ދަތުރުފަތުރުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކޮށް، ރަޝިޔާއާއި ދިވެހިރާއްޖެއާއި ދެމެދު ކުރާ ދަތުރުތައް އިތުރުކުރުމާ ގުޅޭގޮތުން ދެ ޤައުމުގެ ދެމެދުގައި މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރައްވާފައިވަނީ ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން މިހާރު ރަޝިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގެ ވެރިރަށް މޮސްކޯގައެވެ. މި ބައްދަލުކުރެއްވުން ބާއްވަވާފައިވަނީ ރަޝިޔާ ފެޑެރޭޝަންގެ ސްޓޭޓް ސެކްރެޓަރީ އޮފް ޓްރާންސްޕޯޓް ޑިމިޓްރީ ޒްވެރެވްއާއެކުގައެވެ. މި ބައްދަލުކުރެއްވުމުގައި ވައިގެ ދަތުރުފަތުރުގެ ވިއުގަ ފުޅާކުރުމާއި، ދެ ޤައުމުގެ ދެމެދުގައި ކުރާ ވައިގެ ދަތުރުތަކުގެ އަދަދު އިތުރުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، މިއީ ވަރަށް މުހިންމު މަޝްވަރާތަކެއް ކަމަށާއި، މި މަޝްވަރާތަކުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި ބާއްވާ ފްލައިޓްތަކުގެ އަދަދު އިތުރުކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި މިއީ ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު އިތުރުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅަކަށް ވެގެންދާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މިއަހަރުގެ ފަތުރުވެރިކަމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރުގެ ފުރަތަމަ ފަސް މަސްދުވަހު ރާއްޖެ އައި ފަތުރުވެރިންގެ %13 އަކީ ރަޝިޔާގެ ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %21 އިތުރު އަދަދެކެވެ. އަދި މިއަހަރުގެ މިހާތަނަށް 130،000 އަށްވުރެ ގިނަ ރަޝިޔާ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، ރަޝިޔާއަކީ މިހާރު ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމެވެ.

ރާއްޖެއަށް ލިބޭ އާމްދަނީގެ ބޮޑު އިންސައްތައެއް ޙިއްސާކުރަނީ ފަތުރުވެރިކަމުގެ ދާއިރާއިން ކަމަށްވާއިރު، ދުނިޔޭގެ އެކި ޤައުމުތަކުގައި ރާއްޖެ މާކެޓްކޮށް، އެކި ކަންކޮޅުތަކުން ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް ކަމާ ގުޅޭ ވުޒާރާތަކާއި ކުންފުނިތަކުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.