ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތަކާއި ފަރުވާ އިތުރަށް ފުރިހަމަކުރުމަށްޓަކައި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަދި ޑޭޓާ ސައިންސް ބޭނުންކުރުމަށް ޗައިނާގެ ޔުނާން ޔުނިވަރސިޓީ އާއި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އެންޑީއޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އެޖެންސީގެ ޗެއާޕާސަން، އަލްއުސްތާޛު އަޙްމަދު ޞިއްދީޤުއެވެ. މި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އާއި އެންޑީއޭގެ އިސް ބޭފުޅުންގެ އިތުރުން ޗައިނާގެ ވަފުދުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
އޭއައި މެދުވެރިކޮށް ޚިދުމަތްތައް އަވަސްކުރުން
މި ފަހުމުނާމާގެ ސަބަބުން މަސްތުވާތަކެތީގެ ވަބާއިން މީހުން ސަލާމަތްކުރުމަށް މިހާރު ދެމުންދާ ފަރުވާ އާއި ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތައް ތަރައްގީކުރުމަށް އޭއައި އަދި ޑޭޓާ ސައިންސް ބޭނުންކުރުމަށް އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިވާނެއެވެ. މި އެއްބަސްވުމުގެ ދަށުން އޭއައި ބޭނުންކޮށްގެން ހައްލުތައް ހޯދުމާއި، ދިރާސާކުރުމާއި، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ތަމްރީނު ދިނުމާއި މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ މައިގަނޑު މަސައްކަތްތައް ކުރިއަށްދާނީ ނޭޝަނަލް ޑްރަގް އެޖެންސީގައެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެންޑީއޭގެ ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރަލް އަބްދުﷲ ފަސީޙް ވިދާޅުވީ އޭއައި ބޭނުންކުރަން ފެށުމުން އެންޑީއޭގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ. އަދި މިހާރު ފަރުވާ ހޯދާ މީހުންގެ ސައިކޮލޮޖިކަލް އެސެސްމެންޓް ހެދުމަށް ގިނަ ދުވަސްތަކެއް ހޭދަވި ނަމަވެސް، އޭއައި މެދުވެރިކޮށް އެސެސްމެންޓުގެ ނަތީޖާއަށް މަޑުކުރަން ނުޖެހި އަވަހަށް ފަރުވާ ދިނުމަށް މަގުފަހިވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"ނަފްސާނީ ފަރުވާދިނުމަށް ފޯރުކޮށްދޭ ޚިދުމަތްތައް 24 ގަޑިއިރު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ގޮންޖެހުން ފޯރުކޮށްދިނުމުގައި އެބަހުރި. އޭއައި ބޭނުންކުރަން ފެށުމުން ކޮންމެ ވަގުތަކު ކޮންމެ ތާކު ހުރެގެންވެސް ޚިދުމަތް ފޯރުކޮށްދޭން މަގުފަހިވެގެންދާނެ،" އަބްދުﷲ ފަސީޙް ވިދާޅުވިއެވެ.
ރާއްޖޭގެ މާހައުލަށް އެޕްލިކޭޝަން ފެއްތުމާއި ތަމްރީނު ދިނުން
މި އެއްބަސްވުމުގެ ދަށުން މަސައްކަތް ކުރިއަށްގެންދާނީ ޔުނާން ޔުނިވަރސިޓީގެ ސްކޫލް އޮފް ސޮފްޓްވެއާ އެންޑް އާޓިފިޝަލް އިންޓެލިޖެންސް އާއި އެންޑީއޭ ގުޅިގެންނެވެ. އެ ސްކޫލުން އެކުލަވާލާފައިވާ އޭއައި އެޕްލިކޭޝަނަކީ ނަފްސާނީ ސިއްހަތާ ގުޅުންހުރި ފަރުވާ ދިނުމުގައި ވަރަށް ބޭނުންތެރި އާލާތެއް ނަމަވެސް، އެ އެޕްލިކޭޝަން ބައްޓަންކޮށްފައިވަނީ ޗައިނާގެ މާހައުލަށް ފެތޭ ގޮތަށް ކަމަށްވާތީ އެންމެ ފުރަތަމަ ކުރާނެ މަސައްކަތަކީ އެ އެޕްލިކޭޝަން ރާއްޖޭގެ މާހައުލަށް ފެއްތުން ކަމަށް ފަސީޙް ވިދާޅުވިއެވެ.
އަދި މި މަސައްކަތް ކުރުމަށްޓަކައި ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ބަންޑާރަނައިބުގެ އޮފީހާ ގުޅިގެން ކުރިއަށްގެންދާނެ ކަމަށްވެސް އެންޑީއޭއިން ހާމަކުރެއެވެ. މީގެއިތުރުން، އޭއައި ބޭނުންކޮށްގެން އެންޑީއޭގެ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން ކަމާގުޅުންހުރި މުވައްޒަފުންނަށް ބޭނުންވާ ޚާއްސަ ތަމްރީނުތައް ދިނުމަށްވެސް ވަނީ ނިންމާފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.