1280 × 720 (16:9)
އަންގާރަ18 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ވިތުހޯލްޑިން ޓެކްސް ބޮޑުކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއް -- ފޮޓޯ: މަޖިލިސް
މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއް -- ފޮޓޯ: މަޖިލިސް
މަރިޔަމް އަފީފާ
1ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ވިތުހޯލްޑިން ޓެކްސް ބޮޑުކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.

އާމްދަނީއިން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ހުށަހެޅުއްވި މި އިސްލާހު ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

ބިލުގައިވާ ގޮތުން ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ކޮންޓްރެކްޓަރުންގެ އަތުން މިހާރު ނަގަމުންދާ 5 ޕަސެންޓްގެ ވިތްހޯލްޑިން ޓެކްސް 10 ޕަސެންޓަށް އިތުރުވެގެންދާނެ އެވެ.

300 × 250

ސަރުކާރުން މި އިސްލާހު ހުށަހެޅި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގައި ބޭރުގެ ކޮންޓްރެކްޓަރުންނާއި ދިވެހި ކޮންޓްރެކްޓަރުންނާ ދެމެދު އިންސާފުވެރި އަދި ވާދަވެރި މާހައުލެއް ގާއިމުކުރުން ހިމެނެ އެވެ. އަދި މި ބަދަލުގެ ސަބަބުން ރާއްޖޭގެ އަމިއްލަ ވިޔަފާރިވެރިންނަށް ބޮޑެތި މަސައްކަތްތަކާއި މަޝްރޫއުތައް ލިބުމުގެ ފުރުސަތު އިތުރަށް ފަހިވެގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ 53 ވަނަ މާއްދާގައިވާ ގޮތުން، ވިތުހޯލްޑިން ޓެކްސް ބެހިގެން ވަނީ ދެ ބަޔަކަށެވެ. އެއީ:

  • 1-
    ވަޒިފާ ދޭ ފަރާތުން މުވައްޒަފަކަށް ދޭ އުޖޫރައިން ދައްކަން ޖެހޭ 'މުވައްޒަފުންގެ ވިތުހޯލްޑިން ޓެކްސް'؛ އެއީ 60،0000ރ. އިން މަތިން އާމްދަނީ ލިބޭ މީހުންގެ އުޖޫރައިން %5.5 އިން ފެށިގެން %15އާ ދެމެދުގެ ރޭޓަކުން ނަގާ ޓެކްސްއެއް
  • 2-
    ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކަށް ދައްކާ ފައިސާއިން، އެ ފަރާތުގެ ބަދަލުގައި، ދައްކަން ޖެހޭ 'ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކުގެ ވިތުހޯލްޑިން ޓެކްސް'

ގާނޫނު މިހާރު އޮންނަ ގޮތުން ވަޒަންވެރިވެފައިނުވާ ފަރާތްތަކުގެ ބައެއް ބާވަތުގެ ވިޔަފާރިތަކުން ނަގަނީ %10 އެވެ. އޭގެ ތެރޭގައި ރާއްޖޭގައި ހުރި ނުއުފުލޭ މުދަލެއްގެ ކުލި، ރޯޔަލްޓީ އާއި ޑިވިޑެންޓް އަދި ޓެކްނިކަލް ސާވިސްއާ ގުޅޭ ވިޔަފާރިތައް ހިމެނެ އެވެ.

ނަމަވެސް ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންނަށް އޮންނަނީ %5ގެ ޓެކްސް އެކެވެ. ސަރުކާރުން މިއަދު އިސްލާހު ހުށަހެޅީ، ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންނަށް ދައްކާ ފައިސާއިން ވެސް %10ގެ ޓެކްސްއެއް ނެގުމަށެވެ.


300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި