ރޫސީވިލާތުން ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށާއި، ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކޮށް ހަރުދަނާ ކުރުމަށްޓަކައި އެ ގައުމަށް ކުރާ ހާއްސަ ދަތުރުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ބައިވެރިވެއްޖެއެވެ. އޮގަސްޓް މަހުގެ 17 އިން 21 އަށް ކުރިއަށްދާ މި ދަތުރުގައި ރޫސީވިލާތުގެ ވެރިރަށް މޮސްކޯ އަދި ވިޔަފާރީގެ މަރުކަޒު ސެއިންޓް ޕީޓަރސްބާގަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުގައި ބައިވެރިވާ ރާއްޖޭގެ މަތީ ފަންތީގެ ޑެލިގޭޝަނުގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، އެމްއޭސީއެލް އަދި ގައުމީ އެއާލައިން މޯލްޑިވިއަން ހިމެނެއެވެ. މީގެއިތުރުން ރިސޯޓް ލައިފް ޓްރެވަލް، އިން ޓުއާ މޯލްޑިވްސް އަދި ފަތުރުވެރިކަމުގެ ދާއިރާގެ އަމިއްލަ އެހެނިހެން ކުންފުނިތަކުގެ މަންދޫބުން ވެސް މި ދަތުރުގައި ބައިވެރިވެއެވެ. ރޫސީވިލާތަކީ ރާއްޖެއަށް އެންމެ މުހިންމު އެއް މާކެޓް ކަމަށްވާއިރު، މި ދަތުރުގެ މައިގަނޑު ބޭނުމަކީ އެ ގައުމުން ރާއްޖެއަށް އޮތް ބޮޑު ތަރުހީބުގެ މައްޗަށް ބިނާކޮށް، މާކެޓު އިތުރަށް ފުޅާކުރުމެވެ.
މި ދަތުރުގެ ތެރޭގައި މޮސްކޯ އަދި ސެއިންޓް ޕީޓަރސްބާގުގެ ސަރުކާރުގެ އިދާރާތަކާއި، އެއާލައިންތަކާއި، ޓުއާ އޮޕަރޭޓަރުންގެ އިތުރުން ޓްރެވަލް ޓްރޭޑް ބައިވެރިންނާ މަންދޫބުން ބައްދަލުކުރާނެއެވެ. މި މަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރެވޭނީ ރޫސީވިލާތުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރެވޭނެ ގޮތްތަކާއި، އެ މާކެޓުގައި ރާއްޖޭގެ ހަރަކާތްތެރިކަން ވަރުގަދަކުރުމަށާއި، ރާއްޖެ އިޝްތިހާރުކޮށް ވިއްކާ ފަރާތްތަކާއެކު ގާތުން މަސައްކަތްކުރެވޭނެ ގޮތްތައް ހޯދުމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.