މެރިކަލްޗަރގެ ސިނާއަތް އިތުރަށް ތަރައްޤީކޮށް ފުޅާކުރުމުގެ ގޮތުން، އިތުރު 10 ސަރަހައްދެއް ކަނޑައަޅައިފިއެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލައްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، ކުރިން ކަނޑައަޅާފައިވާ 3 ސަރަހައްދާއެކު ޖުމްލަ މެރިކަލްޗަރ ގެ ދާއިރާއަށް 13 ސަރަހައްދެއް މިހާރު ވަނީ ކަނޑައަޅާފައެވެ.
އަލަށް ކަނޑައެޅި 10 ސަރަހައްދު:
ތ. އަތޮޅު 2 ސަރަހައްދު
މ. އަތޮޅު 3 ސަރަހައްދު
ފ. އަތޮޅު 2 ސަރަހައްދު
ދ. އަތޮޅު 2 ސަރަހައްދު
ގއ. އަތޮޅު 1 ސަރަހައްދު
ބޮޑު ތިލަދުންމައްޗާއި މަނިޔަފުއްޓާއި ގާތްގަނޑަކަށް 2 ކިލޯމީޓަރު ދުރުގައި އޮތް ފަޅެއްވެސް މިކަމަށްވަނީ ކަނޑައަޅާފައެވެ.
މެރިކަލްޗަރ ސިނާއަތަކީ ވަކި ސިނާއަތެއްގެ ގޮތުގައި ތަރައްޤީކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، އެމަސައްކަތް ކުރުމަށް ވަކި ޚާއްސަ ސަރަހައްދުތަކެއް ވަނީ ކަނޑައަޅާފައެވެ. ރާއްޖޭގެ %99 އަކީ ކަނޑުގެ ސަރަހައްދުކަމަށް ވާއިރު، މި ސަރަހައްދުތަކުން އާންމުންނަށް ލިބޭ މަންފާ އެންމެ އެދެވޭ ގޮތެއްގައި ފޯރުކޮށްދިނުމަކީ މިސަރުކާރުގެ އަމާޒެކެވެ.
މެރިކަލްޗަރ ސިނާޢަތް ތަރައްޤީކުރުމަށް ސަރުކާރުން ކުރައްވަމުންދާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، މިހާރު ރާއްޖޭގެ 13 ސަރަޙައްދެއް މިކަމަށް ޚާއްސަކޮށް ކަނޑައެޅުމާއިއެކީ، ބޭރުގެ އިންވެސްޓްމަންޓްތަކަށް ފުރުޞަތު ހުޅުވާލުން ހިމެނެއެވެ. މީގެ އިތުރުން، ޚާއްޞަ ސްކީމްތަކެއްގެ ދަށުން މި މަސައްކަތަށް ބޭނުންވާ ވަސީލަތްތައް ދޫކުރުމާއި، އަލަށް މެރިކަލްޗަރގެ ވިޔަފާރި ފެށުމަށް ބޭނުންވާ ފަރާތްތަކަށް މާލީ އެހީ ދިނުމުގެ އިތުރުން ޚާއްސަ ލުއިތަކަކާއި އެކު ބިމާއި ފަޅުތައް ދޫކުރުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.
ދިވެހިރާއްޖޭގައި މެރިކަލްޗަރގެ ސިނާޢަތް ފުޅާކޮށް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މުހިންމު މަސައްކަތެކެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.