އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމާ ގުޅޭގޮތުން ދިވެހި ސަރުކާރުން ވަކި ގޮތެއް ނުނިންމާ ކަމަށް ޚާރިޖީ ވުޒާރާއިން ބުނެފިއެވެ.

ޚާރިޖީ ވުޒާރާއިން މިކަން ހާމަކުރީ އިންޑިއާގެ ބެންގަލޫރުގައި ރާއްޖޭގެ ކޮންސިއުލޭޓެއް އަދި ރާއްޖޭގެ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސުލޭޓެއް ގާއިމުކުރަން ނިންމާފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުގައާއި މީސްމީޑިއާގައި ފަތުރަމުންދާ ޚަބަރުތަކާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ. އެ ވުޒާރާއިން ބުނީ އެ ވާހަކަތަކަކީ ސައްހަނޫން މައުލޫމާތުތަކެއް ކަމަށެވެ.

ހަމައެހެންމެ، މާލެ ސިޓީ ނޫން އެހެން ރަށެއްގައި ބޭރު ޤައުމެއްގެ ކޮންސިއުލޭޓެއް ޤާއިމުކުރުމާމެދު ދިވެހި ސަރުކާރުން މިހާތަނަކަށް ވަކި ގޮތެއް ނިންމާފައި ނުވާނެ ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ. އަދި މިއީ ކަމާބެހޭ ހުރިހާ ފަރާތްތަކެއް ހިމެނިގެން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން ނިންމޭނެ ނިންމުމެއް ކަމަށް ސަރުކާރުން ދެކޭ ކަމަށްވެސް އެވުޒާރާގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.

ނޫސްތަކުގައާއި މީސްމީޑިއާގައި ތެދު އަދި ޒިންމާދާރު މައުލޫމާތު ޝާއިއުކުރުމަކީ މުޖުތަމައުގެ ހަމަޖެހުމަށާއި، ރައްޔިތުންގެ ހޭލުންތެރިކަމަށްޓަކައި ކޮންމެހެން ބޭނުންވާ ކަމެއް ކަމަށްވެސް ޚާރިޖީ ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ.