ދިވެހިރާއްޖޭގެ އެއްވެސް ޤައުމީ ޓީމެއްގައި ބައިވެރިވެވޭނީ، ދުންފަތުގެ އިސްތިޢުމާލުކުރުމާ އެއްކޮށް ދުރުވެފައި ތިބި އެތުލީޓުންނަށް ކަމަށް ހެދުމުގެ އަމާޒު ހާސިލުކުރުމަށްޓަކައި، އެތުލީޓުންނަކީ ދުންފަތާ ދުރު ބަޔަކަށް ހެދުމަށް ޚާއްޞަ އަމާޒުތަކެއް ކަނޑައެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ. މި ނިންމެވުން ނިންމަވާފައިވަނީ 16 އޮގަސްޓު 2026 ވީ އާދީއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ވަނީ ދުންފަތާއި ނިކޮޓިންގެ ނުރައްކަލާމެދު ޢާންމުން ހޭލުންތެރިކުރުމަށާއި، "ޖެނެރޭޝަނަލް ބޭން" ނުވަތަ ވަކި ޖީލަކަށް ދުންފަތް މަނާކުރުމުގެ ސިޔާސަތު ތަންފީޒުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވަނީ، ސްކޫލް ނިޒާމުގެ ތެރެއިން މި ސިޔާސަތު ތަންފީޒުކުރުމަށްޓަކައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ކޯޑިނޭޓްކުރާ ގޮތަށް، މިނިސްޓްރީ އޮފް ހެލްތުން މި މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.

މި ކެމްޕޭންގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި ހަރަކާތްތެރިވާ މަދަނީ ޖަމުޢިއްޔާތައް ބައިވެރިކުރުމަށް ވެސް ވަނީ ނިންމަވާފައެވެ. މިގޮތުން ކޮންމެ ރަށަކުން މި ކެމްޕޭނުގައި ބައިވެރިވާނެ ފަރާތެއް ހެލްތު މިނިސްޓްރީން ކަނޑައަޅުއްވާނެއެވެ. އަދި ކެމްޕޭނުގެ ފުރަތަމަ މަރުޙަލާގައި ކޮންމެ އަތޮޅަކުން މަދުވެގެން އެއް ޖަމުޢިއްޔާ އަދި މާލޭ ސަރަޙައްދުން ގިނަ ޢަދަދެއްގެ ޖަމުޢިއްޔާތައް ބައިވެރިކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޚާއްޞަކޮށް ކުޅިވަރުގެ ދާއިރާއިން ދުންފަތް ނައްތާލުމަށް ބާރުއެޅުމުގެ ގޮތުން، ރަށްރަށުގައި ތިއްބަވާ ޔޫތު އެސޯސިއޭޓުންނާއި ކުޅިވަރުގައި ހަރަކާތްތެރިވާ ފަރާތްތައް ބޭނުންކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ފުޅާކުރުމަށް ވަނީ ނިންމަވާފައެވެ. ސަރުކާރުގެ އަމާޒަކީ ޤައުމީ ފެންވަރުގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނަކީ ދުޅަހެޔޮ، ދުންފަތުގެ އިސްތިޢުމާލުން ސަލާމަތްވެފައިވާ ނަމޫނާ ބަޔަކަށް ހެދުމެވެ.

މީގެ އިތުރުން، ސިނގިރޭޓުގެ އިމްޕޯޓު ޑިއުޓީ ރޭޓުތައް މުރާޖައާކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ. ރާއްޖޭގައި 1 ޖެނުއަރީ 2007 ގެ ފަހުން އުފަންވާ ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުމާއި ބޭނުންކުރުން މަނާކުރާ "ޖެނެރޭޝަނަލް ބޭން" 1 ނޮވެމްބަރު 2025 އިން ފެށިގެން ވަނީ ތަންފީޒުކުރަން ފަށާފައެވެ. މި ހުރިހާ ފިޔަވަޅުތަކަކީ ރާއްޖެއަކީ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ޖީލެއް އޮތް ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅުގެ މަތިން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެކެވެ.