1280 × 720 (16:9)
ހޯމަ17 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ކުޅިވަރު

ރޮނާލްޑޯގެ ތާރީޚީ ލަނޑާއި އެކު ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލް ގަދަ 16 އަށް

307437bd-324b-40f5-b3d4-7961b2a978be
ރޮނާލްޑޯގެ ތާރީޚީ ލަނޑު ކާމިޔާބުކޮށް އުފާ ފާޅުކުރަނީ
ނަދީމް އަލީ
45ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ގެ ބުރުގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި ކްރޮއޭޝިއާ 2-1 އިން ބަލިކޮށް، ޕޯޗުގަލް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. ޓޮރޮންޓޯގައި ކުޅުނު މި މެޗުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އޭނާގެ ވޯލްޑް ކަޕް ކެރިއަރުގައި ނޮކައުޓް ބުރެއްގައި ކާމިޔާބުކުރި ފުރަތަމަ ލަނޑު ޖަހައި ތާރީޚުގެ ތެރެއިން ޖާގަ ހޯދާފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. ޕޯޗުގަލްގެ ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ބާރު ހަމަލާއެއް ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވަކޮވިޗް ދިފާއުކުރިއިރު، ރެނާޓޯ ވޭގާ އަށް ލިބުނު ހުސް ފުރުސަތެއްގައި ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ މަތިން ބޭރަށެވެ.

ނަމަވެސް ދެވަނަ ހާފު ފެށިގެން ކްރޮއޭޝިއާއިން ކުޅުން ވަރުގަދަކޮށް، މެޗުގެ 53 ވަނަ މިނެޓުގައި ލީޑު ނެގިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ކުޅުންތެރިޔާ އިވާން ޕެރިސިޗެވެ. މިއީ ވޯލްޑް ކަޕްގައި އޭނާ ކާމިޔާބުކުރި 7 ވަނަ ލަނޑެވެ. މިއާއެކު އޭނާ ވަނީ ދާވޯ ސުކާ ފަހަތަށް ޖައްސާލުމަށްފަހު، ވޯލްޑް ކަޕްގައި ކްރޮއޭޝިއާއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.

300 × 250

ޕޯޗުގަލްއަށް ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ 68 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރޮނާލްޑޯއެވެ. މިއީ އޭނާ ވޯލްޑް ކަޕްގެ ނޮކައުޓް ބުރެއްގައި ޖެހި ފުރަތަމަ ލަނޑެވެ. އަދި އުމުރުން 41 އަހަރުގައި ވޯލްޑް ކަޕްގެ ނޮކައުޓް ބުރެއްގައި ކުޅުނު ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑުވެސް ރޮނާލްޑޯ ވަނީ މި މެޗުގައި ހަދާފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރުވަގުތުގެ 4 ވަނަ މިނެޓުގައި ޕޯޗުގަލް މޮޅުކޮށްދިން ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ގޮންސާލޯ ރާމޯސްއެވެ. ރަފައެލް ލެއާއޯ ނަގައިދިން ހުރަހެއް ރާމޯސް ވަނީ ވަރަށް ރީތިކޮށް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

 

މެޗުގެ އެންމެ ފަހު މިނެޓުގައި ކްރޮއޭޝިއާގެ ގްވާޑިއޯލް ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރި ކަމަށް ހީވި ނަމަވެސް، ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެ ބޯޅަ އެސިސްޓް ކުރި މާރިއޯ ޕަސަލިޗް އޮފްސައިޑްގައި ހުރި ކަމަށެވެ.

މި ނަތީޖާއާއެކު ކްރޮއޭޝިއާ މުބާރާތުން ވަކިވިއިރު، މިއީ އެ ޓީމުގެ ކެޕްޓަން ލޫކާ މޮޑްރިޗް ގައުމީ ޓީމަށް ކުޅެދޭނެ ފަހު މެޗު ކަމަށް ބެލެވެއެވެ. މެޗަށްފަހު ރޮނާލްޑޯ ވަނީ މި މޮޅު، މީގެ އަހަރެއް ކުރިން ނިޔާވި އޭނާގެ ކުރީގެ ޓީމްމޭޓް ދިއޯގޯ ޖޮޓާގެ ހަނދާނަށް ހަދިޔާކޮށްފައެވެ.

ކުއާޓާ ފައިނަލުގައި ޕޯޗުގަލް ބައްދަލުކުރަން ޖެހޭނީ އަވަށްޓެރި ސްޕެއިންއާއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި