއްޙަތާ އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޑރ. ޚަލީލްގެ އިތުރުން ދާއިރާގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސް ޑރ. އަޙުމަދު އަޝްރަފް ވިދާޅުވީ، އެނެސްތެސިއޮލޮޖީ ދާއިރާއަށް ބޭނުންވާ ސްޕެޝަލައިޒްޑް ސިއްޙީ މަސައްކަތްތެރިން ރާއްޖޭގައި ވަރަށް މަދު ކަމަށެވެ. އެގޮތުން އަތޮޅުތަކުގައި ހުންނަ ސަރުކާރުގެ ހޮސްޕިޓަލްތަކުގައި ހޭނައްތާ ޑޮކްޓަރުންގެ ގޮތުގައި މުޅިންވެސް މަސައްކަތްކުރަނީ ބިދޭސީން ކަމަށާއި، މި ދާއިރާގައި ދިވެހިންގެ ގޮތުގައި ތިބީ އެންމެ 11 ސްޕެޝަލައިޒްޑް ޑޮކްޓަރުންކަން އޭނާ ފާހަގަކުރެއްވިއެވެ.
ޑރ. އަޝްރަފް ވިދާޅުވީ، މި ދާއިރާއަށް ބޭނުންވާ ސްޕެޝަލައިޒްޑް ޑޮކްޓަރުންނާއި، ނަރުހުން އަދި ޓެކްނީޝަނުން ބިނާކުރުމަށް ސަރަހައްދީ ޤައުމުތަކުގެ އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ސާކްގެ ޤައުމުތަކުގެ އެނެސްތެސިއޮލޮޖީ އެސޯސިއޭޝަންތަކާއެކު ބޭއްވި މި ބައްދަލުކުރެއްވުމުގައި ސިއްޙީ ވުޒާރާއިން ވަނީ ރާއްޖޭގެ އާބާދީއާއި ސިއްޙީ ޚިދުމަތް ދިނުމުގެ ނިޒާމު އޮތްގޮތުގެ ތަފްސީލް ހިއްސާކޮށް، އެހީތެރިކަމާއި އިންސާނީ ވަސީލަތް ބޭނުންވާ ދާއިރާތައް ބަޔާންކޮށްދީފައެވެ.
މީގެ އިތުރުން، އެންމެ މުހިންމު ކަމެއްގެ ގޮތުގައި މަޝްވަރާކުރެވުނީ ޤައުމީ ޔުނިވަރސިޓީގެ މެޑިކަލް ސްކޫލް މެދުވެރިކޮށް އެނެސްތިއޮލޮޖީ ދާއިރާއިން ނަރުހުންނާއި ޓެކްނީޝަނުން ތަމްރީންކުރުމަށެވެ. އެގޮތުން މި ޓްރެއިނިންތައް ފެށުމަށްޓަކައި ކަރިކިއުލަމެއް އެކުލަވާލުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނުއިރު، މި މަސައްކަތުގައި މަތީ ތަޢުލީމާ ބެހޭ ވުޒާރާއާއި އެމްއެންޔޫ ގުޅިގެން މަސައްކަތް ކުރަމުންދާކަން ޑރ. އަޝްރަފް ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ހޮސްޕިޓަލްތަކުގެ ޚިދުމަތްތައް ތަރައްޤީވެ، އަތޮޅުތަކުގައި ސަރޖަރީތަކާއި އޮޕަރޭޝަންތައް ކުރެވޭ މިންވަރު އިތުރުވަމުންދާއިރު، އެނެސްތިއޮލޮޖީގެ ދާއިރާއަކީ މިހާރު ރާއްޖެއަށް ވަރަށް މުހިންމު އަދި އެހާމެ ޑިމާންޑް ބޮޑު ދާއިރާއެކެވެ. ރާއްޖޭގެ މެޑިކަލް ސްކޫލް މެދުވެރިކޮށް 5 ދާއިރާއަކުން ސްޕެޝަލައިޒް ވެވޭނެ މަގު ފަހިކުރުމުގެ މަސައްކަތް ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންއިން މިހާރުވެސް ދަނީ ކުރަމުންނެވެ.



.webp)



ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.