މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއރިރު، ފަތުރުވެރިކަމަށް 11 އިން ސައްތައިގެ ކުރިއެރުމެއް ލިބިއްޖެއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިމަހުގެ ފުރަތަމަ 16 ދުވަސްތެރޭ ރާއްޖެއަށް ވަނީ 112,116 ފަތުރުވެރިން އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 107,847 ފަތުރުވެރިންނާ އަޅާ ބަލާއިރު %11 އިތުރު އަދަދެކެވެ.

ފަތުރުވެރިންގެ އަދަދަށް ކުރިއެރުން ލިބެން ފަށާފައިވާއިރު، މެދު އިރުމަތީގެ ހަމަނުޖެހުމާ ގުޅިގެން މިއަހަރުގެ މާރިޗު މަހުން ފެށިގެން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުތައް ވަނީ ދަށްވެފައެވެ.

މެއި މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދަށް %1.7 ކުރިއެރުމެއް ލިބުނު ނަމަވެސް، ޖޫން މަހު އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ ޖޫން މަހާ އަޅާ ބަލާއިރު %12 ވަނީ ދަށްވެފައެވެ. އަދި ޖުލައި މަހު %1.9 ވަނީ ދަށްވެފައެވެ. އޮގަސްޓުމަހު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މިވަނީ އިތުރުވެފައެވެ.

މިމަހުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާއިރު، މިދިޔަ ދުވަސްތަކުގައި އެވްރެޖްކޮށް ކޮންމެ ދުވަހަކު 5,994 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. އަދި އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މިމަހުގެ 8ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެއަށް ވަނީ 7،879 ފަތުރުވެރިން އައިސްފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 1.3 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 1.4 މިލިޔަން ފަތުރުވެރިންނާ އަޅާ ބަލާއިރު، %3.9 ދަށް އަދަދެކެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް އައިސްފައިވަނީ ޗައިނާ ފަތުރުވެރިންނެވެ. އެގޮތުން އެޤައުމުން ރާއްޖެއަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.