ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށަށް ގެނެސް ދެ ކުންފުނި އެއްކޮށްލުމާ ގުޅިގެން ކޮންމެ މަހަކު ދައުލަތުގެ ބަޖެޓުން 10 މިލިއަން ރުފިޔާ ސަލާމަތްކުރެވިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ހާމަކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ދައުލަތުގެ ބަޖެޓަށް ބުރަވާ އަދި އުފެއްދި މަގްސަދު ހާސިލުނުވާ ސަރުކާރު ހިއްސާވާ ކުންފުނިތައް އެއްކޮށްލުމާއި އުވާލުމުގެ ސިޔާސަތެއް ތަންފީޒުކުރެވެމުންދާ ކަމަށެވެ. އެގޮތުން މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން މިހާރު އުވާލާފައިވާ އިރު، އެމްއައިޓީޑީސީ އުވާލުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

"ރީޖަނަލް އެއާޕޯޓްސް ކުންފުނި އެމް.އޭ.ސީ.އެލް އާ އެއްކޮށްލުމުން، މުވައްޒަފުންނާއި ހިންގުމުގެ ހަރަދުން މަހަކު 10 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ވަނީ ސަލާމަތް ކުރެވިފައި،" ވަޒީރު ޒަރީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ސަރުކާރުގެ އަމާޒަކީ ދައުލަތުގެ ކުންފުނިތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭ ތަންތަނަށް ހެދުމާއެކު، އަމިއްލަ ފަރާތްތަކަށް އިގްތިސާދީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ޖާގަ ތަނަވަސްކޮށްދިނުމެވެ. އަދި އާންމު ރައްޔިތުންނަށް އިގްތިސާދީ މަންފާ ހޯދައިދިނުމަށް ސަރުކާރުން ބާރުއަޅަމުންދާ ކަމަށް ވިދާޅުވިއެވެ.

މިގޮތުން 600 މިލިއަން ރުފިޔާގެ "ކުމެވި" ފަންޑުގެ ޒަރީއާއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ދީ، ވިޔަފާރިވެރިންނަކީ ވަޒީފާ އުފައްދާ ބަޔަކަށް ހެދުމަށް މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން އެސްއެމްއީ އިމްޕެކްޓް ފަންޑަކީ ސަރުކާރުގެ ވަޒީފާތަކަށް ބަރޯސާނުވެ، ޒުވާނުންނަށް ބޭނުންވާ ކެޕިޓަލް ހޯދައިދީގެން ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.