1280 × 720 (16:9)
އަންގާރަ18 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޑޮލަރު މާރުކުރުމުގައި ކުންފުނިތައް ހަރަކާތްތެރިވާނަމަ ހުއްޓުވާނަން: މާލީ ވަޒީރު

މާލީ ވަޒީރު ހަސަން ޒަރީރު މަޖިލީހުގެ ޖަލްސާގައި. ފޮޓޯ: ރައްޔިތުންގެ މަޖިލިސް.
މަރްޔަމް ޝަފާ ސައީދު
3ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޑޮލަރު މާރުކުރުމުގައި ސަރުކާރުގެ ކުންފުނިތައް ހަރަކާތްތެރިވާނަމަ އެކަން ހުއްޓުވާނެކަމުގެ ޔަގީންކަން މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރު ދެއްވައިފިއެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގައި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވަނީ ދައުލަތުގެ ބައެއް ކުންފުނިތަކުން ކަޅު ބާޒާރުގައި ޑޮލަރު މާރުކުރާ ކަމަށާއި އެސްޓީއޯއިން ގެންނަ ތެލުގެ ބޮޑު ބައެއް ރިސޯޓުތަކަށް ބޮޑު އަގުގައި ވިއްކާ ކަމަށް ވިދާޅުވެ ސުވާލު އަމާޒުކުރައްވާފައެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ ކުންފުނިތަކަކީ ވަކިވަކި ގާނޫނީ ޝަޚްޞުތަކެއް ކަމަށްވާތީ އެ ކުންފުނިތަކުން ކުރާ ވަކިވަކި ހަރަދުތަކުގެ ތަފްސީލު ސަރުކާރުން ސީދާ ނުބަލާ ކަމަށެވެ.

ނަމަވެސް ވަޒީރު ވިދާޅުވީ "ޑޮލަރު މާރުކުރުމުގެ ކަންކަމުގައި އެ ބޭފުޅުން ހަރަކާތްތެރިވާނަމަ އަޅުގަނޑުމެން އެކަން ހުއްޓުވާނަން، އެކަން ބަލާނަން، މިހާތަނަށް ތި ކަމުގެ ސައްހަ މައުލޫމާތެއް ނުލިބޭ، ކުންފުނިތަކުން ތިކަން ތި ގޮތަކަށް ނުކުރާނެ، އެކަމަކުވެސް އެކަން ބަލާނަން ތި މައްސަލަ" މިފަދައިންނެވެ. އަދި ސަރުކާރުގެ ކުންފުނިތަކުން އެފަދަ ކަމެއް ކުރާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

300 × 250

ޑޮލަރުގެ އަގު އުފުލުމާ ގުޅޭގޮތުން މެމްބަރުންގެ ހުރި ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ ރާއްޖެއިން މިއަހަރުގެ އޭޕްރިލް މަހަށް ދައްކަން ޖެހުނު 500 މިލިއަން ޑޮލަރު (7.6 ބިލިއަން ރުފިޔާ)ގެ ސުކޫކު ދެއްކުމަކީ ޑޮލަރުގެ އަގު މައްޗަށް ދިއުމަށް ދިމާވި ސަބަބެއް ކަމަށެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން 2021 ވަނަ އަހަރު ދޫކުރި މި ސުކޫކަށް ދައްކަންޖެހޭ ޖުމްލަ 524.68 މިލިއަން އެމެރިކާ ޑޮލަރު މިހާރު ވަނީ ދައްކާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ސުކޫކުގެ އަސްލު އަގު ކަމަށްވާ 500 މިލިއަން ޑޮލަރާއި، އިންޓަރެސްޓް ރޭޓުގެ ގޮތުގައި ދައްކަން ޖެހޭ 24.68 މިލިއަން ޑޮލަރެވެ.

މި ސުކޫކަކީ 2021 ވަނަ އަހަރު މުއްދަތު ހަމަވި 250 މިލިއަން ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑު ދެއްކުމަށްޓަކައި، ދުނިޔޭގެ އިގްތިސާދީ ހާލަތު ނާޒުކު ދަނޑިވަޅެއްގައި، ދަރަނި އަދާކުރާނެ އެކަށީގެންވާ ސިޔާސަތެއް ނެތި، ބޮޑު އިންޓްރެސްޓެއްގައި ނަގާފައިވާ ދަރަންޏެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ ޑޮލަރުގެ އަގު މައްޗަށް ދިޔައީ ދައުލަތުގެ ހަރަދުތައް ކުރުމަށް 2019 ވަނަ އަހަރުން ފެށިގެން އަމަލުކޮށްފައި އޮތް ގޮތުން ކަމަށާއި، އެގޮތުން ބާޒާރުގައި ދައުރުވާ ފައިސާގެ ތެރެއަށް 8.5 ބިލިއަން ރުފިޔާ ނެރެފައިވާ ކަމަށެވެ. އެ ފައިސާ ނުނެގޭނަމަ އޭގެ ގެއްލުން ތަހައްމަލުކުރަންޖެހޭނެކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ޑޮލަރުގެ ތާށިކަމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މިހާރުވެސް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.


300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި