1280 × 720 (16:9)
ހޯމަ17 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އާމްދަނީ ޓެކުހުގެ ގާނޫނަށް ގެންނަ އިސްލާހުން ކޮންޓްރެކްޓަރުންނަށް ފައިދާވާނެ: ފަލާހު

އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު
މަރްޔަމް ޝަފާ ސައީދު
10ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އާމްދަނީން ޓެކުސް ނެގުމުގެ ގާނޫނަށް ސަރުކާރުން ގެންނަ އިސްލާހުގެ ސަބަބުން ޓެކުހުގެ ނިޒާމުގެ ތެރެއިން ދައުލަތަށް ލިބޭ އާމްދަނީ އިތުރުވުމާއެކު، ރާއްޖޭގެ ކޮންޓްރެކްޓަރުންނަށް އިތުރު ފުރުސަތުތައް ފަހިވެ އެކަމުން ބޮޑެތި ފައިދާތަކެއް ވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސްކުރައްވަމުން ފަލާހު ވިދާޅުވީ މިހާރު ގާނޫނު އޮތް ގޮތުން ވިތުހޯލްޑިން ޓެކުހުގެ ގޮތުގައި ފަސް އިންސައްތަ ދައްކަން އޮތް ނަމަވެސް، ބޮޑެތި މަޝްރޫއުތަކުގެ މަސައްކަތްކުރާ ބޭރުގެ ކޮންޓްރެކްޓަރުން ރާއްޖެއަށް އެތެރެކުރާ މުދަލާއި ގަންނަ މުދަލުން ޑިއުޓީއާއި ޓެކުހުގެ ގޮތުގައި އުނިކުރަންޖެހޭ ފައިސާ އުނިކުރުމަށްފަހު މީރާއިން އެ ކުންފުނިތަކަށް ފައިސާ ދައްކަންޖެހޭ ފަދަ ހާލަތެއް އުފެދޭ ކަމަށެވެ.

އިދިކޮޅު އެމްޑީޕީގެ މެންބަރުން މި ބިލާ ދެކޮޅަށް ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުން ފަލާހު ވިދާޅުވީ، "މިބިލުގައި މިހާރު އޮތް ގޮތުން މިހާރު ރާއްޖޭގައި ތަރައްގީކުރާ ރިސޯޓެއް، ޗައިނާ ނުވަތަ ޖަޕާނު ނުވަތަ އިންޑިޔާ ކުންފުންޏެއްވެސް އައިސް އެބޭފުޅުން އައިސް ކޮންޓްރެކްޓަށް ހަދަނީ. ހަދާކަމަށްވަންޏާ މި ގާނޫނު އޮތް ގޮތުން ދައްކަންޖެހެނީ ފަސް ޕަސެންޓު. ފަސް ޕަސެންޓު ދައްކަންޏާ އެބޭފުޅުން އޭތި މީތި ކިޔާފައި މިގާނޫނުގެ 45 ވަނަ މާއްދާ އޮތް ގޮތުން އޭގެ އިތުރަށް ދައްކާފައި މީރާއިން އެބަ ނަގައޭ،" ކަމަށެވެ.

300 × 250

ފަލާހު ވިދާޅުވި ގޮތުގައި މިހާރު ގެންނަ އިސްލާހުގެ ދަށުން ދައްކަންޖެހޭ ވިތުހޯލްޑިން ޓެކުސް އެހެން އެއްޗަކާ އަޅުވައިކިޔައިގެން ދައްކަންޖެހޭ އަދަދު ކުޑަކުރުމުގެ ފުރުސަތު މުޅިން ބަންދުވާނެއެވެ. އެގޮތުން 100 މިލިއަން ޑޮލަރުގެ ކޮންޓްރެކްޓެއްގެ ދަށުން ރިސޯޓެއް ތަރައްގީކުރިނަމަ އެ ކުންފުންޏަކަށް ރާއްޖެއިން ފުރައިގެންދެވޭނީ އެ ފައިސާގެ 10 އިންސައްތަކަމަށްވާ 10 މިލިއަން ޑޮލަރު މީރާއަށް ދެއްކުމަށްފަހު ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ކުރީގައި ގާނޫނު އޮތް ގޮތުން ބޭރު ކުންފުނިތަކަށް ރިސޯޓު ހެދުން ފަދަ ބޮޑެތި މަޝްރޫއުތައް ހަވާލުކުރުމަށް ބާރުއެޅިގެންދިޔަ ނަމަވެސް، މި ގެންނަ އިސްލާހާއެކު ބޭރު ކުންފުނިތަކުގެ ބަދަލުގައި ދިވެހި ކުންފުނިތަކަށް މަސައްކަތް ހަވާލުކުރުމަށް ބޮޑަށް މަގުފަހިވެގެންދާނެ ކަމަށް މެންބަރު ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ މިއީ ރާއްޖޭގެ ކޮންޓްރެކްޓަރުންނަށާއި މާލިއްޔަތަށް ވަރަށް ބޮޑު މަންފާއެއް ކުރާނެ އިސްލާހެއް ކަމަށާއި، މި ބިލާ ދެކޮޅުވުމަކީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށާއި ދިވެހި ކުންފުނިތަކަށް ލިބޭ މަސައްކަތްތައް އިތުރުކުރުމަށް ހުރަސްއެޅުން ކަމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި