1280 × 720 (16:9)
އަންގާރަ18 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މޯލްޑިވިއަން އިން ފަތުރުވެރިންގެ އަތުން ނަގާ ފެއާ ކުޑަކުރަން، ވަޒީރުންގެ މަޖިލިހުން ނިންމައިފި

މޯލްޑިވިއަންގެ ބޯޓެއް ފުރަންތައްޔާރުވެފައި --- ފޮޓޯ: އޭރޯ އެފްބީ
މަރްޔަމް ޝަފާ ސައީދު
9ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައި.އޭ.އެސް) އިން ވައިގެ ދަތުރުފަތުރުގެ ޓިކެޓަށް ފަތުރުވެރިންގެ އަތުން ނަގާ ފެއަ މުރާޖައާކޮށް، އެ އަގުތައް ކުޑަކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ. މި ނިންމެވުން ނިންމަވާފައިވަނީ 16 އޮގަސްޓު 2026 ވީ އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.

ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ދަތުރުފަތުރުގެ ދާއިރާއިން އައި.އޭ.އެސް އިން ފަތުރުވެރިންގެ އަތުން ނަގާ ފެއަ މުރާޖައާކޮށް މި ފެއާ ކުޑަކުރެއްވުމަށް ވަނީ ނިންމާފަައެވެ. ނަމަވެސް، އަގުތައް ކުޑަކުރާނެ މިންވަރެއް ސަރުކާރުން އަދި ހާމަކުރައްވާފައެއް ނުވެއެވެ.

ސަރުކާރުން މިގޮތަށް ނިންމެވީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއަރުވައި، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކުރާ ފަތުރުވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ކުރައްވާ މަސައްކަތުގެ ދަށުންނެވެ. މި ބަދަލުގެ ސަބަބުން ރާއްޖޭގެ ދުރު ރަށްތަކުގައި ހިންގާ ފަތުރުވެރިކަމުގެ މަޝްރޫޢުތަކަށް ބޮޑު ކުރިއެރުމެއް ލިބި، އަތޮޅުތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

300 × 250

މީގެ ކުރިން، ސެޕްޓެމްބަރު 2025 ގައި އައިލެންޑް އޭވިއޭޝަނުން ވަނީ އަމިއްލައަށް ދަތުރުކުރާ ފަތުރުވެރިން (FITs) އަށް ޚާއްޞަކޮށްގެން ޓިކެޓްގެ އަގުން އެވްރެޖްކޮށް 15 އިންސައްތަ ކުޑަކޮށްފައެވެ. ނަމަވެސް، އޭޕްރީލް 2026 ގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ޓިކެޓްގެ އަގުތައް ވަނީ ބޮޑުކުރަން ޖެހިފައެވެ. އެގޮތުން އެންމެ ދުރު ރޫޓުތައް ކަމަށްވާ އައްޑޫ އަދި ފުވައްމުލަކަށް ކުރާ ދަތުރުތަކުން ކޮންމެ ސެކްޓަރަކަށް 33 ޑޮލަރު (ރައުންޑް ޓްރިޕަކަށް 66 ޑޮލަރު) އިތުރުކުރެވުނެވެ.

ޤައުމީ އެއާލައިން 'މޯލްޑިވިއަން' އިން މިހާރު ރާއްޖޭގެ އެތެރޭގެ 18 އެއާޕޯޓަކަށް ދަތުރުތައް ބާއްވަމުން އަންނައިރު، ބައެއް ރަށްރަށަށާއި ރިސޯޓްތަކަށް ސީޕްލޭންގެ ޚިދުމަތްވެސް ދަނީ ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން މޯލްޑިވިއަންގެ ބައިނަލްއަޤްވާމީ ދަތުރުތައް އޮސްޓްރޭލިއާ، ޗައިނާގެ ތިން މަންޒިލް، ބަންގަލަދޭޝް، އިންޑިއާގެ ދެ މަންޒިލް އަދި ތައިލެންޑަށް ކުރެއެވެ.

ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި ވައިޑް-ބޮޑީ އެއާކްރާފްޓް (A330-200) ހޯދައި، 6 ޖެނުއަރީ 2025 ގައި ވަނީ އޮޕަރޭޝަނަށް ނެރެފައެވެ. މީގެ އިތުރުން، ޤަޠަރު އެއާވޭސް، އެމިރޭޓްސް، އަދި އާޒަރުބައިޖާން އެއާލައިންސް ފަދަ ބައިނަލްއަޤްވާމީ އެއާލައިންތަކާއެކު އިންޓަލައިން އެއާލައިން އެއްބަސްވުންތައް ޤާއިމުކޮށް، ފަތުރުވެރިންނަށް ފަސޭހަކަމާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަތުރުކުރެވޭނެ މަގު ވަނީ ފަހިކޮށްދީފައެވެ. އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަކުރުމަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޖުމްލަ ޚަރަދު ކުޑަވެ، ރާއްޖެއަކީ ވާދަވެރި މަންޒިލަކަށް ހެދުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި