ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން އިންތިޒާމުކޮށްގެން ބާއްވާ ބައިނަލްއަގުވާމީ 8 ވަނަ މުދައްރިސުންގެ މަހާސިންތާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މަހާސިންތާއަކީ މުދައްރިސުންނާއި ތައުލީމީ ދާއިރާގައި ފަންނީ މަސައްކަތް ކުރާ ފަރާތްތަކުގެ މެދުގައި ދިރާސާ ކުރުމުގެ ސަގާފަތެއް ގާއިމުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.
މިއަހަރުގެ މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 12 އިން 13 އަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ޝަހީދު އަލީ ސްކޫލުގައެވެ. މި މަހާސިންތާގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ މުދައްރިސުންނަށާއި، ސްކޫލްތަކުގެ އިސްވެރިންގެ އިތުރުން ތައުލީމީ ދާއިރާގެ ފަންނީ މީހުންނަށް ވަނީ ހުޅުވާލާފައެވެ. ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 29 ވަނަ ދުވަހެވެ.
މިއަހަރުގެ މަހާސިންތާ ޚާއްސަކޮށްފައިވަނީ "ރީއިމޭޖް، ރީތިންކް، ރިފޯމް- އެޑްވާންސިން އިނޮވޭޝަން ފޯރ އޭން އިކުއިޓެބަލް އެންޑް ރެސިލިއަންޓް ފިއުޗަރ" މި ޝިއާރަށެވެ. އެންއައިއީން ބުނި ގޮތުގައި މި މަހާސިންތާގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ ފަރާތްތަކުން 60 އަށްވުރެ ގިނަ ދިރާސާ ކަރުދާސް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން 4 ވޯކްޝޮޕަކާއި، 2 ޕެނަލް ޑިސްކަޝަން އަދި 2 ކީނޯޓް ސެޝަން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ އިންސްޓިޓިއުޓުން ހާމަކުރެއެވެ.
މިފަހަރުގެ މަހާސިންތާގައި އަލިއަޅުވާލާ މުހިންމު މައުޟޫއުތަކުގެ ތެރޭގައި ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވައިދިނުމާއި، ކުދިން ޝައުގުވެރިވާނެ ގޮތަށް ކިޔަވައިދޭނެ ގޮތްތަކާއި، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކިޔަވައިދިނުމުގައި ބަލަންޖެހޭ ކަންތައްތަކުގެ އިތުރުން ކޯޑިން އަދި ރޮބޮޓިކްސް ފަދަ ޒަމާނީ ތައުލީމީ ދާއިރާތައް ހިމެނެއެވެ.
މުދައްރިސުންގެ މަހާސިންތާއަކީ 2012 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ މަހާސިންތާއެކެވެ. ބައިނަލްއަގުވާމީ ފެންވަރުގައި ބާއްވާ މި މަހާސިންތާތަކުގެ ސަބަބުން ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި އެކަންކަން ހައްލުކުރާނެ ގޮތްތަކާމެދު މަޝްވަރާކޮށް، ކިޔަވައިދިނުން އިތުރަށް ރަނގަޅުކުރުމަށް ޚިޔާލު ބަދަލުކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.



-1.webp)



ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.