ލަނޑުދަނޑިއަކީ ރާއްޖޭގެ ޖުމްލަ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީއަށް މާލީ ދާއިރާގެ ހިއްސާ ދެގުނައަށް އިތުރުކުރުން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ގަވަރުނަރު މިފަދައިން ވިދާޅުވީ ޕްރިމިއަރ ބޭންކު ރަސްމީކޮށް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެއެވެ.
މުނައްވަރު ވިދާޅުވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ އެންމެ މުހިންމު އެއް އަމާޒަކީ ރާއްޖޭގެ މާލީ ދާއިރާ ފުޅާކޮށް، ދިވެހި އިޤްތިޞާދަށް އެ ދާއިރާއިން ކުރާ ހިއްސާ އިތުރުކުރުންކަމަށެވެ. އެގޮތުން ލަނޑުދަނޑިއަކީ ރާއްޖޭގެ ޖުމްލަ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީއަށް މާލީ ދާއިރާގެ ހިއްސާ ދެގުނައަށް އިތުރުކުރުންކަމަށް ވިދާޅުވިއެވެ. މުނައްވަރު ވިދާޅުވީ ރާއްޖޭގެ ބޭންކިންގ ދާއިރާއަކީ ފައިދާ ބޮޑު ދާއިރާއެއްކަމަށެވެ.
އެގޮތުން 2025 ވަނަ އަހަރު ބޭންކުތަކަށް ޓެކުހުގެ ކުރިން ލިބުނު ފައިދާ ވަނީ 5.15 ބިލިޔަން ރުފިޔާ ނުވަތަ ގާތްގަނޑަކަށް 356 މިލިޔަން ޑޮލަރަށް އަރާފައިވާކަމަށެވެ. އަދި ބޭންކް އިންކަމް ޓެކުހުގެ ގޮތުގައި ބޭންކުތަކުން ގާތްގަނޑަކަށް 737.38 މިލިޔަން ރުފިޔާ ދައްކާފައިވާއިރު، މިއީ އެ އަހަރު ލިބުނު ޖުމްލަ އިންކަމް ޓެކުހުގެ %14ކަމަށް ވިދާޅުވިއެވެ.
މުނައްވަރު ވިދާޅުވީ ބޭންކިންގ ދާއިރާއިން ފަތުރުވެރިކަމުގެ ދާއިރާއަށް ދޫކޮށްފައިވާ ލޯނުގެ މިންވަރު އުޅެނީ 13 ބިލިޔަން ރުފިޔާ ނުވަތަ 800 މިލިޔަން ޑޮލަރުގައި ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ ޖުމްލަ އަގަކީ ގާތްގަނޑަކަށް 5 ބިލިއަން ޑޮލަރު ކަމަށް ބަލައިފިނަމަ، ރާއްޖޭގެ ބޭންކިންގ ދާއިރާގެ ހިއްސާއަކީ އެންމެ %16ކަމަށް ގަވަރނަރ މުނައްވަރު ވިދާޅުވިއެވެ.
ވޭތުވެދިޔަ އަހަރު އެކަނިވެސް ބޭންކިންގ ދާއިރާގެ ފައިދާގެ ގާތްގަނޑަކަށް %11 ރާއްޖެއިން ބޭރަށް ފޮނުވާފައިވާކަމަށާއި ފާއިތުވި 5 އަހަރު ތެރޭގައި މި އަދަދު ވަނީ 200 މިލިއަން ޑޮލަރާ ގާތްކޮށްފައިކަމަށް މުނައްވަރު ވިދާޅުވިއެވެ.
ރާއްޖޭގައި ވަރުގަދަ، ހަރުދަނާ ނިޒާމެއްގެ ދަށުން ހިންގާ ދިވެހި ބޭންކުތައް ގިނަކުރަން ބޭނުންވާ މުހިންމު ސަބަބަކީ މިއީކަމަށް މުނައްވަރު ވިދާޅުވިއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.