މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ނިޒާމަށް ގެންނަން ހުށަހަޅާ ބަދަލުތަކާ ގުޅޭ ގޮތުން ގިނަ ބައެއްގެ ހިތުގައި އުފެދިދާނެ ސުވާލުތަކެއް ހުރެދާނެއެވެ. އެހެންކަމުން މި އާޓިކަލްގައި މި ބަލާލަނީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ނިޒާމަށް ގެންނަން ހުށަހަޅާ ބަދަލުތަކާ ގުޅޭ އާންމު ސުވާލާއި ޖަވާބަށެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ނިޒާމަށް ގެންނަން ހުށަހަޅާ ބަދަލުތަކާ މެދު އުފެދޭ ސުވާލު އެބަހުރިތަ؟ މިއޮތީ ޖަވާބު!

ޑެސްޓިނޭޝަން ޕްރިންސިޕަލަކީ އެ މުދަލެއް ނުވަތަ ޚިދުމަތެއް ކޮންސިއުމްކުރާ ތަނުގައި އެ މުދަލަކަށް ނުވަތަ އެ ޚިދުމަތަކަށް ޖީއެސްޓީ ނެގުން.
މީގެ މާނައަކީ މުދާ ނުވަތަ ޚިދުމަތް ފޯރުވައިދިން ފަރާތްހުރީ ކޮންމެ ތަނެއްގައިވީ ނަމަވެސް، ދިވެހިރާއްޖޭގައި ކޮންސިއުމްކުރާ މުދަލާއި ޚިދުމަތުން ޖީ.އެސް.ޓީ ނެގުން އަދި ދިވެހިރާއްޖެއިން އެކްސްޕޯޓުކުރެވޭ މުދަލާއި ޚިދުމަތުން ޖީ.އެސް.ޓީ ނުނެގުން. މި ކަން ހާސިލުކުރުމަށްޓަކައި ބޭނުންކުރާ މެކޭނިޒަމްތެރޭގައި އިމްޕޯޓުކުރާ ވަގުތު ޖީ.އެސް.ޓީ ނެގުމާއި ރާއްޖޭން ބޭރުގައި ހިންގާ ވިޔަފާރިތަކުން ރާއްޖޭގައި ކޮންސިއުމް ކުރާ ގޮތަށް މުދަލާއި ޚިދުމަތް ފޯރުވައިދޭ ނަމަ ޖީ.އެސް.ޓީ ރަޖިސްޓަރީ ކުރަންޖެހުމާއި ރިވަރސް ޗާޖް މެކޭނިޒަމް ހިމެނޭ.
2. ރާއްޖޭގައި ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒުކުރަންޖެހެނީ ކީއްވެ؟
މިހާރު ޢަމަލުކުރަމުން އަންނަ ނިޒާމުގެ ދަށުން ދައުލަތަށް ޖީއެސްޓީ ލިބެނީ ހަމައެކަނި ރާއްޖޭގެ ވިޔަފާރިތަކުން ވިއްކާ މުދަލާއި ޚިދުމަތުން. އަދި ރާއްޖޭގައި ކޮންސިއުމްކުރާ ބޭރުން ގަންނަ މުދަލުގެ ފުރިހަމަ އަގުން ރާއްޖޭގައި ޓެކްސް ނުނެގި ގެއްލޭ.
އެހެންކަމުން ރާއްޖޭގެ ވިޔަފާރިތަކަށް ހަމަހަމަކަމާއެކު ބޭރުގެ ވިޔަފާރިތަކާ ވާދަކުރުމުގެ ފުރުސަތު ފަހިކުރުމަށް ދެ ފަރާތުން ދައްކަންޖެހޭ ޓެކުހުގެ މިންވަރު އެއްހަމަކޮށް ޑެސްޓިނޭޝަން ޕްރިންސިޕަލް ފުރިހަމައަށް ތަންފީޒުކުރަންޖެހޭ.
ޑެސްޓިނޭޝަން ޕްރިންސިޕަލް ފުރިހަމަ ނުކުރުމަކީ ރާއްޖެއަށް ލިބެންޖެހޭ އާމްދަނީއެއް ރާއްޖެއަށް ނުލިބުން. އަދި ރާއްޖޭގައި ކޮންޒިއުމްކުރެވޭ ހުރިހައި މުދަލާއި ޚިދުމަތުން ޖީ.އެސް.ޓީ ނެގިގެން ނުދިޔުން.
3. ޓެކުހުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް ބޭރުގެ ވިޔަފާރިތަކާ ހަމަހަމަކަމާއެކު ވާދަނުކުރެވެނީ ކީއްވެ؟
ބޭރުގެ ވިޔަފާރިތަކުން ރާއްޖެއަށް އެކްސްޕޯޓުކުރާ މުދަލާއި ޚިދުމަތުން، އެއީ އެކްސްޕޯޓަކަށްވާތީ ޖީ.އެސް.ޓީ ނުނަގާނެ. އެ ގޮތުން ޖީއެސްޓީ ނުނަގާތީ، ދިވެހި ވިޔަފާރިތަކުން ރާއްޖޭގެ އެންޑް ކޮންސިއުމަރުންނާ ވިއްކާ މުދަލުގެ އަގުގައި ބޮޑު ފަރަގެއް އުފެދޭ. އެހެންކަމުން އެއް ބާވަތެއްގެ މުދަލުން ޓެކްސް ނެގުމުގައި ދެ ގޮތަކަށް ޢަމަލުކުރެވި ޓެކުހުގެ ހަމަހަމަކަން ގެއްލޭ. އަދި ބޭރުގެ ވިޔަފާރިތަކާ ވާދަކުރުމަށް ދިވެހި ވިޔަފާރިތަކަށް ދަތިވޭ.
މިސާލު 2: މަޖީދީމަގުގައި ހުރި ފޯނުވިއްކާ ފިހާރައަކުން 162 ރުފިޔާއަށް ފޯނު ކަވަރެއް ގަންނައިރު 12 ރުފިޔާއަކީ ޖީ.އެސް.ޓީ. ނަމަވެސް، ހަމަ އެފަދަ އެހެން ފޯނުކަވަރެއް 'ޓީމޫ'(Temu) ނުވަތަ 'އަލީ އެކްސްޕްރެސް(AliExpress) ފަދަ އެޕަކުން އޯޑަރު ކޮށްލުމުން އެ ފޯނުކަވަރަށް ޖީއެސްޓީ ނަގަންނުޖެހޭ.
މިސާލު 1: އޮންލައިން ޓްރެވަލް އެޖެންސީތަކުން (މިސާލަކަށް އަގޯޑާ، ބުކިންގ ޑޮޓްކޮމް) އިން ރާއްޖޭގެ ރިސޯޓުގެ ކޮޓަރިއެއް 100 ޑޮލަރަށް ގަނެ ޕްލެޓްފޯމުން ފަތުރުވެރިޔާއަށް 150 ޑޮލަރަށް ވިއްކާ. ފަތުވެރިޔާ ރާއްޖޭގައި އެ ޚިދުމަތް ކޮންސިއުމްކުރުމަށް ޚަރަދުކުރި 150 ޑޮލަރުން ލިބެންޖެހޭ ޖީ.އެސް.ޓީ ގެ ބަދަލުގައި މިހާރު މި އޮތް ނިޒާމުގައި ޖީ.އެސް.ޓީ މި ލިބެނީ 100 ޑޮލަރަށްވާ ޖީ.އެސް.ޓީ. ޕްލެޓްފޯމުން އިތުރުކުރި 50 ޑޮލަރަށް ރާއްޖޭގައި ޓެކްސް ނުނެގޭ.
4. ރާއްޖޭގައި ކޮންސިއުމްކުރާ މުދަލާއި ޚިދުމަތުގެ ފުރިހަމަ އަގުން ރާއްޖެއަށް ޓެކްސް ނުލިބެނީ ކީއްވެ؟
ބޭރުގެ ވިޔަފާރިތަކުން ގަނެ ރާއްޖޭގައި ކޮންސިއުމްކުރާ މުދަލާއި ޚިދުމަތް މިހާރު ޢަމަލުކުރަމުންދާ ޖީއެސްޓީ ނިޒާމުގެ އިމުގެ ތެރޭގައި ނުހިމެނޭ. އެހެންކަމުން މި މުދަލާއި ޚިދުމަތް ރާއްޖޭގައި ކޮންސިއުމްކުރި ނަމަވެސް މިފަދަ މުދަލާއި ޚިދުމަތުން ރާއްޖެއަށް ޓެކްސް ނުލިބޭ. އެއީ ރާއްޖޭގައި މިހާރު މި އޮތް ނިޒާމަކީ އޮރިޖިން ޕްރިންސިޕަލް ގެ ސިފަތައްވެސް ހުރި މަސްހުނި ނިޒާމަކަށްވާތީ.
5. މިކަމުން ޑޮލަރުގެ ދަތިކަމަށް ހައްލެއް ލިބޭނެތަ؟
ޑޮލަރުގެ ދަތިކަން ކުރިމަތިވެފައިވަނީ ޑޮލަރުގެ ޑިމާންޑާ އެއްވަރަށް ޑޮލަރުގެ ސަޕްލައި އިތުރުނުވާތީ. ޑެސްޓިނޭޝަން ޕްރިންސިޕަލް ފުރިހަމައަށް ތަންފީޒުކުރުމުން ދައުލަތަށް ޑޮލަރުން ލިބޭ އާމްދަނީ އިތުރުވެގެންދާނެ. އެހެންކަމުން، ދައުލަތުގެ ރިޒާވަށް ވަންނަ ބޭރުފައިސާގެ އަދަދު އިތުރުވެ، މަރުކަޒީ ބޭންކުން ވިޔަފާރިވެރިންނަށް ޑޮލަރު ދޫކުރުމަށް އޮންނަ ޖާގަ އިތުރުވާނެ. މިއާއެކު، ވިޔަފާރިވެރިންނާއި ރައްޔިތުންނަށް އިތުރު ޑޮލަރު ލިބުމަށް މަގުފަހިވެ، ކަޅުބާޒާރުގައި ޑޮލަރުގެ އަގު ދަށްވުމުގެ ފުރުސަތު ބޮޑު.
6. މިއީ އައު ޓެކުހެއްތަ؟
ނޫން. މިއީ މިހާރުވެސް ރާއްޖޭގައި ނަގާ ޖީއެސްޓީ. މި މަސައްކަތުގެ މަގުސަދަކީ ރާއްޖެއަށް ޓެކްސް ނުނެގޭ މުދަލާއި ޚިދުމަތުން ޖީއެސްޓީ ނަގަން ފަށައި ޓެކްސް ބޭސް ފުޅާކުރުން.
7. މީގެ ސަބަބުން އާންމުން ކުރަންޖެހޭ ޚަރަދު އިތުރުވާނެތަ؟
މިހާރު ޤާނޫނަށް މިވަގުތު ހުށަހަޅާފައިވާ އިސްލާހުގެ ދަށުން ޖީއެސްޓީ ނަގަން ފެށޭނީ ރާއްޖެއިން ބޭރުގައި ހުންނަ ވިޔަފާރިތަކުން ވިއްކާ ރާއްޖޭގެ އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓްތަކުން. އެހެންކަމުން މީގެ ސަބަބުން އާންމުން ކުރަންޖެހޭ ޚަރަދެއް އިތުރެއް ނުވާނެ.
ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ޚަރަދުތަކުގެ ބޮޑު ބަޔަކަށް މިކަމުގެ ސަބަބުން އަސަރެއް ނުކުރާނެ. އަދި ޒަރޫރީ ބޭނުންތަކަށް ކުރާ ޚަރަދުތަކުގެ (ކާބޯތަކެތި، ބޭސްފަރުވާ، ކަރަންޓާއި ފެން) އަގު ބޮޑެއްނުވާނެ.
އިމްޕޯޓުން ޖީއެސްޓީ ނަގަން ފެށުމުން ބޭރުގެ އޮންލައިން ވިޔަފާރިތަކުން ގަންނަ މުދަލާއި ހިދުމަތުގެ އަގު 8 އިންސައްތައިން އިތުރުވާނެ. މިސާލަކަށް ޓެމޫ އިން ގެންނަ 10 ޑޮލަރުގެ މުދަލަށް 0.08 ޑޮލަރުގެ ޓެކްސް ނެގުމުން އެ މުދަލުގެ އަގު 10.08 ޑޮލަރަށް ބަދަލުވާނެ.
8. މިކަން ތަންފީޒުކުރަން ފަށާނީ ކޮން އިރަކުން؟
އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓުން ޖީއެސްޓީ ނަގަން ފެށުމަށް މިހާރު އޮތް ބިލުގައި ހުށަހަޅާފައިވާނީ 1 އޮކްޓޫބަރު 2026 އިން ފެށިގެން.
9. މިކަމުން ދައުލަތުގެ އާމްދަނީއަށް ކުރާނެ އަސަރަކީ ކޮބާ؟
އޮފްޝޯ ބުކިންގ ޕްލެޓްފޯމްތަކާއި ފޮރިން ޓުއަރ އޮޕަރޭޓަރުންނާއި އޮވަރސީސް ޓްރެވަލް އެޖޭންޓުތަކަކީ ރާއްޖޭ ފިޒިކަލް ޕްރެސެންސެއް ނެތް ފަރާތްތަކެއް ކަމުގައިވާތީ، މި ފަރާތްތަކުން ރާއްޖޭގައި ޖީއެސްޓީއަށް ރަޖިސްޓަރީކޮށް ފައިސާ ދައްކަން ފެށިގެންދާނީ މި ކަމާ ގުޅިގެން އެ ފަރާތްތަކާ މީރާއިން އެންގޭޖްވެ ޓެކްސް ދެއްކުމުގައި ފަސޭހަ ފެސިލިޓޭޓިވް އިންތިޒާމުތަކެއް ހަމަޖައްސައިދީގެން.
އެހެންކަމުން، މި ފަރާތްތަކުން ވިއްކާ މުދަލާއި ޚިދުމަތުން ޖީއެސްޓީ ނަގަން ފެށުމުން، މި އެންގޭޖްމަންޓުތައް ކުރިއަށް ގެންދާ މިންވަރަކުން އަންދާޒާ ކުރެވޭ ފުރިހަމަ އާމްދަނީގެ އަދަދު ލިބުމުގެ ފުރުސަތު ބޮޑުވެގެންދާނެ.
ދައުލަތުގެ އާމްދަނީ އަހަރަކަށް އިތުރުވާނެކަމަށް ލަފާކުރާ މިންވަރު، މިލިއަން ރުފިޔާއިން
އާމްދަނީ
އޯވަސީސް ޓްރެވަލް އޭޖެންޓު
299.3
ފޮރިން ޓުއަރ އޮޕަރޭޓަރ
1,309.2
ޖުމުލަ
1,608.5
މައުލޫމާތު: މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
10. ރާއްޖެއިން ބޭރުގެ ވިޔަފާރިތަކުން ރާއްޖެއަށް ޖީއެސްޓީ ދައްކާނެތަ؟
ވީހާވެސް ލުއިފަސޭހަ ނިޒާމެއްގެ ތެރެއިން ބޭރުގެ ވިޔަފާރިތަކުން ރާއްޖޭގައި ޓެކްސް ދެއްކުމާގުޅޭ އިދާރީ ކަންކަން ހަމަޖައްސައިދެވޭނެ.
މިއީ އޭޝިއާ އާއި ކުދި ޖަޒީރާ ތަރައްގީވަމުން އަންނަ ގައުމުތައް ހިމެނޭހެން، 60 އަށްވުރެ ގިނަ ގައުމުތަކުގައި ތަންފީޒުކުރަމުން އަންނަ ނިޒާމެއް. އަދި އެހެންކަމުން ރާއްޖޭގެ މުދަލާއި ޚިދުމަތަށް ޖީއެސްޓީ ނިޒާމު ތަންފީޒުކުރުމަށް ވިޔަފާރިތަކަށް ދަތިވުން ނާދިރު.
ނަން ކޮމްޕްލަޔަންޓްވުމުގެ ސަބަބުން ބޮޑެތި ވިޔަފާރިތަކަށް އޮތް ރެޕިއުޓޭޝަނަލް ކޮސްޓާ ގުޅިގެން އެ ފަރާތްތަކުން ޓެކްސް އިދާރާތަކާއެކު އެންގޭޖްވެ ކޮމްޕްލަޔަންޓްވާނެކަމަށް 2022 ވަނަ އަހަރު އައިއެމްއެފް ފޯރުކޮށްދީފައިވާ ޓެކްނިކަލް އެސިސްޓަންސް ރިޕޯޓުގައި ފާހަގަކުރޭ.
11. މިކަން ތަންފީޒުކުރުމުން ޖީއެސްޓީ ނަގާނީ ކޮން ރޭޓެއްގައި؟
ބޭރުގެ ވިޔަފާރިތަކުން ފޯރުވައިދޭ ފަތުރުވެރިކަމުގެ ދާއިރާގެ ޚިދުމަތުން ޖީއެސްޓީ ނަގާނީ 17 އިންސައްތާގައި.
12. މީގެ ސަބަބުން ބޭރުގެ ވިޔަފާރިތަކުން ރާއްޖެއަށް ދޭ ޚިދުމަތް ހުއްޓާލާނެތަ؟
ބޭރުގެ ވިޔަފާރިތަކުން ރާއްޖޭގައި މި ޓެކްސް ފޯރުކޮށްދިން ނަމަވެސް، ހަގީގަތުގައި މި ޓެކުހައި ޚިދުމަތް ފޯރުވައިދޭ ފަރާތުގެ އަތުން ނަގާ ޓެކުހެއް. ކަސްޓަމަރުން އަތުން ނެގުމަށްފަހު ދައްކަންޖެހޭ ޓެކުހަކަށްވާތީ، އެ ފަރާތްތަކުގެ ބިހޭވިއަރއަށް ބަދަލު އަންނާނެކަމެއްކަމަށް ނުބެލެވޭ. އަދި މިއީ ބޭރުގެ ވިޔަފާރިތަކުން އެހެން ގައުމުތަކުގައި ކޮންސިއުމްކުރާ ޚިދުމަތްތަކާ ގުޅިގެންވެސް ޢަމަލުކުރަމުންދާ އުސޫލެއްކަމަށްވުމުން، ޖީއެސްޓީ ނެގުމުގެ ނިޒާމަށް ޢަމަލުކުރުމަކީ ދަތިކަމަކަށް ނުވާނެކަމަށް ބެލެވޭ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.