ވިހެއުމާ އެކު ދައުލަތުގެ ބެލުމުގެ ދަށަށް ތުއްތު ކުއްޖަކު ގެންދިޔަ މައްސަލައިގެ ތަހުގީގަށް ބޭނުންވާ ގިނަ އަދަދެއްގެ މައުލޫމާތު މިހާރު އެއްކުރެވިފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ހާމަކޮށްފިއެވެ. މި މައްސަލައިގައި ކަންހިނގާފައިވާ ގޮތް ބެލުމަށްޓަކައި އެ ކޮމިޝަނުން ވަނީ ކޯޓު އަމުރެއްގެ ދަށުން ސޯޝަލް ޑިވެލޮޕްމަންޓް މިނިސްޓްރީއަށް ގޮސް މައުލޫމާތު އެއްކޮށްފައެވެ.
އެޗްއާރްސީއެމް އިން ވިދާޅުވީ، މައިމީހާގެ ނުރުހުމުގައި ނުހައްގުން ކުއްޖާ ނެގި ކަމަށް ބުނާ މައްސަލައިގައި ހޯދިފައިވާ ހެއްކާއި ގަރީނާތައް ދިރާސާކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ތަހުގީގު ފުރިހަމަކުރުމަށް އިތުރަށް ބޭނުންވާ ހެކި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި، ވަރަށް އަވަހަށް ހުރިހާ މައުލޫމާތެއް ހޯދައި ނިންމާލެވޭނެ ކަމަށް ވެސް އެ ކޮމިޝަނުން ފާހަގަކުރެއެވެ.
މި މައްސަލައާ ގުޅިގެން އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފައިވަނީ، ދައުލަތަށް ކުއްޖަކު ނަގަނީ އާއިލާގެ ތެރެއިން އެ ކުއްޖާގެ ރައްކާތެރިކަން ކަށަވަރުނުކުރެވޭ ހާލަތްތަކުގައި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. އަދި ކުދިންނާ ގުޅޭ ކަންކަން ނިންމުމުގައި އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ އެކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށް ކަމަށްވެސް އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، ކުއްޖާ ދައުލަތަށް ނެގުމުގެ ކުރިން މައިންބަފައިންގެ އަރިހުގައި ބަހައްޓައިގެންނާއި، އެކަން ނުވެއްޖެނަމަ އާއިލާގެ އެހެން މީހެއްގެ ބެލުމުގެ ދަށުން ރައްކާތެރިކަން ދިނުމަށް އިސްކަންދޭ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ގެންނަނީ މައިންބަފައިންނާއި އާއިލާގެ އެއްވެސް ފަރާތަކުން ރައްކާތެރިކަން ކަށަވަރުނުކޮށްދެވޭ ހާލަތުގައި އެކަނި ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.