ބ. ތުޅާދޫ ސަގާފީ މަރުކަޒު ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތް ދަނީ ހަލުވި ކަމާ އެކު ކުރިއަށް ކަމަށް ހާމަކުރައްވައިފިއެވެ.
މަޝްރޫއުގެ އަދާ ހަމައާ އެކު މަސައްކަތް ހަވާލުވެ ކުރިއަށް ގެންދާ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން އެކްސްގައި ހާމަކުރައްވާފައިވާ ގޮތުގައި، އެ އިމާރާތުގެ ތަނބުތަކުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ.
ހަމައެހެންމެ އި އިމާރާތުގެ ހުރިހާ ފުޓިންގްސްތަކެއް ކާސްޓްކޮށް، ޓައި ބީމްގެ މަސައްކަތްތައް މިހާރު ވަނީ ނިންމާލާފައި ކަމަށް ވެސް އެ ކުންފުނިން ހާމަކުރައްވާފައިވެއެވެ.
މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި، އިޤްތިޞާދީ ވުޒާރާގެ ބެއްލެވުމުގެ ދަށުން އެމްޓީސީސީއާ ހަވާލުކުރެވިގެން ކުރިއަށްގެންދާ މި މަޝްރޫއުއަކީ 420 ދުވަސްތެރޭ ނިންމާގޮތަށް، 24.4 މިލިޔަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
މަރުކަޒު ނިމުމުން އެތަނުގައި ލިޔެލާޖެހުމާއި، އަތްތެރި މަސައްކަތާއި، ގެތުން އަދި ލަކުޑީގެ މަސައްކަތް ފަދަ ސަގާފީ ހުނަރުވެރި ފަންނުތަކުން ތަމްރީނު ދެވޭނެ ކަމަށް ވެސް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި އެމްޓީސީސީން ބުނެފައިވަނީ މި ސެންޓަރުގައި ކެފޭއަކާއި، ހިތްފަސޭހަކޮށްލުމަށް ޖާގަ ހުންނާނެ ކަމަށެވެ.
މި ސަގާފީ މަރުކަޒުގެ މަސައްކަތް ފުރިހަމަވުމާއެކު، ދިވެހި ސަގާފީ ފަންނުތައް ކަމުގައިވާ ލިޔެލާޖެހުމާއި، ތަފާތު އަތްތެރި މަސައްކަތްތަކުގެ އިތުރުން ވިޔުމާއި ވަޑާމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ ތަމްރީނު ޕްރޮގްރާމްތައް ހިންގޭނެއެވެ. މީގެއިތުރުން، މި މަރުކަޒުގައި ކެފޭއެއްގެ ޚިދުމަތާއި އަރާމުކޮށްލެވޭނެ ހިތްގައިމު ސަރަޙައްދެއް ހިމެނޭނެ ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.
މި މަސައްކަތަކީ، ދިވެހިރާއްޖޭގައި ފަންނީ އިޤްތިޞާދެއް ޤާއިމްކުރުމާއި، ދިވެހިންގެ އުފެއްދުންތެރިކަން އިތުރުކޮށް ޘަޤާފީ މަސައްކަތްތައް ދިރުވައި އާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތާއި ތަޞައްވުރުގެ ތެރެއިން ކުރިއަށް ގެންދެވޭ މަސައްކަތެކެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.