ރ. މާކުރަތު ބަނދަރު ބޮޑުކުރުމާއި ފުންކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކުރައްވައިފިއެވެ. އެމްޓީސީސީން ހާމާކުރައްވާފައިވާ ގޮތުގައި ބަނދަރުގެ ބޭރު ތޮށިލުމުގެ މަސައްކަތަށް ބޭނުންވާ ދިރާސާތައް ކުރަމުންދާ ކަމަށެވެ. މަޝްރޫޢުގެ ދަށުން 45,024 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 140 މީޓަރުގެ ބޭރުތޮށި ލުމާއި، 129 މީޓަރުގެ އެއްގަމުތޮށި ލުމުގެ އިތުރުން 85 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 26.67 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކުރީގެ ސަރުކާރުގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި އެމްޓީސީސީއާއި ދެމެދުއެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެމިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ޙަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އޭރުގެ ސީއީއޯ އާދަމް އާޒިމެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ދެ ފަރާތުން ސޮއިކޮށްފައިވަނީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ. މި މަސައްކަތް ނިމުމުން މާކުރަތު ރައްޔިތުންނަށް ދިމާވެފައިވާ ބަނދަރުގެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.